އިންޑިއާގައި ކައިވެނީގެ ހަފުލާއެއް ކުރިއަށް ދަނިކޮށް ކައިވެނި ކުރަން އުޅުނު އަންހެން ކުއްޖާއަށް ހާޓް އެޓޭކެއް ޖެހި މަރުވުމުން އެމީހާގެ ކޮއްކޮއާ ކައިވެނިކޮށްފިއެވެ.
ކައިވެނީގެ ކަންކަން ކުރިއަށް ދަނިކޮށް އަންހެން މީހާ މަރުވުމުން އާއިލާގެ ފަރާތުން ވަނީ އޭނާގެ ހަށިގަނޑު ޖެހިގެން ހުރި ކޮޓަރީގައި ބާއްވައިފަ އެވެ. އަދި އެޔަށްފަހު ކުރިޔަށް ގެންދިޔައީ އެ އަންހެން މީހާގެ ކޮއްކޮއާއި ފިރިހެން މީހާގެ ކައިވެނީގެ ކަންކަމެވެ.
އިންޑިއާގެ އުއްތަރު ޕްރަދޭޝުގެ ސުރުބީ ކިޔާ މި އަންހެން މީހާ އާއި މަންގޭޝް ކުމާރުގެ ކައިވެނީގެ ހަފުލާ ކުރިއަށް ދިޔައީ މިދިޔަ މަހުގެ 27 ގައެވެ. އެ ދެ މީހުން ކައިވެނިކޮށް އެކަކު އަނެކަކު ކަރުގައި މާބޮނޑި އަޅުވަނިކޮށް އަންހެން މީހާ ވަނީ ހަބަރު ހުސްވެގެން ވެއްޓިފައެވެ. ޑޮކްޓަރަކު ހާޒިރުކޮށް ބެލިބެލުމުން އެނގުނީ ސުރުބީ ވެއްޓި މަރުވީ ހާޓް އެޓޭކެއް ޖެހިގެން ކަމެވެ.
ކަންތައް މިހެން ދިމާވުމުން ސުރުބީގެ މައިންބަފައިންނާއި މަންގޭޝްގެ މައިންބަފައިން ވާހަކަދައްކައި ނިންމީ ސުރުބީގެ ކޮއްކޮ ނިޝާ އާއި މަންގޭޝް ކައިވެނިކުރުވައި ރަސްމިއްޔާތު ކުރިއަށް ގެންދިއުމަށެވެ. މިފަދައިން އާއިލާއިން ނިންމާފައިވަނީ އިންޑިއާގެ ސަގާފަތުގައި ހިމެނޭ، ކައިވެންޏަށް އަންހެން ކުއްޖާގެ އާއިލާއިން އަދާކުރަން ޖެހޭ އަގު ފިރިހެން ކުއްޖާގެ އާއިލާއަށް ހަވާލުކޮށްފައިވާތީ ކަމަށް ބައެއް މީޑިއާތަކުން ރިޕޯޓު ކޮށްފައިވެ އެވެ.
އިންޑިއާގައި ގިނަ ކައިވެނިތަކަކީ ސަގާފަތާ އެއްގޮތަށް އާއިލާއިން ރާވައިގެން ކުރެވޭ ކައިވެނިތަކެކެވެ.
ސުރުބީގެ ފިރިހެން ކޮއްކޮއަކު މީޑިއާއަށް ބުނިގޮތުގައި ދައްތަގެ މަރުވެފައިވާ ހަށިގަނޑު އެއްކޮޓަރީގައި އޮތްއިރު އަނެއްކޮޅުގައި އަންހެން ކޮއްކޮގެ ކައިވެނި ކުރާތަން ބެލުން ވީ އުނދަގޫ ކަމަށެވެ. މީގެ އިތުރުން ކުދިންގެ ބޮޑުބޭބެ އަޖިތު ވެސް ބުނީ މިއީ ތަފާތު އިހުސާސެއް ކުރުވި ހާދިސާއެއް ކަމަށާއި އެއް ކުއްޖަކު މަރުވުމުގެ ހިތާމަ ތަހައްމަލު ކުރުމަށާއި އަނެއް ކުއްޖެއްގެ ކައިވެނީގެ އުފާ ހާސިލުކުރުމަކީ ވަރަށް ވެސް ދަތިކަމެއްކަމުގައި އޭނާ ބުނެފައިވެއެވެ.
ލައިފް ސްޓައިލް
ލައިފް ސްޓައިލް
ލައިފް ސްޓައިލް
ލައިފް ސްޓައިލް