ކޮވިޑް ޖެހިގެން ރާއްޖެއިން އިތުރު ދެ މީހަކު މަރުވެ، ބަލީގައި މަރުވި މީހުންގެ ޖުމުލަ 179 އަށް އަރައިފިއެވެ.

"ވަން"އަށް އެނގިފައިވާ ގޮތުގައި މިރޭގެ ވަގުތެއްގައި މަރުވެފައިވަނީ ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ފަރުވާދެމުންދިޔަ ދިވެހި ދެ އަންހެނުންނެވެ. ނަމަވެސް އެ ދެ މީހުންގެ އުމުރެއް އަދި ކަށަވަރެއް ނުވެއެވެ. އެ ދެ މަރާއެކު ރާއްޖެއިން މި ބަލީގައި މަރުވި މީހުންގެ އަދަދު 179 އަށް ވަނީ އަރައިފައެވެ.

މިއަދު ކޮވިޑުގައި އެންމެ ފުރަތަމަ މަރުވެފައިވަނީ ކޮވިޑް ޖެހިފައިވާ އުމުރުން 37 އަހަރުގެ ސްރީލަންކާ މީހެކެވެ. އޭނާ މަރުވީ އައިޖީއެމްއެޗް އީއާރްގައި ފަރުވާދެމުން ދަނިކޮށް ރޭ ފަތިހުގެ ވަގުތެއްގައެވެ. ދ. ބަނޑިދޫގައި ކޮވިޑް ޖެހިފައިވާ އުމުރުން 76 އަހަރުގެ ދިވެހި ފިރިހެނަކު މިއަދު ހެނދުނު މަރުވެފައިވާ އިރު، ވިލިމާލޭ ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށް މިއަދު މެންދުރުފަހުގެ ވަގުތެއްގައި ކޮވިޑު ޖެހިފައިވާ އުމުރުން 72 އަހަރުގެ ދިވެހި އަންހެނަކު ވެސް ވަނީ މަރުވެފައެވެ.

ރާއްޖޭގައި ކޮވިޑު ޖެހިގެން އެންމެ ގިނަ މީހުން މަރުވީ މިމަހުގެ 25 ވަނަ ދުވަހުއެވެ. އެ ދުވަހު ބަލީގައި 13 މީހަކު މަރުވިއެވެ.

ކޮވިޑުގައި އެންމެ ފުރަތަމަ ރާއްޖެއިން މީހަކު މަރުވީ މިދިޔަ އަހަރުގެ އޭޕްރީލް މަހުގެ 29 ވަނަ ދުވަހުއެވެ. އެއީ އުމުރުން 83 އަހަރުގެ ދިވެހި އަންހެނެކެވެ.