ހުސްވި މެއި މަހުގެ ހަ ވަނަ ދުވަހުގެ ރޭ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަ ކޮށްލުމަށް ދިން ހަމަލާއާ ގުޅިގެން، އެމަނިކުފާނަށް ދެމުން އަންނަ ސަލާމަތާއި ރައްކާތެރިކަން ފޫދިޔަ ގޮތް ހޯދުމަށް ރައްޔިތުންގެ މަޖިލީހުގެ 241 ކޮމިޓީން ކުރިއަށް ގެންދާ ޕާލަމެންޓަރީ އިންކުއަރީ އަށް ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަބްދުﷲ ޝަމާލް މިއަދު މައުލޫމާތު ދެއްވައިފިއެވެ.
ނަމަވެސް ކޮމިޓީ ބައްދަލުވުން ސިއްރު ކޮށްފައިވާތީ، ޝަމާލް ކޮމިޓީއާ ހިއްސާ ކުރެއްވީ ކޮން މައުލޫމާތުތަކެއްކަން ވަނީ އެނގޭ ގޮތް ނުވެފައެވެ.
ޗީފް އޮފް ޑިފެންސް ފޯސްގެ އިތުރުން ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް އާއި މާލެ ސިޓީގެ ކުރީގެ މޭޔަރު، ޝިފާ މުހައްމަދު ވެސް މިއަދު ވަނީ ކޮމިޓީއަށް ހާޒިރުކޮށްފައެވެ.
އެ މައްސަލައާ ގުޅިގެން ކޮމިޓީއަށް ހާޒިރު ކުރަންޖެހޭ ފުލުހުން އިއްޔެ ވަނީ ހާޒިރުކޮށްފައެވެ. އެގޮތުން ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދުގެ އިތުރުން ބައެއް އިސް އޮފިސްރުންވެސް އިއްޔެ ހާޒިރުކުރިއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ކޮމިޓީން ކުރިއަށް ގެންދާ ތަހުގީގަށް ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީވެސް ހާޒިރުކުރަން ވަނީ ހަމަޖެހިފައެވެ. ނަމަވެސް މިނިސްޓަރު މާރިޔާ ކޮމިޓީއަށް ހާޒިރުވާން އަންގާފައިވާ ދުވަހެއް އަދި ނޭނގެއެވެ.
އޭގެ އިތުރުން ގައުމީ ސަލާމަތީ ބާރުތަކުގައި ހިމެނޭ އެމްއެންޑީއެފްގެ ބޭފުޅުންވެސް އެ ކޮމިޓީއަށް ހާޒިރުކޮށް ސުވާލު ކުރުމަށްވެސް ވަނީ ހަމަޖެހިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު