ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ޓެރަރިސްޓު ހަމަލާ ދިން އިރު، އެމަނިކުފާނަށް ދެމުންދިޔަ ސެކިއުރިޓީ ބްރީޗުވި ގޮތުގެ ޕާލިމަންޓަރީ އެންކުއަރީއަށް ސިފައިން އެއްބާރުލުން ދޭނެ ކަމަށާއި ނަމަވެސް ވަކިވަކި ސިފައިން ހާޒިރު ނުކުރެވޭނެ ކަމަށް އެމްއެންޑީއެފުން ބުނެފިއެވެ.
އެމްއެންޑީއެފުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، ސިފައިންގެ ކޮންމެ މީހަކުވެސް އެމީހަކަށް ލިބިފައިވާ ގާނޫނީ ބާރާއި އިހުތިޔާރުގެ ބޭނުން ހިފާ ގޮތާ މެދު އަދި އެމީހެއްގެ މަސްއޫލިއްޔަތު އަދާކުރާ ގޮތާ މެދު ތެދުވެރިކަމާއި އިހުލާސްތެރިކަމާއެކު ޖަވާބުދާރީވާން ޖެހޭނީ ޗީފް އޮފް ޑިފެންސް ފޯސް ކަމަށް ސިފައިންގެ ގާނޫނުގެ 17 ވަނަ މާއްދާގެ (ށ)ގައި ބަޔާންކޮށްފައިވާ ކަމަށެވެ.
ސިފައިންގެ މައްޗަށް ޗީފް އޮފް ޑިފެންސް ފޯސްއަށް ލިބިގެންވާ އެންމެހައި ގާނޫނީ ބާރާއި އިހުތިޔާރުގެ ބޭނުން ހިފާ ގޮތާ މެދުގައްޔާއި އޭނާގެ މަސްއޫލިއްޔަތު އަދާކުރާ ގޮތާ މެދު ޖަވާބުދާރީވާން ޖެހެނީ މިނިސްޓަރަށް ކަމަށާއި އެހެންވެ، ރައްޔިތުންގެ މަޖިލީހަށް ޖަވާބުދާރީވާން ޖެހޭނީ ސިފައިންގެ އެންމެ މަތީ ވެރިޔާއާއި މިނިސްޓަރު ކަމަށްވެސް އެމްއެންޑީއެފްގެ ބަޔާނުގައި ބުނެފައިވެއެވެ.
އެމްއެންޑީއެފުން ބުނީ އެ ސަބަބުތަކާ ހުރެ ސިފައިންގެ ކޮމާންޑް އެންޑް ކޮންޓްރޯލާއި، ޗެއިން އޮފް ކޮމާންޑުގެ އުސޫލު ހަރުދަނާ ގޮތެއްގައި ދެމެހެއްޓުމަށްޓަކައި، ސިފައިން އެމީހުންގެ މަސްއޫލިއްޔަތާއި ވާޖިބު އަދާކުރާގޮތާ މެދު ރައްޔިތުންގެ މަޖިލީހަށް ވަކިވަކި ސިފައިން ޖަވާބުދާރީވުމުގެ ބަދަލުގައި، ޖަވާބުދާރީ ވާނީ މުޅި މުއައްސަސާގެ ފަރާތުން ކަމުގައި ދެކޭ ކަމަށެވެ.
"އަދި، ރައްޔިތުންގެ މަޖިލީހުން ނުވަތަ އެ މަޖިލީހުގެ ކޮމެޓީއަކުން ބައްލަވަމުން ގެންދަވާ މައްސަލައަކާ ގުޅޭގޮތުން، ސިފައިންގެ ވަކި މީހަކު މަސްއޫލިއްޔަތު އަދާކުރާ ގޮތާ ގުޅޭގޮތުން މައުލޫމާތެއް ހޯދަން ބޭނުންވެއްޖެނަމަ، އެ މައުލޫމާތެއް ވެސް މި މުއައްސަސާއިން ފޯރުކޮށްދޭނެ ކަމުގައި ދަންނަވަމެވެ،" ބަޔާނުގައި ބުންޏެވެ.
ރައީސް ނަޝީދަށް އަމާޒުކޮށް ދިން ޓެރަރިސްޓް ހަމަލާއާ ގުޅިގެން އެމްޑީޕީގެ ގިނަ މެންބަރުން ދަނީ ސަލާމަތީ ހިދުމަތްތަކަށް ފާޑުކިޔުން އަމާޒު ކުރަމުންނެވެ. އެންމެ ބޮޑު ފާޑުކިޔުމެއް އަމާޒުވެފައިވަނީ ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ އަށެވެ. އެގޮތުން ނަޝީދަށް ހަމަލާދޭން އުޅޭ ކަމުގެ މައުލޫމާތެއް ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބް މާރިޔާއާ ހިއްސާކުރެއްވިކަން ހާމަވުމާއި ނަޝީދު އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާދެމުންދިޔަ އިރު، އެތަނުގެ ފާހާނާއެއްގައި ފިސްތޯލައެއް ފެނުނު މައްސަލަވެސް ވަނީ ވަރަށް ބޮޑަށް ހޫނުވެފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު