މިދުވަސްކޮޅު އެންމެ ގަދައަށް ދެކެވޭ އެއް ވާހަކައަކީ ޓީވީ ތަރި ކަރަން މެހެރާ އަދި ނިޝާ ރަވަލްގެ ކޯޅުންގަނޑުގެ ވާހަކައެވެ.

މިދިޔަ ހަފުތާގައި ދެމީހުންގެ މެދުގައި ހިނގި އަރައިރުމަކަށްފަހު ކަރަން ވަނީ ހައްޔަރުވެސް ކޮށްފައެވެ. ދެތަރީންގެ މައްސަލައިގައި އިންޑިއާގެ މަޝްހޫރު އެތައް ޓީވީ ތަރީންނެއްގެ މެދުގައި ވަނީ ހިޔާލުތަފާތުވުން އުފެދިފައެވެ.

މި ދެމަފިރިންގެ މެދުގައި ޖެހިގެން އުޅޭ މައްސަލަ މީޑިއާގައި ހާމަކުރަމުން އަންނައިރު އެންމެ ފަހުން ކަރަން ދީފައިވާ އިންޓަވިއުގައި ބުނެފައިވަނީ އެމީހުން ދިރިއުޅެމުން އައި ފުލެޓުގައި ހަރުކޮށްފައި ހުރި ކެމެރާތައް ނިޝާ ނިއްވާލާފައި ހުންނަ ކަމަށެވެ.

ކަރަން ބުނެފައިވާ ގޮތުގައި އެގޭގެ ނިދާ ކޮޓަރި ނޫން ހުރިހާ ދިމާލެއްގައި 7 ކެމެރާ ހަރުކޮށްފައި ހުންނާނެ ކަމަށާއި، ހޯލުގައި ހަރުކޮށްފައި ހުރި ކެމެރާއަށް ރީތި ކޮށް ނިޝާ ފާރުގައި ބޯޖަހައި އަމިއްލައަށް އަނިޔާ ދޭ މަންޒަރު އަރާނެ ކަމަށެވެ. ނަމަވެސް ކެމެރާ ނިއްވާލާފައި ހުރިކަން ކަރަން އަށް އެނގުނީ މާ ފަހުން ކަމަށާއި ކެމެރާއަށް މަންޒަރު ރެކޯޑުކުރެވިފައި ހުރި ނަމަ ކަންކަން ރީތިކޮށް ސާފުވެގެން ދާނެކަމާއި މިއީ މާކުރިން ރާވައިގެން ކޮށްފައިވާ ކަމަށެވެ.

މިތުހުމުތުތަކާ ގުޅިގެން ނިޝާއާ ސުވާލު ކުރުމުން އޭނާ ބުނެފައިވަނީ ކެމެރާތައް ނިއްވާލާފައި ހުންނަ ކަމަށާއި ސަބަބަކީ ކެމެރާ ތަކުގެ ކުރިމަތީގައި ކަރަން އުޅެނީ ވަރަށް އޯގާތެރި މީހަކަށް ހެދިގެން ކަމަށާއި ނަމަވެސް ކޮޓަރިތެރޭގައި އޭނާއަށް އަނިޔާކުރާ ކަމުގައި ނިޝާ ވަނީ ކިޔާދީފައެވެ.

ދެތަރީންގެ މެދުގައި މައްސަލަ ޖެހިގެން އުޅެނީ ކަރަންގެ މައްޗަށް އިތުރު މީހަކާއެކު ގުޅުމެއް ބާއްވާކަމުގެ ތުހުމަތު ނިޝާ ކޮށް، ދެމީހުންގެ މެދުގައި ހިނގި އަރައިރުމަކަށްފަހު ފުލުހަށް މައްސަލަ ހުށަހަޅައި ކަރަން ހައްޔަރުކުރި ހިސާބުންނެވެ.

