(03 ޖޫން ގެ އަދަދާ ގުޅޭ)

عبـدالمـنعــم ރިޟާކާރުންނަށް ޙަމަލަދޭން އަމުރުކުރައްވައިފިއެވެ. އެއާއެކު އޭނާ اللّـه أكبــر ގެ ނަޢުރާ ކުރައްވަމުން ދުވެވަޑައިގެންފައި ކުރިޔަށް ވަޑައިގެން ކިއްލާގެ ފާރަށް ޙަމަލަ ދެއްވައިފިއެވެ. عبـدالمـنعــم ހުންނެވީ ރިޟާކާރުންގެ ގެމައިގެ މެދުތެރޭގައެވެ. ރިޟާކާރުންގެ ކަނާތްފަރާތަށާއި ވާތްފަރާތަށް އިރުޝާދު ދެއްވަމުންގެންދެވީ އޭނާގެ ދެދަރިކަލުން أحمد އާއި حسن އާ ދެބެއިންނެވެ. ބަރުބަރީން ތިބީ ރިޟާކާރުންގެ ކުރީގައެވެ. ބޭރުފާރާ ތަންކޮޅެއް ދުރުންވެސް އެ މުޖާހިދުންނަށް ކިއްލާގެ ފާރަވެރީންގެ ލޮންސިތަކާއި ދުނިތަކުގެ ވާރެޔާ ކުރިމަތިލާން ޖެހިއްޖެއެވެ. އެކަމަކު އެބައިމީހުން އައްޑަނަތަކުގެ ނިވަލުގައި ދާދިއަވަހަށް ކިއްލާގެ ފާރާ ހަމަޔަށް ހިނގައްޖެއެވެ. ސިޑިތަކާއި ކަމަންދުތަކުގެ އެހީގައި ފާރުމައްޗަށް އަރާންފަށައިފިއެވެ. ކިއްލާގެ އިރުމަތީފަރާތުގައި އަނެއް ތިންފަރާތަށްވުރެ ފާރަވެރީން މަދެވެ. ކެކިކެކިހުންނަ ތެލާއި ކައްސައްދުވާނި އޮއްސުމުގެ ނިޒާމުވެސް އަނެއް ތިންފަރާތަށްވުރެ ސަހަލެވެ. އެކަމަކު މިފަރާތުގައި ތިބި ފާރަވެރީންގެ އަދަދުވެސް ހަނި ދާއިރާއެއްގައި ރިޟާކާރުންނާއި ބަރުބަރީންގެ ގެމަތައް ހުއްޓުވަން ފުދޭވަރަށްވުރެ މާގިނައެވެ.

އެންމެފުރަތަމަ ޙަމަލާގައި ކިއްލާގެ ފާރަވެރީން ހަރުގަނޑުތައް ވައްޓަމުންދިޔަލެއް ގިނަކަމުންނާއި އެބައިމީހުންގެ ލޮންސިތަކާއި ކަނޑިތަކުން ޒަޚަމުވަމުންދިޔަ މީހުންގެ އަދަދު ގިނަކަމުން ރިޟާކާރުން ޖެހިލުންވެ ފަހަތަށްޖެހޭން ފެށިއެވެ. ނަމަވެސް عبـدالمـنعــم ވަރުގަދަ ޖޯޝަކާއެކު اللّـه أكبــر ގެ ނަޢުރާ ކުރައްވަމުން ކުރިޔަށް ވަޑައިގެން ވެއްޓިފައިއޮތް ހަރުގަނޑެއް ހިއްޕަވައިގެން ވަޑައިގެން ފާރުގައި ލައްކޮށްލައްވައިފައި އަރައިވަޑައިގަންނަވާން ފައްޓަވައިފިއެވެ. އެތަން ފެނުމުން ރިޟާކާރުންގެ ލޭކެކޭގޮތް ވެއްޖެއެވެ. އެބައިމީހުންގެ ދީނީ ޣީރަތު ހޭލައިފިއެވެ. ވަރުގަދަ ޖޯޝަކާއެކު ދުވެފައިގޮސް عبـدالمـنعــم އާ ބައިވެރިވެއްޖެއެވެ. ކުޑައިރުކޮޅެއްގެ ތެރޭގައި عبـدالمـنعــم ގެ އަރިހުގައި ވިއްސަކަށް މީހުން ފާރުމައްޗަށް އަރައިފިއެވެ. ކިއްލާގެ ފާރަވެރީންނާ އެބައިމީހުނާ ހަމަދޭވިތިބެގެން ހަނގުރާމަކުރާން ފަށައިފިއެވެ. މާގިނައިރެއް ނުވެއެވެ. عبـدالمـنعــم ގެ ކަނާތްޕުޅު ފަރާތުންނާއި ވާތްޕުޅު ފަރާތުން ދެތަނެއްގައި أحمد އާއި حسن އާ ދެބޭންވެސް ފައިތިލަ ސާބިތުކުރައްވައިފިއެވެ. އިރުކޮޅެއްގެ ތެރޭގައި ކިއްލާގެ އިރުމަތީފަރާތުގެ ފާރުމަތީގެ ތަންތަންކޮޅުގައި ނަޞާރާ ސިފައިންނާއި ރިޟާކާރުންގެ ވިލިވިއްޔާއި ބަރުބަރީން ގެންދިޔައީ ކުރިމަތިލައިގެން ހަނގުރާމަ ކުރަމުންނެވެ. ދެފަރާތުގެ ޒަޚަމީން ކިއްލާގެ ފާރުތެރެޔަށާއި ފާރުން ބޭރަށް ވެއްޓެމުންދެއެވެ.

