ބާސެލޯނާގެ އެޑްވައިޒަރުގެ ގޮތުގައި ޔޯހަން ކްރައިފްގެ ދަރިފުޅު ޖޯޑީ ކްރައިފް އައްޔަން ކޮށްފިއެވެ.

ޖޯޑީ ހަރަކާތްތެރިވާނީ ބާސާގެ "ސްޓްރެޖިކް ރޯލް"އެއްގައެވެ. އޭނާ ލަފާ ދޭނީ ފުޓުބޯޅައާ ގުޅުން ހުރި ކަންކަމުގައެވެ. އުމުރުން 47 އަހަރުގެ ކްރައިފް ވަނީ 1994 ވަނަ އަހަރުން 1996 ވަނަ އަހަރާ ހަމައަށް ގައުމީ ޓީމަށް ކުޅެފައެވެ. އޭނާގެ ބައްޕަ ޔޯހަންއަކީ ދުނިޔޭގެ ފުޓުބޯޅައިގެ ލެޖެންޑެކެވެ. ޔޯހަން ވަނީ ބެލޮންޑިއޯ ހޯދާ ބާސާއާއި އަޔެކްސްއަށް ގިނަ މެޗުތަކެއްވެސް ކުޅެފައެވެ. ހާއްސަކޮށް ޔޯހަންއަކީ ދުނިޔޭގައި މިހާރު މިކުޅޭ "ޓޯޓަލް ފުޓުބޯޅަ" އީޖާދު ކުރުމުގައި މުހިއްމު ރޯލެއް އަދާކުރި ފިލޯސަފަރެކެވެ.

"މިއީ އަހަރެންގެ އާއިލާއާއި އަހަންނަށް ވަރަށް ހާއްސަ ކްލަބެއް. މި މަސައްކަތާއެކު ކުރިއަށްދާން އަހަރެން މިހިރީ ވަރަށް ބޮޑަށް ތައްޔާރަށް. ވަރަށް ބޮޑަށް މޯޓިވޭޓްވެފައި. މިއީ އަނބުރާ ގެއަށް އާދެވުން ކަހަލަ ކަމެއް،" ޖޯޑީ ބުނެފައިވެއެވެ.

ބާސާގެ މަގާމާ ހަވާލުވުމުގެ ކުރިން ޖޯޑީ ހުރީ ޗައިނީސް ސުޕަ ލީގު ކްލަބުގެ ކޯޗެއްގެ ގޮތުގައެވެ. އޭނާ ބާސާގެ މަގާމަށް އައިސްފައި ވަނީ ނޯ ކޭމްޕްގައި ޖޯން ލަޕޯޓާ ހަދާފައިވާ އާ އޯގަނައިޒޭޝަނަލް ސްޓްރަކްޗާގެ ތެރޭގައި ހިމެނޭ މުހިއްމު މަގާމަކަށެވެ.