ހުސްވި މެއި މަހުގެ ހަ ވަނަ ދުވަހުގެ ރޭ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަ ކޮށްލުމަށް ދިން ހަމަލާއާ ގުޅިގެން، އެމަނިކުފާނަށް ދެމުން އަންނަ ސަލާމަތާއި ރައްކާތެރިކަން ފޫދިޔަ ގޮތް ހޯދުމަށް 241 ކޮމިޓީން ކުރިއަށް ގެންދާ ޕާލަމެންޓަރީ އިންކުއަރީ އަށް މާލެ ސިޓީ ކައުންސިލްގެ ކުރީގެ މޭޔަރު، ޝިފާ މުހައްމަދު މިއަދު ހާޒިރުކޮށްފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ބުނީ، ޝިފާ ހާޒިރުކޮށްގެން ކުރިއަށްގެންދާ ކޮމިޓީ ބައްދަލުވުން ސިއްރު ކޮށްފައިވާ ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ހަމާ ދީފައި ވަނީ، ގ. ކެނެރީގޭން ނިކުމެވަޑަިއގެން ނީލޯފަރު ހިނގުމުން ހިނގަވާފައި ވަޑައިގެން ކާރު ކޮޅަށް އަރާ ވަޑައިގަންނަވަން އުޅުއްވަނިކޮށް އެދިމާލުގައި ބަހައްޓާފައިހުރި ސައިކަލެއްގައި ހަރުކޮށްފައި ހުރި އައިއީޑީއެއް ގޮއްވާލައިގެންނެވެ.

ކޮމިޓީއަށް ޝިފާ ހާޒިރު ކޮށްފައިވާއިރު، ރައީސް ނަޝީދު ދިރިއުޅުއްވާ ގެކޮޅު، ގ. ކެނެރީގެ ހުންނަ ނީލޯފަރު ހިނގުން މަގުގައި ޕާކް ނުކުރެވޭ ގޮތަށް ހަދަން ހުށަހެޅި ކަމަށާއި ނަމަވެސް ހައުސިން މިނިސްޓްރީގެ ފަރާތުން އެކަމަށް އެކަށީގެންވާ އެއްބާރުލުމެއް ލިބިފައިނުވާ ކަމަށް މޭޔަރު ކަމުގައި ހުންނެވީރު ޝިފާ ވަނީ ވިދާޅުވެފައެވެ.

އެކަން ހާމަ ކޮށް ޝިފާ ނެރެނު ނޫސްބަޔާނެއްގައި ވަނީ 2011 ވަނަ އަހަރު މާލެ ސިޓީ ކައުންސިލުގެ ތިންވަނަ ދައުރުގެ ޖަލްސާއަށް ހުށަހެޅުނު ހަނި ގޯޅިތަކުގެ ތެރޭގައި ނީލޯފަރު ހިނގުން ހިމެނޭ ކަމަށާއި ކައުންސިލުން ނިންމީ އެ ގޯޅީގައި ހުރި ޕާކިން ޒޯންތަކުގެ ބަދަލުގައި އެހެން ޕާކިން ޒޯންތައް ހަމަޖެއްސުމަށްފަހު، އެ ގޯޅިއަކީ ދުއްވާ އެއްޗެހި ދުއްވުމާއި ޕާކު ކުރުން މަނާ ގޯޅިއެއްގެ ގޮތުގައި ހަމަޖެއްސުމަށް ކަމަށެވެ. އަދި އޭގެ ފަހުން އެ މަގުގައި ވެހިކަލް ޕާކުނުކުރެވޭ ގޮތަށް ހެދުމަށް އެމްއެންޑީއެފުންވެސް އެދުނު ކަމަށް ޝިފާ ވިދާޅުވެފައިވެއެވެ.

މިއަދު 241 ކޮމިޓީއަށް ޝިފާ ހާޒިރުކޮށްފައިވާއިރު، ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު އާއި ފުލުންގެ އިސް ބައެއް ބޭފުޅުން އިއްވެ ވަނީ އެ ކޮމިޓީއަށް ހާޒިރުކޮށް ސުވާލު ކޮށްފައެވެ.

މީގެ އިތުރުން ގައުމީ ސަލާމަތީ ބާރުތަކުގައި ހިމެނޭ އެމްއެންޑީއެފްގެ ބޭފުޅުންވެސް އެ ކޮމިޓީއަށް ހާޒިރުކޮށް ސުވާލު ކުރުމަށް ވެސް ވަނީ ހަމަޖެހިފައެވެ.