ފާރުމަތީގައި ދެފަރާތުން ހަނގުރާމަ ހިނގަމުންދާތީ ރިޟާކާރުންނަށް ފާރުމައްޗަށް އަރަން ނިސްބަތުން ފަސޭހައެވެ. ނަމަވެސް މާގިނައިރެއް ނުވެއެވެ. ފާރުމަތީގައިތިބި ފާރަވެރީންގެ ހަޅޭއްފަޅޭކުގެ އަޑު އިވިގެން ކިއްލާގެ ސިފައިންގެ އައު ގެމަތައް އެބައިމީހުންނަށް އެހީވާން އަންނާން ފަށައިފިއެވެ. ކިއްލާގެ ގޯތިތެރެއިން ކޮންމެ ބުރުޒަކަށްވެސް ހުރީ ސިޑިތައް ހަދައިފައެވެ. ކޮންމެ ބުރުޒެއްގައިވެސް ކަނާތްފަރާތާއި ވާތްފަރާތަށް ހުޅުވޭ ދޮރު ހުއްޓެވެ. ކިއްލާގެ މައި ހަތަރު ބުރުޒުގެ ދޮރު އެއްފަހަރާ ހުޅުވައިލައިފައި ނަޞާރާއިން ފާރުމައްޗަށް ނުކުމެ އުތުރިއަރާން ފަށައިފިއެވެ. އެހައިތަނުން މުސްލިމުންނަށް އިޙުސާސުވާންފެށީ ކޮންމެ ދިމާޔަކުންވެސް އުޑިޔެއްގެ ދެކިބައިގެ ދެމެދުގައި ފިއްތައިލެވުނުހެންނެވެ. ފާރުމައްޗަށްއަރާ ރިޟާކާރުންނަށްވުރެ ޒަޚަމުވެގެން ފާރުމަތީން ވެއްޓޭ ރިޟާކާރުންގެ އަދަދު ގިނަވާން ފަށައިފިއެވެ. އިރުކޮޅަކުން ފާރުމައްޗަށް އަރާނެ މުސްލިމަކު ނެތިއްޖެއެވެ. އެހެންކަމުން މުސްލިމުން މަސައްކަތް ކުރާންފެށީ ފާރުމަތީގެ ކޮންމެވެސް ބުރުޒަކަށް ވެރިވެވޭތޯއެވެ. އެތެރެއިން ބުރުޒުތަކުން ލައިފައި ފާރުމައްޗަށް އަންނަ ނަޞާރާއިންގެ އަދަދު މަދުކުރުމަށްޓަކައެވެ. އެކަމަކު ނަޞާރާއިންވަނީ މުސްލިމުންނާއި ބުރުޒުތަކާމެދު ބަރިބަރިޔަށް އިންސާނީ ފާރުތަކެއް ލައިފައެވެ. ނަސްރާނީއަކު ވެއްޓޭއިރަށް އެމަގާމު ފުރާނެ ދެމީހަކު ކުރިޔަށް ނުކުމެއެވެ. ބައެއް ހިސާބުހިސާބުގައި ދެފަރާތުގެ މީހުން ގިނަކަމުން ކަނޑީގެ ބޭނުންކުރެވޭ ވަރެއްވެސް ނުވެއެވެ. ދެބައިމީހުންވެސް އެކަކު އަނެކަކާ ބަނޑުމުސާރައަށް ބައްދަނީއެވެ. އެކަކު އަނެކަކު ވަތަކޯޖަހަނީއެވެ. ނުވަތަ ދެމީހުން އެކުގައި ފާރުމަތީން ފުރޮޅައިލަނީއެވެ. އެހާލަތުގައި އެންމެ ކާމިޔާބުކަމުގައިވަނީ ޚަންޖަރުގެ ބޭނުންކުރާން ދަންނަ މުސްލިމުންގެ މަސައްކަތެވެ. އެކަމަކު މުސްލިމުންގެ އަދަދު ހިނދުންހިނދަށް ދިޔައީ މަދުވަމުންނެވެ.

މުލޫކުއްޠަވާއިފުންގެ ލަޝްކަރުތައް މިހާރު ތިބީ ކިއްލާގެ ފާރާ ދުއިސައްތަ ފަންސާހަކަށް ފޫޓު ދުރުގައެވެ. އެބައިމީހުންގެ ތެރޭގައިވެސް އިސްލާމީ ރޫޙު ހުރި ބަޔަކު އަމުދުން ނެތެއްނޫނެވެ. އެހެންކަމުން އެފަދަ މީހުންނަށް މާގިނައިރަކު ކުޅިބަލާކަށެއް ނުތިބެވުނެވެ. އޮފިސަރުންދެކެ ބިރުންނާއި އިޙުތިރާމުގެ ގޮތުން ބަންދުވެފައިހުރި ދޫތައް މިނިވަންކަމާއެކު ހުޅުވޭން ފަށައިފިއެވެ. މަޑުމަޑުން އިޙުތިޖާޖުގެ އަޑު އުފުލޭން ފަށައިފިއެވެ. ޣަރުނާޠާގެ ފައުޖުގެ ޒުވާން އޮފިސަރެއްގެ ދީނީ ޙުމިއްޔަތު އުތުރިގެންފިއެވެ. އޭނާ އޭނާގެ ގެމައިގެ ސިފައިންގެ ގާތުގައި ބުންޏެވެ. "މާތް اللّـه ގަންދީ ބުނަން. މިއީ ކަނޑައެޅިގެން ޣަދަރުވެރިވުން. މާދަމާ ޤިޔާމަތްދުވަހުން މިއަދުގެ ޝަހީދުންނަށް އަހަރެމެން ދައްކާނީ ކޮން މޫނެއް؟"

ޣަރުނާޠާގެ ކޮމާންޑަރ އިން ޗީފް މައްސަލައިގެ ތެރެޔަށް ވެދެވަޑައިގެންނެވުމުގެ ކުރީން އެ ޒުވާން އޮފިސަރު އޭނާގެ ގެމަ ގޮވައިގެން ކިއްލާއާ ދިމާޔަށް ދުވެފައި ހިނގައްޖެއެވެ. ހަމައެވަގުތު އަލްމަރިއްޔާއާއި، ބިޠުލިޔޫސާއި ޤުރުޠުބާއާއި މުރުސިއްޔާގެ ފައުޖުތަކުންވެސް ތިންސަތޭކަ ވަރަކަށް ސިފައިން އޮފިސަރުން ދެކޮޅުހަދަހަދައި ތިއްބައި ދުވެފައިގޮސް ޣަރުނާޠާގެ ބާޣީ ސިފައިންނާ ބައިވެރިވެއްޖެއެވެ. އެހައިތަނުން މުލޫކުއްޠަވާއިފުންގެ ކޮމާންޑަރުންނަށް ވިސްނިވަޑައިގެންނެވީ ގިނައިރުވަންދެން އެތާނގައި ތިއްބަވާނަމަ ދީނީ ޣީރަތުގައި ގިނަބަޔަކު ބަޣާވަތްކޮށްފާނެކަމެވެ. އެހެންކަމުން އެބޭފުޅުންގެ ލަޝްކަރުތަކަށް އެނބުރިދާން އަމުރު ކުރައްވައިފިއެވެ. މުލޫކުއްޠަވާއިފުންގެ ސިފައިންގެ ތެރެއިން ގިނަމީހުންނަކަށް ޢަސްކަރީ ކޮމާންޑަރުންގެ އަމުރަށް ގޮންޖަހާކަށެއް ނުކެރުނެވެ. އެކަމަކު އޭގެފަހުންވެސް ދުއިސައްތަ ފަންސާހަކަށް ސިފައިން ކޮމާންޑަރުންނަށް އެއްޗެހި ގޮވަމުން ދުވެފައިގޮސް ބާޣީންނާ ބައިވެރިވިއެވެ.

