ހެލްތު މިނިސްޓްރީއާ ގުޅޭ މައްސަލަތަކުގެ ރިޕޯޓުތައް ބައްލަވާނެ ކަމަށާއި މިނިސްޓަރުގެ އިހުމާލެއް އޮތްތޯ ވެސް ބައްލަވާނެ ކަމަށް ހެލްތު މިނިސްޓަރު އަހުމަދު ނަސީމް ވިދާޅުވެއްޖެއެވެ.

ކޮވިޑް ޖެހިގެން ރޭ މަރުވި ދިހަ އަހަރުގެ މިޝްކާ މުހައްމަދަށް ފަރުވާ ނުދެވި ލަސްތަކެއްވެފައިވާތީ އެކަމުގެ ކަންބޮޑުވުން އެ ކުއްޖާގެ އާއިލާއިންނާއި ބައެއް އާންމު ރައްޔިތުންވެސް ދަނީ ފާޅުކުރަމުންނެވެ.

ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)ގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު ނަސީމް ވިދާޅުވީ، ހެލްތު މިނިސްޓްރީއާ ގުޅޭ މައްސަލަތައް ހައްލުކުރުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

"ކޯލް ސެންޓަރުގެ މައްސަލަތަކާއި މި ދޭތެރެއިން ދިމާވި ކަންތައްތަކާ ބޮޑު ދިރާސާއެއް ކުރަމުން މިހާރު މިގެންދަނީ. އިރާދަކުރެއްވިއްޔާ މިރޭގެ ނިޔަލަށް އަޅުގަނޑުމެންނަށް މި ކަންތައްތައް ހިނގި ގޮތް ސާފުވާނެ. އަދި އޭގެ އިތުރުން ކޯލް ސެންޓަރަށް ހާއްސަކޮށްގެން އަހަންމިއްޔަތުކަން ދޭން ޖެހޭ ކޯލުތަކުގެ އައިޑެންޓިފިކޭޝަން ހެދުމުގެ މަސައްކަތްތަކެއް ވެސް އަޅުގަނޑުމެން މިހާރު ފަށައިފިން،" މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ، ކޮވިޑް ޖެހިގެން ރޭ މަރުވި މިޝްކާގެ މަރުގެ މައްސަލައިގައި އޭނާގެ އިހުމާލެއް އޮތްތޯވެސް ބައްލަވާނެ ކަމަށެވެ.