މއ. މޯނިންވިއު ގޭގައި ހިނގި އަލިފާނުގެ ހާދިސާގައި ހާލުގައި ޖެހުނު ފަރާތްތަކަށް އެހީވުމަށް އަމިއްލަ ޖަމިއްޔާއެއް ކަމަށްވާ މާލެ ޔޫތު ކޮމިއުނިޓީން ފަންޑް ރައިޒް ހަރަކާތެއް ބޭއްވުމަށް ނިންމައިފިއެވެ.

މިދިޔަ މަހުގެ 26 ވަނަ ދުވަހުގެ ރޭ ހިނގި އެ ހާދިސާގައި، މީހުންނަށް ދިރިނޫޅެވޭ ވަރަށް ހަލާކުވެފައި ވަނީ ދެ އިމާރާތަކަށް ހަދާފައި ހުންނަ މޯނިން ވިއުގޭގެ ހުޅަނގު ފަރާތުގައި ހުންނަ ތިން ބުރީގެ އިމާރާތެވެ. ހާދިސާއާ ގުޅިގެން ހާލުގައި ޖެހުނު 32 މީހަކަށް ސަރުކާރުން ވަނީ ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދީފިއެވެ.

އެ ފަރާތްތަކަށް އެހީވުމަށް މާދަމާގެ ހުކުރު ނަމާދަށް ފަހު ފަންޑު ފޮއްޓެއް ބެހެއްޓުމަށް ހަމަޖެހިފައިވާ ކަމަށް މާލެ ޔޫތު ކޮމިއުނިޓީން ވަނީ ބުނެފައެވެ.

އެ ޖަމިއްޔާގެ ރައީސް ހަމްޒާ ޒުހައިރު 'ވަން' އަށް ވިދާޅުވީ، މާދަމާ އިން ފެށިގެން ދެ ދުވަހުގެ ނިޔަލަށް ހިންގާ އެ ހަރަކާތުގައި ފަންޑު ފޮށި ބެހެއްޓުމަށް ހަމަޖެހިފައިވަނީ، މޯނިންވިއުގެ ހުންނަ ސަރަހައްދު، ބުރުޒުމަގުގައި ކަމަށެވެ.

"އަޅުގަނޑުމެނެގް މި ޖަމިއްޔާގެ މަގުސަދަކީ މިގޮތަށް ހާލުގައި ޖެހޭ ފަރާތްތަކަށް އެހީވުން. ދެން މި ޖަމިއްޔާ އުފެއްދިތާ ވެސް އަދި ނުވާނެ މާގިނަ ދުވަހެއް. އެހެން ހުއްޓައި އެ ގޭގައި ރޯވެގެން ކުޑަ ކުދިންތަކަކާއެކު ގިނަ ބަޔަކު މިވަނީ ހާލުގައި ޖެހިފައި،" ހަމްޒާ ވިދާޅުވިއެވެ.

ހޮނިހިރު ދުވަހު ޕީޓްރަލް ހޮޓާ ކައިރީގައި ފަންޑު ފޮށި ބެހެއްޓުމަށް ހަމަޖެހިފައިވާ އިރުމ ލިބޭ ތަރުހީބަށް ބަލައި އިތުރު ދުވަސްތަކުގައި ވެސް ހަރަކާތްތައް ކުރިއަށްގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

މޯނިންވިއު ގޭގައި ހިނގި އަލިފާނުގެ ހާދިސާގައި ހާލުގައި ޖެހުނު ފަރާތްތަކަށް އެހީވުމުގެ ގޮތުން ހިންގާ ހަރަކާތުން އެ ޖަމިއްޔާގެ މަސައްކަތް ރަސްމީކޮށް ފެށުމަށް ހަމަޖެހިފައިވާ އިރު، މާލެ ސަރަހައްދުގައި ހިނގާ އެފަދަ ކޮންމެ ހާދިސާއެއްގައި ހާލުގައި ޖެހޭ ފަރާތްތަކަށް އެ ޖަމިއްޔާއިން އެހީތެރިކަން ފޯރުކޮށްދިނުމަށް ނިންމާފައިވާ ކަމަށް ވެސް ހަމްޒާ ވިދާޅުވިއެވެ.

އެ ފަރާތްތަކަށް މިހާރު ވެސް އެހީތެރިކަން ފޯރުކޮށްދެމުން އަންނަކަން ފާހަގަކުރައްވައި ހަމްޒާ ވިދާޅުވީ، ހާދިސާގައި އެ ގޭގެ ތިން އެޕާޓްމެންޓުގައި އުޅުނު ދެ އާއިލާއެއްގެ ހުރިހާ މުދަލެއް ކަހަލަ ގޮތަކަށް ވަނީ އަނދައި އަޅިއަށްވެ ބޭނުން ނުކުރެވޭ ވަރަށް ހަލާކުވެފައި ކަމަށެވެ.

ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ބުނީ، އެ ހާދިސާގައި ލިބުނު ގެއްލުން އަދި ބުނަން ނޭނގޭ ކަމަށާއި އަންނަ ހަފުތާގައި އެސިސްމެންޓް ހަދައި ނިމުމުން ލިބުނު ގެއްލުމުގެ ތަފްސީލު ހާމަކުރާނެ ކަމަށެވެ.

ހާދިސާގައި ހާލުގައި ޖެހުނު 32 ފަރާތްތަކަށް ވަނީ ހަތް ގެސްޓްހައުސްއަކުން ވަގުތީ ބޯހިޔާވަހިކަން ހަމަޖައްސައިދީފައެވެ. އެމީހުންގެ ތެރޭގައި 12 ކުޑަކުދިން ހިމެނޭ އިރު، ހާދިސާ ހިނގިއިރު 20 ދުވަސް ވެފައިވާ ތުއްތު ކުއްޖަކު ވެސް ހިމެނެއެވެ.