އަލަށް ލިބުނު އެހީތެރީންނާމެދު ރިޟާކާރުން ބެލީ ޣައިބުން ލިބުނު ތާއީދެއްކަމުގައެވެ. އެމީހުން އިތުރު ޖޯޝާއި ފޯރިއާއެކު ހަނގުރާމަކުރާން ފަށައިފިއެވެ. عبـدالمـنعــم ވަރަށް ވަރުގަދަ ޙަމަލައެއް ދެއްވައި ނަޞާރާއިން ކޮއްޕަވައި ފަހަތަށް ގަންނަވަމުން ވަޑައިގެން ބުރުޒެއްގެ ތެރެޔަށް ވެދެވަޑައިގެންފިއެވެ. ބުރުޒުގެ ތެރެއިން ކިއްލާގެ ގޯތިތެރެޔަށް ފައިބާންހުރި ސިޑީން އޭނާ ފައިބައިވަޑައިގެންނެވިއިރު ޒުވާން ހަތަރު މުޖާހިދަކު އޭނާގެ ކުރިފުޅުމަތީގައި ތިއްބެވެ. އެކަމަކު ގޯތިތެރެޔަށް ފޯރުމުގެ ކުރީން އޭގެތެރެއިން ތިން މުޖާހިދުން ޒަޚަމުވެގެން ވެއްޓިއްޖެއެވެ. عبـدالمـنعــم ކިއްލާގެ ގޯތިތެރޭގައި ފައިތިލަފުޅު ސާބިތުކުރައްވާއިރަށް ދުޝްމިނުން އޭނާގެ ކުރިފުޅުމަތީގައި ކަނޑިތަކާއި ލޮންސިތަކުގެ ފާރެއް ލައިފިއެވެ. عبـدالمـنعــم އެކަމަކަށް ފަރުވާލެއް ނުބަހައްޓަވައެވެ. ބަނޑުހައިވެފައިވާ ސިންގާއެއް ފަދައިން ނަޞާރާއިންގެ ހެވީންތަކާ ދިމާކޮށްލެއްވިއެވެ. ގިނައިރެއް ނުވެއެވެ. އޭނާގެ ހަށިކޮޅު ޒަޚަމުތަކުގެ ސަބަބުން ހަލަންޏަކަށް ވެއްޖެއެވެ. عبـدالمـنعــم ތިންމީހަކު ޤަތުލުކުރައްވާއިރަށް އޭނާ ވެއްޓިވަޑައިގެންފިއެވެ. އޭނާ ވެއްޓިވަޑައިގެންނެވުމާއެކު ތެދުވެވަޑައިގެންނެވިއެވެ. އެކަމަކު އެއީ ނިވެމުންދިޔަ ބައްތީގެ ހުޅުކޮޅު އެންމެފަހުފަހަރަށް ބޮޑުވެލުމެވެ. عبـدالمـنعــم ގެ ކަނޑިކޮޅުގެ އެންމެފަހު އެތިފަހަރު އެރީ ނަސްރާނީ ހެއްވެއްގެ ކޮނޑަށެވެ. އެ އެތިފަހަރާއެކު އެކަލޭގެ ވެއްޓި ފުރާނަ ދޫކޮށްލައިފިއެވެ. عبـدالمـنعــم ގެ ފަހަތްޕުޅުން އައި މުޖާހިދުންގެ اللّـه أكبــر ގެ ނަޢުރާގެ އަޑުން ޖައްވު ގުގުމައިލިއެވެ.

