ނަފުރަތުގެ އުފެއްދުން ކުށަކަށް ހެދުމުގެ ބިލު ފާސްކުރާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) ވިދާޅުވެއްޖެއެވެ.

ބޮންޑޭ މިހެން ވިދާޅުވެފައި ވަނީ އިސްލާމްދީނާ ދެކޮޅު މީހެއް ކަމަށް ތުހުމަތު ކުރުން ކުށެއްގެ ގޮތުގައި ކަނޑައަޅާފައިވާ ބިލު އޮތް ގޮތަށް ފާސްވުމަކީ އިސްލާމްދީނާ ދެކޮޅަށް ފާޅުގައި ވާހަކަދައްކާ މީހުންނަށް އެކަން ކުރުމަށް ހުޅުވާލެވޭ ގާނޫނީ ދޮރެއް ކަމަށް ވެރިކަން ހިންގާ ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީ (ޖޭޕީ) އިން ބުނުމުން ކުރެއްވި ޓުވީޓެއްގައެވެ.

ބޮންޑޭ ވިދާޅުވީ ސަރުކާރަކަށް ބިރުދައްކައިގެން ދައުލަތުގެ ހަޒާނާ ލޫޓުވައިގެން އަބަދު ވިޔަފާރި ކުރަން ފުރުސަތު ނުދޭނެ ކަމަށެވެ.

"މުސްލިމުނާ ދިމާލަށް ކާފަރެކޭ ގޮވުން މަނާ ކުރާ ބިލު ފާސްކުރަން ދެ އަހަރު މަޖިލީހަށް ހާޒިރުނުވާ މީހާގެ ވޯޓެއް ބޭނުމެއް ނޫން، ﷲގެ އިރާދަފުޅުން ބިލު ފާސްކުރާނަން،" ބޮންޑޭ ވިދާޅުވިއެވެ.

ޖުމްހޫރީ ޕާޓީން މިއަދު ނެރުނު ބަޔާނުގައި ބުނެފައި ވަނީ މާތް ﷲގެ ހަޒުރަތަށާއި ކީރިތި ރަސޫލާއަށް ފުރައްސާރަކޮށް އިސްލާމް ދީނާ ދެކޮޅަށް ވާހަކަދައްކާ މީހުންނަށް އެއީ އެފަދަ ބައެކޭ ނުބުނާނެ އެއްވެސް ގޮތެއް ނުހެދޭނެ ކަމަށެވެ. އަދި އެކަން ހުއްޓުވުމަށް ގާނޫނުލްއުގޫބާތަށް އިސްލާހު ގެންނަން ބިލު ހުށަހަޅާފައި އޮތް މަފްހޫމުގައި ފާސްކޮށް ގާނޫނަކަށް ވެއްޖެނަމަ ދިވެހި މުޖުތަމައު އިތުރަށް ފިތުނަވެ ފަސާދަވުން ނޫން ކަމެއް ނުވާނެ ކަމަށްވެސް ބުނެފައިވެއެވެ.

މުސްލިމަކާ ދިމާއަށް އާންމު ތަނެއްގައި ކާފަރެއް ކަމަށް ބުނުމަކީ ޖިނާއީ ކުށެއް ކަމުގައި ކަނޑައެޅުމަށް ހިމަނައި، ގާނޫނުލްއުގޫބާތަށް އިސްލާހު ހުށަހަޅުއްވާފައިވަނީ ތުޅާދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު ހިސާން ހުސެއިންއެވެ.

ނަފުރަތުގެ އަމަލު ހިންގުމަކީ ކުށެއް ކަމުގައި ގާނޫނުލްއުގޫބާތުގައި ކަނޑައަޅާފައިވާ މި ބިލުގައިވާ ގޮތުން އާންމު ތަނެއްގައި، ވަކި މީހަކީ އިސްލާމްދީނާ ހިލާފަށް އުޅޭ ނުވަތަ އިސްލާމްދީނާ ދެކޮޅު މީހެއް ކަމަށް ތުހުމަތު ކުރުން ނުވަތަ އިސްލާމީ އަގީދާއާ ގުޅުވައި މުޖުތަމައުގައި މީހަކާ މެދު ނަފުރަތު އުފެއްދުމަކީ ޖިނާއީ ކުށެކެވެ.

އާންމު ތަނެއްގައި މުސްލިމަކު ކާފަރެއްގެ ގޮތުގައި ސިފަކުރުން ނުވަތަ ސިފަކުރުމުގައި ބައިވެރިވުމާއި އާންމު ތަނެއްގައި މުސްލިމަކަށް ކާފަރެއް ކަމުގެ ތުހުމަތު ކުރުމަކީވެސް ޖިނާއީ ކުށެކެވެ.

