ކޮވިޑު ޖެހުނު އިތުރު މީހަކު މަރުވެ ރާއްޖޭގެ ޖުމުލަ އަދަދު 175 އަށް އަރައިފި އެވެ.

"ވަން" އަށް އެނގިފައިވާ ގޮތުގައި ކޮވިޑުގައި މަރުވި 175 ވަނަ މީހާއަކީ ސްރީލަންކާ މީހެކެވެ. އުމުރުން 37 އަހަރުގެ އެމީހާ މަރުވެފައި ވަނީ އައިޖީއެމްއެޗްގެ އިމަޖެންސީ ރޫމުގައި ގައި ފަރުވާ ދެމުން އަންނަނިކޮށް ރޭ ފަތިހުގެ ވަގުތެއްގަ އެވެ.

ރާއްޖޭގައި ކޮވިޑު ޖެހިގެން އެންމެ ގިނަ މީހުން މަރުވީ މިމަހުގެ 25 ވަނަ ދުވަހުއެވެ. އެ ދުވަހު ބަލީގައި 13 މީހަކު މަރުވިއެވެ.

ކޮވިޑުގައި އެންމެ ފުރަތަމަ ރާއްޖެއިން މީހަކު މަރުވީ މިދިޔަ އަހަރުގެ އޭޕްރީލް މަހުގެ 29 ވަނަ ދުވަހުއެވެ. އެއީ އުމުރުން 83 އަހަރުގެ ދިވެހި އަންހެނެކެވެ.

ރާއްޖޭގައި ކޮވިޑަށް ޕޮޒިޓިވް ވާ މީހުންގެ އަދަދުތައް އާދަޔާ ހިލާފަށް މަތީގައި ހުރުމަށް ފަހު މިދިޔަ ދެތިން ދުވަހަކު ވަނީ އެ އަދަދުތައް މަޑުމަޑުން ދަށަށް ޖެހެން ފަށައިފަ އެވެ. އެ ގޮތުން މީގެ ހަފުތާއެއްހައި ދުވަސް ކުރީން 1000 އާއި 1500 އާ ދެމެދުގައި ހުރި އަދަދުތައް މިހާރު ވަނީ 800 އިން ތިރިޔަށް ޖެހިލައިފަ އެވެ.

ކޮވިޑުގެ އަދަދުތައް ތިރިކުރުމަށް މިހާރު ރާއްޖޭގައި ވަނީ ހަރުކަށި ފިޔަވަޅުތަކެއް އަޅައިފަ އެވެ. އެ ގޮތުން ކަރަންޓީނުގައި ހުންނަ ހުރިހައި ރަށެއްގައި ވެސް ވަކި ވަގުތު ތަކެއްގައި ކާފިއު ހިންގުމުގެ އިތުރުން ކާފިއު ނޫން ގަޑިތަކުގައި ވެސް ހުއްދަ ނަގައިގެން ނޫނީ ބޭރުގައި ނޫޅެވޭނެ ގޮތަށް ވަނީ ހަދައިފަ އެވެ. މީހުން އެއްވާ ޒާތުގެ ހުރިހައި ކަމެއް ވަނީ މަނާކޮށްފަ އެވެ.