إدريـس ހުންނެވީ ޒަޚަމުވެވަޑައިގަތުމުގެ ސަބަބުން މުޅި ހަށިކޮޅުގައި ޅިޔައެޅިފައެވެ. އެކަމަކުވެސް އޭނާ އެންމެފަހު ވަގުތާ ހަމަޔަށްވެސް عبــدالمنـعـــم އާ ބައިވެރިވެވަޑައިގަންނަވަމުން ގެންދެވިއެވެ. إدريـس ވެސް ދުޝްމިނުންގެ ސަފުގެ ތެރެއަށް ވެދެވަޑައިގެން ޙަމަލަދެއްވިއެވެ. އޭނާ ތިންމީހަކު ޤަތުލުކުރައްވާއިރަށް އޭނާވެސް ވެއްޓިވަޑައިގެންފިއެވެ. إدريـس ދެވަނަފަހަރަށް ތެދުވެވަޑައިގަންނަވާން އުޅުއްވަނިކޮށް ނަސްރާނީއެއް އޭނާގެ އުނަގަނޑުފުޅުގައި ކަނޑީން ޖަހައިފިއެވެ. إدريـس އެންމެފަހު ފަހަރަށް "މުޖާހިދުންނޭވެ! ކުރިޔަށްއަރާ!" މިހެން ގޮވައިލެއްވުމާއެކު އަބަދަށްޓަކައި ހިމޭންވެވަޑައިގެންފިއެވެ.

އޭރު ރިޟާކާރުންގެ ފަންސާހަކަށް މީހުންވަނީ ކިއްލާގެ ގޯތިތެރެޔަށް ފައިބައި ބުރުޒަށް އަރާންހުރި ސިޑީގެ ކުރިމަތީގައި ފައިތިލަ ސާބިތުކޮށްފައެވެ. އެބައިމީހުންގެ އެކުވެރީން ގެންދިޔައީ ފާރުމަތީން ފައިބައި އެމީހުނާ ބައިވެރިވަމުންނެވެ. ރިޟާކާރުން ދުޝްމިނުންގެ ފިއްތުންތަކާހުރެ ބައެއްފަހަރަށް ފާރުކައިރިޔަށް ފަހަތަށް ޖެހެއެވެ. ބައެއްފަހަރު ދުޝްމިނުން ކޮއްޕަމުން ކުރިޔަށް އަރައެވެ. ކޮންމެފަދަ އަގެއްގައިވެސް ބުރުޒަށް އަރާ ސިޑި ދިފާޢުކުރުމަކީ ރިޟާކާރުންގެ ގާތުގައި އެބައިމީހުންގެ މަރާއި ދިރިތިބުމާ ގުޅޭ މައްސަލައެކެވެ. އޭރުވެސް މުލޫކުއްޠަވާއިފުންގެ ލަޝްކަރުން ބަޣާވަތްކުރާ ސިފައިން ކޮންމެވެސް މިންވަރަކަށް އައިސް ފާރުމައްޗަށް އަރަމުންދެއެވެ. މުޖާހިދުންގެ ވިއްޔަކުން ބުރުޒުގެ ދެވަނަ ދޮރުވެސް ހުޅުވައިލައިފިއެވެ. ރިޟާކާރުންގެ ކަނާތްފަރާތުގެ ކޮމާންޑަރ أحمد بــن عبـدالمـنعــم ގެ ވެރިކަމުގައި ހަނގުރާމަކުރާ މުޖާހިދުންނަށް ކިއްލާގެ ގޯތިތެރެޔަށް ތިރިޔަށް ފޭބޭނެ މަގު ހުޅުވައިދީފިއެވެ.