މިކަމާ ގުޅިގެން ނިޝާ ވަނީ ޕްރެސް ކޮންފަރެންސެއް ވެސް ބާއްވާފައެވެ. އަދި ޕްރެސްގައިވެސް ކަރަން ކައިވެނީގެ ބޭރުން ގުޅުމެއް ބާއްވާ ކަމުގައި ވަނީ ބުނެފައެވެ. ނިޝާގެ ކޮންފެރެންސަށްފަހު ކަރަން ބުނެފައިވަނީ، ކުރިން ނިޝާ ގާތުގައި އެމީހުންގެ ދަރިފުޅު ބަހައްޓަން ވިސްނި ކަމަށާއި ނަމަވެސް މިހާރު އެއީ ދަރިފުޅަށް އެހާ ރައްކާތެރިކަމެއް ނޫންކަމަށް ވިސްނޭ ކަމަށެވެ.

ނިޝާ ބުނާގޮތުގައި އޭނާގެ ބޮލަށް ލިބިފައިވާ އަނިޔާއަކީ ކަރަން ދިން އަނިޔާއެކެވެ. ނަމަވެސް ކަރަން ބުނާގޮތުގައި އެއީ ނިޝާ އަމިއްލައަށް ފާރުގައި ބޯ ޖަހައި ލިބިގަތް އަނިޔާއެކެވެ.

ކަރަން ބުނެފައިވަނީ ނިޝާ އަކީ އަބަދުވެސް މައްސަލަ ބޮޑު މީހެއް ކަމަށާއި އަތް އިސްކުރާ މީހެއް ކަމަށެވެ. ނިޝާ ރުޅި އައިސްފި ނަމަ އަތް އިސްކޮށް އެއްޗެތި ހަލާކުކޮށް ހަދާކަމަށް ކަރަން ވަނީ ބުނެފައެވެ. އަދި އެ ކަންކަން ރަނގަޅުވާނެ ކަމަށް ގަބޫލުކޮށް އެކުގައި ދިރިއުޅެން މަސައްކަތް ކުރި ކަމަށާއި، ނަމަވެސް ފާއިތުވި ހަތަރު އަހަރުގެ ތެރޭގައިވެސް އޭނާގެ މިޒާޖަށް ބަދަލެއް އައިސްފައި ނުވާ ކަމަށް ކަރަން ތުހުމަތު ކުރެއެވެ.

ކަރަން ތުހުމަތު ކުރާ ގޮތުގައި ނިޝާގެ ބައިޕޯލާ ޑިސްއޯޑާ ހުރެއެވެ. (މިއީ މީހާގެ މޫޑަށް ކުއްލިކުއްލިއަށް ބަދަލު އައުމަށް މަގުފަހި ކުރުވާ ބައްޔެކެވެ.) އަދި މިކަމަށް ނިޝާވެސް ވަނީ އޭނާ ދިން ޕްރެސް ކޮންފެރެންސުގައި އެއްބަސް ވެފައެވެ. ނިޝާ ބުނީ އޭނާގެ ބައިޕޯލާ ޑިސްއޯޑާ ހުންނަކަމަށާއި އެކަމާ އެއްބަސްވާން ލަދު ނުގަންނަ ކަމަށެވެ. ނަމަވެސް އޭނާއަކީ ބޯ ހަމަ ނުޖެހޭ މީހެއް ނޫން ކަމާއި އޭނާއަކީ ވެބް ކޮންޓެންޓު އުފައްދައި، ވީޑިއޯތައް ތައްޔާރުކޮށް ލިޔުންތައް ލިޔެ ހަދާ މީހެއް ކަމުން ކަންކަން ބެލެންސް ކުރަމުން އަންނަ ކަން ފެންނަން ހުންނާނެކަމުގައި ކަމަށެވެ.

މިމައްސަލައިގައި ކަރަންގެ ދިފާއުގައި ބައެއް ތަރިން ވާހަކަ ދައްކަމުން އަންނައިރު ނިޝާގެ ދިފާއުގައިވެސް އަންނަނީ ބައެއް ތަރިން ވާހަކަދައްކަމުންނެވެ. އަދި ބައެއް މީހުން ބުނަމުން އަންނަނީ ދެމީހުންގެ ކުޑަ ކުއްޖަކު ހުންނައިރު މައްސަލަ އާއްމުންގެ ތެރޭގައި ފާޅު ނުކޮށް ދެމީހުން ރީތިގޮތުގައި ހައްލުކުރުން ބުއްދިވެރިކަމަށެވެ.