ފަރުވާދިނުން ލަސްވުމުގެ ސަބަބުން ކޮވިޑު ބަލީގައި މަރުވި އުމުރުން ދިހަ އަހަރުގެ މިޝްކާ މުހައްމަދުގެ މަރުގެ މައްސަލައިގެ ރިޕޯޓު އަދި ނުނިމޭ ކަމަށާއި އެކަމަށް ވަގުތު ނަގާނެ ކަމަށް ހެލްތު މިނިސްޓްރީން ބުނެފިއެވެ.
މިދިޔަ ބުދަ ދުވަހުގެ ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހެލްތު މިނިސްޓަރު އަހުމަދު ނަސީމް ވިދާޅުވީ މިޝްކާގެ މަރުގެ މައްސަލައިގެ ރިޕޯޓު އެރޭ ނިމޭނެ ކަމަށާއި އެ ރިޕޯޓު ނިމުމާއެކު ފިޔަވަޅު އަޅާނެ ކަމަށެވެ. އަދި އެ މައްސަލައިގައި އިހުމާލު އޮތްކަން ވެސް މިނިސްޓަރު ފާހަގަކުރެއްވިއެވެ.
އެ މައްސަލައިގެ ތަހުގީގު ރިޕޯޓު ލަސްވުމުން ގިނަ ބަޔަކު އެކަމަށް ފާޑުކިޔަމުން ދަނިކޮށް، ހެލްތު މިނިސްޓްރީން މިއަދު ކުރި ޓުވީޓެއްގައި ބުނީ ގިނަ ކަންތައްތަކެއް ބަލަން ޖެހުމުން އެކަމަށް އިތުރު ވަގުތު ނަގާނެ ކަމަށެވެ.
"ކޮވިޑް ބަލީގައި ކުޑަކުއްޖަކު ނިޔާވުމާ ގުޅިގެން ހަދަމުންގެންދާ ކޭސް ރިވިއުގެ ގިނަ މަސައްކަތަތަކެއް މި އަންނަނީ ކުރަމުން. މި މައްސަލައިގައި ގިނަ ކަންކަން ބަލަން ޖެހުމުން މިކަމަށް އިތުރު ވަގުތު ނަގާ. މަސައްކަތް ކުރަމުން މިދަނީ ވީއެންމެ އަވަހަށް މި މަސައްކަތް ނިންމުމަށް،" މިނިސްޓްރީން ބުންޏެވެ.
ކޮވިޑުގައި މިދިޔަ އަންގާރަ ދުވަހުގެ ރޭ މަރުވި މިޝްކާގެ ހާލު ދެރަވެގެން އެމްބިއުލާންސަށް ގުޅުމުން އެމްބިއުލާންސް އައުމަށް ދެ ގަޑިއިރާއި 20 މިނެޓުވި ކަމަށް މިޝްކާގެ އާއިލާއިން ވަނީ ބުނެފައެވެ.
މިޝްކާ މަރުވި މައްސަލަ ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް ކޮމިޓީން ވެސް އަންނަނީ ބަލަމުންނެވެ. ނަމަވެސް ހެލްތު މިނިސްޓްރީންނާއި ކަމާބެހޭ އެހެނިހެން މުއައްސަސާތަކުން ބޭނުންވާ މައުލޫމާތު ލިބިފައި ނުވާތީ އިއްޔެ ބޭއްވި ކޮމިޓީ ބައްދަލުވުން ވަނީ ނިންމާލައިފައެވެ.
ޚަބަރު
ޚަބަރު