أحمد ގެ ވެރިކަމުގެ ދަށުގައި ހަނގުރާމަކުރާ މުޖާހިދުންވެސް ތިރިޔަށް ފައިބައި ގޯތިތެރޭގައި ހަނގުރާމަ ކުރަމުންގެންދިޔަ މުޖާހިދުންނާ ބައިވެރިވެއްޖެއެވެ. މިހާރު ކިއްލާގެ ތެރޭގައި ހަނގުރާމަކުރާ މުޖާހިދުންގެ ޢަދަދު ވަނީ ހަތްސަތޭކައަށް އަރައިފައެވެ. އިތުރު ސިފައިންނަށް ފާރުމަތީން ފޭބުމުގެ ފުރުސަތު ދިނުމަށްޓަކައި މުސްލިމުން ކުރަމުން ގެންދިޔައީ ދިފާޢީ ހަނގުރާމައެކެވެ. އަންދަލުސުގެ ސިފައިންގެ ތެރެއިން ލަޝްކަރުތަކާ ވަކިވެގެންއައި މީހުންކުރެ ގާތްގަނޑަކަށް ތިންބައިކުޅައެއްބައި މީހުންނަށް ފާރުމައްޗަށް ނޭރެނީސް ނަޞާރާ ސިފައިންގެ އައު ގެމަތަކެއް ބުރުޒުގެ ވާތްފަރާތުން ފާރުމައްޗަށް އަރައިފިއެވެ. އެބައިމީހުން ފާރުމަތީގައި ބާކީތިބި މުސްލިމުންގެ މީސްކޮޅު ކަނާތްފަރާތަށް ކޮއްޕަން ފަށައިފިއެވެ.

* * * * * * * * * * *

عبـدالمـنعــم ޝަހީދުވުމުން ރިޟާކާރުންގެ އިސްވާރުކަން އޮތީ أحمد ގެ އަތްޕުޅުގައެވެ. حسن ގެ ވެރިކަމުގެ ދަށުގައި ހަނގުރާމަކުރާ ރިޟާކާރުން މަޝްޣޫލުވެގެންތިބީ ބުރުޒުގެ ވާތްފަރާތުން ފާރުކައިރީގައެވެ. ބަރުބަރީ ގެމަތައްވެސްހުރީ އެފަރާތުގައެވެ. ބަރުބަރީންގެ ކޮމާންޑަރު އޭރު ވަޑައިގެންވީ މިފަރާތުގައި ކަންތައް ހިނގަމުންދާގޮތުގެ ވާހަކަ أميـر يـوسف ގެ އަރިހުގައި ދަންނަވަން أميـر يـوسف ގެ އަރިހަށެވެ.

حسن ޙަމަލަދެއްވަމުން ގެންދެވި ދިމާ ކިއްލާގެ އިރުމަތީ ދޮރޯއްޓާ ވަރަށް ކައިރިއެވެ. އެދިމާގައި ދިފާޢީ އިންތިޒާމުތައް އިރުމަތީފަރާތުގެ އެހެން ދިމަދިމާޔަށްވުރެ ފުރިހަމައެވެ. ކެކިކެކި ހުންނަ ތެލާއި ކައްސައްދުވާނީގެ ވާރޭ ވެއްސުމުގެ އިންތިޒާމުތައްވެސް ރަނގަޅެވެ. އެހެންކަމުން ކިއްލާގެ ފާރުމައްޗަށް އަރައިވަޑައިގަންނަވަން حسن ދެއްވި އެންމެފުރަތަމަ ދެ ޙަމަލާވެސް ވަނީ ނާކާމިޔާބުވެފައެވެ. އެކަމަކު حسن އޭނާގެ ތިންވަނަ ޙަމަލައިގައި މުޖާހިދުންގެ ފަންސާހަކަށް މީހުނާއެކު ފާރުމައްޗަށް އަރައިވަޑައިގެންފިއެވެ. حسن އެމީހުން ގޮވައިގެން ފިސާރި ވަރުގަދަ ޙަމަލައެއް ދެއްވައި ދުޝްމިނުން ދެފަރާތަށް ކޮއްޕައިލެއްވުމަށްފަހު ސިފައިންގެ ދެންތިބި މީހުންނަށް ފާރުމައްޗަށް އަރަން މަގު ހުޅުއްވައިދެއްވައިފިއެވެ. حسن ގެ އެކުވެރީންގެ ތެރެއިން ބާކީތިބި ސިފައިން ފާރުމައްޗަށް އަރައި ނަޞާރާއިންނާ ވަރުގަދައަށް ޙަމަލަދޭން ފަށައިފިއެވެ.

