ހުސްވި މެއި މަހުގެ ހަ ވަނަ ދުވަހުގެ ރޭ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަ ކޮށްލުމަށް ދިން ހަމަލާއާ ގުޅިގެން، އެމަނިކުފާނަށް ދެމުން އަންނަ ސަލާމަތާއި ރައްކާތެރިކަން ފޫދިޔަ ގޮތް ހޯދުމަށް 241 ކޮމިޓީން ކުރިއަށް ގެންދާ ޕާލަމެންޓަރީ އިންކުއަރީއަށް ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް ހާޒަރުކޮށް ސުވާލުކޮށްފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ބުނީ، މިނިސްޓަރު އަސްލަމް ހާޒިރު ކޮށްގެން ކުރިއަށް ގެންދާ ބައްދަލުވުންވެސް ސިއްރު ކޮށްފައިވާ ކަމަށެވެ.
ކޮމިޓީން ކުރިއަށް ގެންދާ ތަހުގީގަށް މާލެ ސިޓީ ކައުންސިލުގެ ކުރީގެ މޭޔަރު، ޝިފާ މުހައްމަދު ވެސް މިއަދު ހާޒިރުކުރިއެވެ. ނަމަވެސް އެ ބައްދަލުވުންވެސް ސިއްރު ކުރުމުން އިތުރު ތަފުސީލެއް ލިބޭ ގޮތެއް ނުވެއެވެ.
ރައީސް ނަޝީދަށް އަމާޒުކޮށް ހަމަލާދީފައި ވަނީ ގ. ކެނެރީގެއިން ނުކުމެވަޑައިގެން ނީލޯފަރު ހިނގުމުން ހިނގަވާފައި މަޖީދީމަގު ކައްމައްޗަށްވާ ގޮތަށް އޮތް ކާރު ކޮޅަށް އަރާ ވަޑައިގަންނަވަނިކޮށް، އެތާ ކައިރީގައި ބަހައްޓާފައި ހުރި ސައިކަލެއްގައި ހަރުކޮށްފައި ހުރި އައިއީޑީއެއް ގޮއްވާލައިގެންނެވެ.
ކޮމިޓީއަށް މިނިސްޓަރު އަސްލަމާއި ޝިފާ މިއަދު ހާޒިރު ކޮށްފައިވާ އިރު، ކެނެރީގެ ހުންނަ ނީލޯފަރު ހިނގުން މަގުގައި ޕާކު ނުކުރެވޭ ގޮތަށް ހަދަން ހުށަހެޅި ކަމަށާއި ނަމަވެސް ހައުސިން މިނިސްޓްރީގެ ފަރާތުން އެކަމަށް އެކަށީގެންވާ އެއްބާރުލުމެއް ލިބިފައިނުވާ ކަމަށް މޭޔަރު ކަމުގައި ހުންނެވި އިރު ޝިފާ ވަނީ ވިދާޅުވެފައެވެ.
އެކަމާ ގުޅިގެން ޝިފާ ނެރެނު ނޫސްބަޔާނެއްގައި ވިދާޅުވީ، 2011 ވަނަ އަހަރު މާލެ ސިޓީ ކައުންސިލުގެ ތިންވަނަ ދައުރުގެ ޖަލްސާއަށް ހުށަހެޅުނު ހަނި ގޯޅިތަކުގެ ތެރޭގައި ނީލޯފަރު ހިނގުން ހިމެނޭ ކަމަށާއި ކައުންސިލުން ނިންމީ އެ ގޯޅީގައި ހުރި ޕާކިން ޒޯންތަކުގެ ބަދަލުގައި އެހެން ޕާކިން ޒޯންތައް ހަމަޖެއްސުމަށްފަހު، އެ ގޯޅިއަކީ ދުއްވާ އެއްޗެހި ދުއްވުމާއި ޕާކު ކުރުން މަނާ ގޯޅިއެއްގެ ގޮތުގައި ހަމަޖެއްސުމަށް ކަމަށެވެ.
އަދި އޭގެ ފަހުން އެ މަގުގައި ވެހިކަލް ޕާކު ނުކުރެވޭ ގޮތަށް ހެދުމަށް އެމްއެންޑީއެފުންވެސް އެދުނު ކަމަށް ޝިފާ ވިދާޅުވެފައިވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު