ކޮވިޑް ވެކްސިން ގަންނަ އަގު ހާމަކުރުން އޮންނަނީ މަނާކޮށްފައި ކަމަށާއި ރާއްޖެއިން ވެކްސިން ގަތީ މާބޮޑު އަގަކަށް ނޫން ކަމަށް ހެލްތު މިނިސްޓަރު އަހުމަދު ނަސީމް ވިދާޅުވެއްޖެއެވެ.
ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)ގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު ނަސީމް ވިދާޅުވީ، 700،000 ވެކްސިން ގަތުމަށް އެސްޓްރާނެކާއާ އެކު ހެދި އެއްބަސްވުމުގެ ދަށުން މި މަހުގެ ތެރޭގައި ދެ ލައްކަ ޑޯޒް ލިބޭނެ ކަމަށާއި އަންނަ މަހުވެސް ދެ ލައްކަ ޑޯޒް ލިބޭނެ ކަމަށެވެ.
"މިމަހުގެ ތެރޭގައި އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންނަށް ދެ ލައްކަ ޑޯޒް ލިބޭނެ. ޖުލައި މަހުގައި އަޅުގަނޑުމެންނަށް ލިބޭނެ އަނެއް ދެ ލައްކަ ޑޯޒް. އަދި ތިން ލައްކަ ޑޯޒް އަޅުގަނޑުމެންނަށް ލިބޭނެ އޮގަސްޓް މަހު. މިހާރު އެ ޕްރޮޑަކްޝަން ތައިލެންޑުގައި ފަށައިފި،" މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ، އެސްޓްރާޒެކެނާއިން އެކި ގައުމަށް ވެކްސިން ވިއްކަނީ އެކި އަގުގައި ކަމަށެވެ. އެހެންވެ، ރާއްޖެއިން ވެކްސިން ގަތް އަގު ހާމަކުރުން އޮތީ މަނާކޮށްފައި ކަމަށް ވިދާޅުވިއެވެ.
"އަޅުގަނޑުމެންނަށް މަނާ އަޅުގަނޑުމެންގެ އަގު ހާމަކުރުން. އެއީ އެކި ގައުމަށް އެމީހުން ވިއްކަނީ އެކި އަގަށް. އަޅުގަނޑަށް ދަންނަވަން ކެރޭ ވާހަކައަކީ، އަޅުގަނޑުމެން އެހާ އަގުބޮޑުކޮށްނެއް ނޫނޭ އެ އެއްޗެހި ގަތީކީ. އެހެންވީމާ އެމީހުން ހުއްދަ ދިން އިރަކުން އަޅުގަނޑުމެން ހާމަކުރާނަން." މިނިސްޓަރު ވިދާޅުވިއެެވެ.
އެސްޓްރާޒެނެކާ ވެކްސިންގެ ފުރަތަމަ ޝިޕްމަންޓް މިމަހުގެ ތެރޭގައި ރާއްޖެއަށް ލިބޭނެ ކަމަށް މިނިސްޓަރު ނަސީމް ވިދާޅުވި އިރު، ސަރުކާރުން އަންނަނީ ރަޝީއާގެ ސްޕްޓްނިކް ވެކްސިން ގަތުމަށްވެސް މަސައްކަތް ކުރަމުންނެވެ.
ޚަބަރު
ޚަބަރު
ޚަބަރު