حسن ފަހަތަށް އެނބުރިވަޑައިގެން ބައްލަވައިލެއްވިއިރު أميـر يـوسف ގެ ފައުޖުގެ ގެމަތަކެއް އަންނާތީ ފެނިވަޑައިގެންފިއެވެ. އެއާއެކު حسن އަށް އިޙުސާސުވެވަޑައިގެންނެވީ މުސްލިމުންގެ އިތުރު ގެމަތަކެއް މިފަރާތަށް އައުމާއެކު ކިއްލާގައި ތިބި ދުޝްމިނުންވެސް މިފަރާތަށް އިތުރު ސިފައިން ގެންނާނެކަމެވެ. މުރާބިޠީންގެ ލަޝްކަރަށް ވަގުތުން ކިއްލާއަށް ނުވަދެވިއްޖެނަމަ ދުޝްމިނުން ކިއްލާގެ ތެރޭގައި ހަނގުރާމަކުރާ ހުރިހާ މުސްލިމުން ޤަތުލުކޮށް ނިންމައިލާނެކަމެވެ. އެހެންކަމުން ވީހައިވެސް އަވަހަކަށް ކިއްލާގެ އިރުމަތީފަރާތުގެ ދޮރަށް ވެރިވުމަކީ ކޮންމެހެން ބޭނުން ކަމެއްކަމެވެ. އެހެންކަމުން އޭނާ ވަގުތުން ތިރިޔަށް ފައިބަން ސިފައިންނަށް އަމުރުކުރައްވައިފިއެވެ. ބަރުބަރީ މުޖާހިދުން އައު ހިތްވަރަކާއެކު ދުޝްމިނުން ކޮއްޕަމުން ފައިދަށުލަމުން ބުރުޒުގެ ދޮރާ ހަމަޔަށް ހިނގައްޖެއެވެ. ފަހަތަށްޖެހެމުންދިޔަ ނަސްރާނީން އަވަސްއަވަހަށް އެތެރެއިން ދޮރު ތަޅުލެވޭތޯ ބެލިއެވެ. އެކަމަކު މުސްލިމުން ބާރަށްދެމޭ އޮއިވަރެއްގައި ކުނިކޮޅުތަކެއް އޮޔާގެންދާ މިސާލުގައި ދުޝްމިނުން ބައްސައިލިއެވެ. حسن ސިޑީން އެތެރެޔަށް ފައިބައިވަޑައިގެންނެވުމާއެކު أحمد އާއި އޭނާގެ ބައިވެރީން ވަށައިލެވޭތޯ މަސައްކަތްކުރަމުން ގެންދިޔަ ޢީސާއީންގެ ފަހަތުން ޙަމަލަ ދެއްވައިފިއެވެ. ރިޟާކާރުންގެ ދެވިލި ކުޑައިރުކޮޅެއްގެ ތެރޭގައި ދުޝްމިނުންގެ ސަފުތައް ފަޅައިލައިފައި އެއްބަޔަކު އަނެއްބަޔަކާ ގުޅިއްޖެއެވެ.

حسن ހަރު އަޑުފުޅުން ގޮވައިލެއްވިއެވެ. "މުޖާހިދުންނޭވެ! ކިއްލާގެ ދޮރޯއްޓާ ދިމާޔަށް ކުރިޔަށްދޭ! މިފަރާތުން އަހަރެމެންގެ ފައުޖު އެބައާދޭ!" އެހިތްވަރުގަދަ މުޖާހިދުން ތަންތަންކޮޅަށް މުޅަ މަސްތައް ފުނިޖަހަމުން ކިއްލާގެ ދޮރޯއްޓާ ދިމާޔަށްދާން ފަށައިފިއެވެ. އެކަމަކު މާގިނަހިނދެއް ނުވެއެވެ. ދުޝްމިނުން އެކުޑަކުޑަ މީސްކޮޅު ހަތަރުފަރާތުން ވަށައިލައިފިއެވެ. މުޖާހިދުން އިރުކޮޅަކުން ދުޝްމިނުންގެ ގޮނި ފަޅައިލައިފައި ދޮރޯއްޓާ ދިމާޔަށް ދުއްވައިގަނެއެވެ. ނަމަވެސް ދުޝްމިނުން އެމީހުންގެ ކުރިމަތީގައި ލޮންސިތަކާއި ކަނޑިތަކުގެ ފާރެއް ބިނާކުރެއެވެ.