ބިލުގައިވާ ގޮތުން އެއީ އެއްވަނަ ދަރަޖައިގެ ކުށެކެވެ. އެހެންކަމުން އެފަދަ ކުށެއް ކޮށްފިނަމަ އެންމެ ބޮޑުވެގެން އަންނާނީ އެއް އަހަރުގެ ޖަލު ހުކުމެކެވެ. އެންމެ ދަށް ވެގެން އެއް މަހާއި ހަ ދުވަހުގެ ޖަލު ހުކުމެއް އަންނާނެއެވެ.

ބިލުގައިވާ ގޮތުން މުސްލިމަކު ކާފަރެއް ކަމަށް ތުހުމަތު ކުރުމާ އެކު އެ މީހަކާ ދެކޮޅަށް އަނިޔާވެރިވުމަށް ގޮވާލުމާއި އެފަދަ އަމަލަކަށް ހިތްވަރުދިނުމާއި ބައިވެރިވުމަކީވެސް ކުށެކެވެ. ބިލުގައިވާ ގޮތުން އެއީ ފަސްވަނަ ދަރަޖައިގެ ކުށެކެވެ. އެފަދަ ކުށެއް ކޮށްފިނަމަ އެންމެ ބޮޑުވެގެން އަންނާނީ ދެ އަހަރު ދުވަހުގެ ޖަލު ހުކުމެކެވެ. އެންމެ ދަށްވެގެން ނުވަ މަހާއި 18 ދުވަހުގެ ޖަލު ހުކުމެއް އަންނާނެއެވެ.

މުސްލިމަކު ކާފަރުކޮށް މީހަކަށް އަނިޔާއެއް ދިނުން ނުވަތަ އަނިޔާއެއް ދިނުމުގައި ބައިވެރިވުން ނުވަތަ އަނިޔާއެއް ދިނުމަށް ރޭވުން ނުވަތަ އެ މީހެއްގެ ސިޔާސީ ވިސްނުމަށް ބަލައި، އެމީހަކަށް ޖިސްމާނީ އަނިޔާއެއް ދިނުން ނުވަތަ ދިނުމުގައި ބައިވެރިވުން ނުވަތަ ދިނުމަށް ރޭވުމަކީވެސް ކުށެކެވެ. އެއީ ހަތަރު ވަނަ ދަރަޖައިގެ ކުށެއް ކަމަށް ބިލުގައިވެއެވެ. އެފަދަ ކުށެއް ކޮށްފިނަމަ ދެވޭނެ އެންމެ ބޮޑު އަދަބަކީ ހަތަރު އަހަރަށް ޖަލަށް ލުމެވެ. އަދި އެންމެ ދަށްވެގެން އެއް އަހަރާއި ހަތް މަސް ދުވަހުގެ ޖަލު ހުކުމެއް އަންނާނެއެވެ.

އޭގެ އިތުރުން މީހެއްގެ ނަސްލަށް ނުވަތަ އުފަންވީ ގައުމަށް ނުވަތަ ކުލަޔަށް ބަލައި އެމީހަކަށް ޖިސްމާނީ އަނިޔާއެއް ދިނުމާއި ނުރައްކާތެރި ހަތިޔާރެއް ބޭނުންކޮށްގެން އެމީހަކަށް ޖިސްމާނީ އަނިޔާއެއް ދޭން އުޅުމާއި އެމީހަކާ މެދު ތަފާތުކުރުމަށް ގޮވާލުން ނުވަތަ އެފަދަ އަމަލަށް ހިތްވަރުދިނުމަކީވެސް ކުށެކެވެ.

އެފަދަ ކުށެއް ކުރާ މީހަކަށް އެންމެ ބޮޑުވެގެން 25 އަހަރުގެ ޖަލު ހުކުމެއް އަންނާނެ ކަމަށް ބިލުގައި ބުނެފައިވެއެވެ. އަދި މީހެއްގެ ނަސްލަށް ނުވަތަ އުފަންވީ ގައުމަށް ނުވަތަ ކުލަޔަށް ބަލައި ޖިސްމާނީ އަނިޔާއެއް ދިނީ ކިޑްނެޕްކޮށްގެން ނުވަތަ މީހަކަށް ޖިންސީ އަނިޔާއެއް ދީގެން ނުވަތަ މީހެއްގެ ފުރާނަޔަށް ގެއްލުންދޭނެ ކަމުގެ ބިރުދައްކައިގެން ކަމުގައި ވާނަމަ އެންމެ ބޮޑުވެގެން 15 އަހަރުގެ ޖަލު ހުކުމެއް އަންނާނެއެވެ.