ކޮވިޑު ބަލި ޖެހިގެން ފަރުވާ ދެމުންގެންދިޔަ އިތުރު މީހަކު މަރު ވެ، ރާއްޖެއިން މި ބަލީގައި މަރުވި މީހުންގެ ޖުމުލަ އަދަދު 182 އަށް އަރަފި އެވެ.
ހުޅުމާލޭ ފެސިލިޓީގައި ފަރުވާ ދެމުން އަންނަނިކޮށް މިއަދު ހެނދުނު 7:17 ފައި މަރުވެފައިވަނީ އުމުރުން 68 އަހަރުގެ ދިވެހި އަންހެނެކެވެ.
މިއީ މިއަދު މަރުވި ހަތަރު ވަނަ މީހާ އެވެ.
މިއަދު އެންމެ ފުރަތަމަ މަރުވެފައިވަނީ ހުޅުމާލޭ ފެސިލިޓީގައި ފަރުވާދެމުންދިޔަ އުމުރުން 64 އަހަރުގެ ދިވެހި އަންހެނެކެވެ. އޭގެ ފަހުން ހަމަ އެ ފެސިލިޓީގައި ފަރުވާދެމުންދިޔަ 79 އަހަރުގެ އަންހެނަކު ވަނީ މަރުވެފަ އެވެ. އަދި ރޭ ފަތިހު 4:19ގައި ދަރުމަވަންތަ ހޮސްޕިޓަކުގައި ފަރުވާދެމުންދިޔަ އުމުރުން 28 އަހަރުގެ އަންހެނަކުވެސް ވަނީ މަރުވެފަ އެވެ.
ރާއްޖޭގައި ކޮވިޑު ޖެހިގެން އެންމެ ގިނަ މީހުން މަރުވީ މިމަހުގެ 25 ވަނަ ދުވަހުއެވެ. އެ ދުވަހު ބަލީގައި 13 މީހަކު މަރުވިއެވެ.
ކޮވިޑުގައި އެންމެ ފުރަތަމަ ރާއްޖެއިން މީހަކު މަރުވީ މިދިޔަ އަހަރުގެ އޭޕްރީލް މަހުގެ 29 ވަނަ ދުވަހުއެވެ. އެއީ އުމުރުން 83 އަހަރުގެ ދިވެހި އަންހެނެކެވެ.
ޚަބަރު
ޚަބަރު