ފާރުމަތީގައި ތިބި ފާރަވެރީން މިފަރާތުން ބަރުބަރީންގެ ފައުޖެއް އަންނަކަން ކިއްލާގެ ވެރީންނަށް އަންގައިފިއެވެ. ކިއްލާގައިހުރި ނަސްރާނީ ކޮމާންޑަރު އޭނާގެ ހުރިހާ ރިޒާވް ގެމަތަކެއް މިދިމާޔަށް ގެނެސްފިއެވެ. މިހާރު ކިއްލާގެ ތެރޭގައި ހަނގުރާމަކުރާ މުޖާހިދުންނަށްވުރެ ގިނައީ ޝަހީދުންނާއި ޒަޚަމުވެފައިތިބި މުޖާހިދުންނެވެ. މުޖާހިދުން އުފުލައިލާ ކޮންމެ ކަނޑިޔެއްގެ ބަދަލުގައި ދުޝްމިނުންގެ އެތައްބައިވަރު ކަނޑިތަކެއް އުފުލަމުން ގެންދެއެވެ.

ދޮރޯއްޓާ ސަތޭކަ ފަންސާހަކަށް ފޫޓާ ހަމަޔަށް ކައިރިވެވަޑައިގެންނެވުނުއިރު أحمد އަށާއި حسن އަށް އެބޭފުޅުންގެ އަރިހުން ފެނިވަޑައިގަންނަވަނީ އެންމެ ހަތްދިހަވަރަކަށް ރިޟާކާރުންނާއި ބަރުބަރީ ހަ މުޖާހިދުންނެވެ. ކުއްލިޔަކަށް ނަސްރާނީން ރިޟާކާރުންގެ ކުރިމަތީން ދުރުވެ ވާތްކަނާތްފަރާތަށް އަރައިފިއެވެ. އެއާއެކު ކުރިމަތީން އަންނާންފެށީ ދުނީގެ ވާރެއެވެ. އިރުކޮޅަކުވެސް މަޑުކޮށްލުންވާނީ މުޖާހިދުންގެ އެ މަދު މީސްކޮޅުގެ ފަނާވުން ކަމުގައެވެ. އެހެންކަމުން މުޖާހިދުންގެ އެމީސްކޮޅު ފުރިހަމަ ބާރާއެކު ދޮރޯއްޓާ ދިމާޔަށްދާން ފަށައިފިއެވެ. ތިރީހަކަށް ޒުވާނުން ދޮރޯއްޓާ ހަމަޔަށް ދިޔުމުގައި ކާމިޔާބު ހޯދައިފިއެވެ. أحمد، اللّـه أكبــر އެވެ ވިދާޅުވެ ނަޢުރާ ކުރައްވަމުން ނަސްރާނީއެއްގެ ކޮނޑުމަތީގައި ކަނޑީން ޖައްސަވައިފިއެވެ. أحمد ގެ ނަޢުރާގެ ޖަވާބުގައި ދޮރޯށީގެ ބޭރުންވެސް اللّـه أكبــر، اللّـه أكبــر ގެ އަޑު އަންނާން ފަށައިފިއެވެ. އެއަޑު އިވުމާއެކު މުޖާހިދުންނަށް އައު ރޫޙެއް ލިބިއްޖެއެވެ. أحمد އާއި حسن ގެ އެކުވެރީން ނަޞާރާއިންގެ އެތައްބަޔަކު ޤަތުލުކުރުމަށްފަހު ދޮރޯށިތެރެޔަށް ވަދެއްޖެއެވެ. ދޮރޯއްޓަށް ފުރަގަސްދީގެންތިބެ ދުޝްމިނުންގެ ޙަމަލަތައް ދިފާޢުކުރާން ފަށައިފިއެވެ.

(ނުނިމޭ)