ކޮވިޑް ޖެހިގެން ރާއްޖެއިން އިތުރު މީހަކު މަރުވެ، ބަލީގައި މަރުވި މީހުންގެ ޖުމުލަ 180 އަށް އަރައިފިއެވެ.

"ވަން"އަށް އެނގިފައިވާ ގޮތުގައި ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ކޮވިޑަށް ފަރުވާ ހޯދަމުންދިޔަ އުމުރުން 80 އަހަރުގެ ދިވެހި އަންހެނަކު މިރޭ ވަނީ މަރުވެފައެވެ. އެ މަރާއެކު ރާއްޖެއިން މި ބަލީގައި މަރުވި މީހުންގެ އަދަދު 180 އަށް ވަނީ އަރައިފައެވެ.

މިއަދު ކޮވިޑުގައި އެންމެ ފުރަތަމަ މަރުވެފައިވަނީ ކޮވިޑް ޖެހިފައިވާ އުމުރުން 37 އަހަރުގެ ސްރީލަންކާ މީހެކެވެ. އޭނާ މަރުވީ އައިޖީއެމްއެޗް އީއާރްގައި ފަރުވާދެމުން ދަނިކޮށް ރޭ ފަތިހުގެ ވަގުތެއްގައެވެ. ދ. ބަނޑިދޫގައި ކޮވިޑް ޖެހިފައިވާ އުމުރުން 76 އަހަރުގެ ދިވެހި ފިރިހެނަކު މިއަދު ހެނދުނު މަރުވެފައިވާ އިރު، ވިލިމާލޭ ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށް މިއަދު މެންދުރުފަހުގެ ވަގުތެއްގައި ކޮވިޑު ޖެހިފައިވާ އުމުރުން 72 އަހަރުގެ ދިވެހި އަންހެނަކު ވެސް ވަނީ މަރުވެފައެވެ.

އޭގެ އިތުރުން މިރޭ ވަނީ ދެ މީހަކު މަރުވެފައެވެ. އެއީ ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ކޮވިޑަށް ފަރުވާ ހޯދަމުންދިޔަ ދެ އަންހެނުންނެވެ. ނަމަވެސް އެ ދެ މީހުންގެ އުމުރު އަދި ކަށަވަރެއް ނުވެއެވެ.

ރާއްޖޭގައި ކޮވިޑު ޖެހިގެން އެންމެ ގިނަ މީހުން މަރުވީ މިމަހުގެ 25 ވަނަ ދުވަހުއެވެ. އެ ދުވަހު ބަލީގައި 13 މީހަކު މަރުވިއެވެ.

ކޮވިޑުގައި އެންމެ ފުރަތަމަ ރާއްޖެއިން މީހަކު މަރުވީ މިދިޔަ އަހަރުގެ އޭޕްރީލް މަހުގެ 29 ވަނަ ދުވަހުއެވެ. އެއީ އުމުރުން 83 އަހަރުގެ ދިވެހި އަންހެނެކެވެ.