ފަލަސްތީނުގައި ހާލުގައި ޖެހިފައިވާ މުސްލިމުންނަށް އެހީތެރިވުމުގެ ގޮތުން ވޭސްޓް މެނޭޖުމަންޓް ކޯޕަރޭޝަން (ވެމްކޯ)ގެ މުވައްޒަފުންގެ ފަރާތުން 50،000 ރުފިޔާ ހަދިޔާކޮށްފި އެވެ.

ވެމްކޯގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެ ފައިސާ ވަނީ އިންޓަނޭޝަނަލް އެއިޑް ކެމްޕެއިން (އައިއޭސީ)އާ ހަވާލުކޮށްފަ އެވެ. ވެމްކޯގެ ފަރާތުން އައިއޭސީއަށް އެ ފައިސާ ހަވާލުކޮށްދެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އާދަމް މުހައްމަދެވެ.

ވެމްކޯއިން ބުނީ އެ ފައިސާގެ އެހީއަކީ އެ ކުންފުނީގެ ހުރިހާ ސައިޓްތަކެއްގައި ބެހެއްޓި ފަންޑު ފޮށިތަކަށް މުވައްޒަފުން ހެޔޮހިތުން ޖަމާކޮށްދީފައިވާ އެހީއެއް ކަމަށެވެ.

ވެމްކޯއިން އެ ފައިސާ ހަދިޔާ ކުރީ އައިއޭސީން ކުރިއަށްގެންދިޔަ "ލޯތްބާއެކު2021" ކެމްޕެއިނަށެވެ. އެއީ ފަލަސްތީނުގެ ޣައްޒާގެ ރައްޔިތުންނަށް އެހީވުމަށް ޚާއްސަކޮށްގެން ހިންގި ކެމްޕޭނެކެވެ.

ވެމްކޯގެ މުވައްޒަފުންގެ އިތުރުން ސަރުކާރާއި އަމިއްލަ ބައެއް އެހެން ކުންފުނިތަކުގެ މުވައްޒަފުންވެސް ވަނީ ފަލަސްތީނުގެ މުސްލިމު އަހުންނާއި އުހުތުންނަށް އެހީތެރިކަން ފޯރުކޮށްދީފަ އެވެ.

"ލޯތްބާއެކު2021" ކެމްޕެއިން މިހާރު ނިމިފައިވާ ކަމަށް އައިއޭސީން ވަނީ ބުނެފަ އެވެ. އެ ޖަމްއިއްޔާ އިން ބުނީ އެ ކެމްޕޭނަށް ލިބުނު ފައިސާގެ ޖުމްލަ އަދަދު ތިން ދުވަސް ތެރޭގައި ހާމަކުރާނެ ކަމަށެވެ.

އެ ކެމްޕެއިން ނިމުނު ކަމުގައި ވިޔަސް ޣައްޒާގެ ރައްޔިތުންނަށް އެހީވުމަށް އިތުރު ޕްރޮޖެކްޓެއް ވަރަށް އަވަހަށް އިއުލާން ކުރާނެ ކަމަށް ވެސް އައިއޭސީން ބުންޏެވެ.