މާލޭ ސިޓީ ކައުންސިލަށް ދޫކުރާ ބްލޮކް ގްރާންޓުން 19 މިލިއަން ރުފިޔާ އުނިކުރަން ފިނޭންސް މިނިސްޓްރީން ނިންމައިފިއެވެ.
ވެމްކޯއަށް ނުދެއްކި ހުރި ފައިސާ ހުރުމުގެ ސަބަބުން، ސިޓީ ކައުންސިލަށް މި މަހު ދިނުމަށް ހަމަޖެހިފައިވާ ބްލޮކް ގްރާންޓުން 19 މިލިއަން ރުފިޔާ އުނިކުރުމަށް ނިންމާފައިވާކަން އަންގައި ފިނޭންސް މިނިސްޓްރީން އެ ކައުންސިލަށް މިއަދު ސިޓީއެއް ފޮނުވާފައިވާކަން ކައުންސިލަރެއް ވަނީ "ވަން" އަށް ކަށަވަރުކޮށްދެއްވައިފައެވެ.
މިމަހު ކައުންސިލަށް ބްލޮކް ގްރާންޓުގެ ގޮތުގައި ލިބެން އޮތީ ޖުމްލަ 19،285،734 ރުފިޔާއެވެ. އޭގެ ތެރެއިން 19 މިލިއަން އުނިކޮށްފި ނަމަ، ގްރާންޓުގެ ގޮތުގައި މިމަހު ކައުންސިލަށް ލިބޭނީ 285،734 ރުފިޔާއެވެ.
ފިނޭންސް މިނިސްޓްރީގެ އެ އެންގުމާ ގުޅިގެން ދަތިތައް ކުރިމަތިވާނެކަން ފާހަގަކުރުމަށް ކައުންސިލުން ވަނީ މިއަދު ފިނޭންސަށް ސިޓީއެއް ފޮނުވައިފައެވެ. އެ ސިޓީގައި ވަނީ، އެ ފައިސާ އުނިކުރުމުން މުވައްޒަފުންނަށް މުސާރަދިނުމާއި އޮފީސް ހިންގުމުގެ ހަރަދުކުރުމަށް ދަތިވާނެތީ މަޝްވަރާކުރުމަށް އެދިފައެވެ.
ވެމްކޯ އިން މިމަހުގެ 13 ވަނަ ދުވަހު ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ، 2022 ވަނަ އަހަރުން ފެށިގެން ސިޓީ ކައުންސިލުން ހިދުމަތް ހޯދުމަށްފަހު ނުދައްކާ އޮތް ފައިސާގެ ޖުމްލަ 116,421,129 (116.4 މިލިއަން) ރުފިޔާއަށް އަރާފައިވާ ކަމަށެވެ. ފައިސާ ނުލިބުމުގެ ސަބަބުން ކުންފުނީގެ މާލީ ފުދުންތެރިކަން ދަށްވުމުގެ އިތުރުން، މުވައްޒަފުންގެ ޕެންޝަން ފައިސާ ދެއްކުމުގައިވެސް ދަތިތަކާ ކުރިމަތިވަމުންދާ ކަމަށާއި، އެކަން އެގޮތަށް ދިމާވަނީ ބޮޑެތި ކަސްޓަމަރުން ފައިސާ ނުދައްކާތީ ކަމަށް ވެމްކޯއިން ބުނެފައިވެއެވެ.
އަދި ސިޓީ ކައުންސިލުން ފައިސާ ދައްކާ ނަމަ، ކުންފުންޏަށް ލިބިފައިވާ މާލީ ގެއްލުންތަކުން އަރައިގަނެވޭނެ ކަމަށްވެސް ވެމްކޯއިން ބުނެފައިވެއެވެ. ވެމްކޯއިން ބުނެފައިވާ ގޮތުގައި ފައިސާ ނުދައްކާ އޮތުމުގެ ސަބަބުން، އާންމު އުސޫލުގެ ދަށުން ކައުންސިލްގެ އާ ތަންތަން ރަޖިސްޓްރީ ކޮށްދިނުމަށާއި އާ ހިދުމަތްތައް ފޯރުކޮށްދިނުމަށް ވަނީ ހުރަސްތަކެއް ކުރިމަތިވެފައެވެ.
ނަމަވެސް، ރައްޔިތުންނަށް ދޭ އަސާސީ ހިދުމަތަކަށް ވާތީ، މިހާރު ދެމުންދާ ހިދުމަތްތައް މެދުކަނޑާނުލާ ކުރިއަށްގެންދާ ކަމަށް ވެމްކޯއިން ބުނެފައިވެއެވެ.
މީގެ އިތުރުން، ސިޓީ ކައުންސިލަށް ބޮޑު އަގެއްގައި ހިދުމަތްދޭ ކަމަށް ކުރާ ތުހުމަތުތަކަށް ރައްދު ދެމުން ވެމްކޯއިން ބުނެފައިވަނީ، ސަރުކާރުގެ މުއައްސަސާތަކަށް ތަފާތު ރޭޓެއްގައި ހިދުމަތް ދެނީ އާންމު ރައްޔިތުންގެ އަތުން ނަގާ ފީ ކުޑަކޮށް، ހިދުމަތުގެ އަގު ހެޔޮކޮށް ބެހެއްޓުމަށް ކަމަށެވެ.
މި މައްސަލަ ހައްލުކުރުމަށްޓަކައި ޕޭމަންޓް ޝެޑިއުލެއް ހުށަހެޅުމަށް އެތައް ފަހަރަކު އެދުމުން ވެސް، ސިޓީ ކައުންސިލުން އެދެވޭ އެއްބާރުލުމެއް ދީފައި ނުވާކަމަށް ވެމްކޯއިން ބުނެފައިވެއެވެ.
މާލޭ ސިޓީ ކައުންސިލް
މާލޭ ސިޓީ ކައުންސިލް
މާލޭ ސިޓީ ކައުންސިލް
މާލޭ ސިޓީ ކައުންސިލް
ކޮމެންޓް