ފެމިލީ ކޯޓުގެ ގާޒީ ހުޒައިފާ މުހައްމަދާ ބެހޭގޮތުން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ތަހުގީގުކުރި ސުލޫކީ މައްސަލަ ސާބިތު ނުވާ ކަމަށް އެ ކޮމިޝަނުން ނިންމައިފިއެވެ.
ގާޒީ ހުޒައިފާގެ ސުލޫކީ މައްސަލައެއް ބަލަން ފަށާފައިވަނީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައެވެ. ނަމަވެސް އޭނާއާ ގުޅޭގޮތުން ހުށަހަޅާފައިވަނީ ކޮން މައްސަލައެއް ކަމެއް ޖޭއެސްސީން ބުނެފައެއް ނުވެއެވެ.
ޖޭއެސްސީން މިއަދު ބުނީ އެ ކޮމިޝަންގެ ގާނޫނުގެ 1-22 ވަނަ މާއްދާގެ (ބ)ގެ ދަށުން ހުށަހެޅި 10/2020 ނަންބަރު ޝަކުވާއާ ގުޅިގެން މިދިޔަ އަހަރުގެ ފެބްރުއަރީ 18ގައި ސުލޫކީ މައްސަލަ ތަހުގީގުކުރުމަށް ނޯޓިސް ދީފައިވާ ފެމިލީ ކޯޓުގެ ގާޒީ ހުޒައިފާ މުހައްމަދުގެ ސުލޫކީ މައްސަލަ ތަހުގީގުކޮށް އެ މައްސަލަ ސާބިތު ނުވާ ކަމަށް މިދިޔަ އާދިއްތަ ދުވަހު ބޭއްވި އެ ކޮމިޝަންގެ 43 ވަނަ ބައްދަލުވުމުގައި ނިންމާފައިވާ ކަމަށެވެ.
2019 ވަނަ އަހަރުގެ ޖޫން މަހުގެ ތެރޭގައި ވެސް ހުޒައިފާގެ މައްސަލައެއް ޖޭއެސްސީއަށް ހުށަހެޅިއެވެ. ފެމިލީ ކޯޓުގެ މުވައްޒަފަކު ހުށަހެޅި އެ މައްސަލައިގައި ތުހުމަތުކޮށްފައިވަނީ މަގާމުގެ ބާރު ބޭނުންކޮށްގެން ވަކި ބަޔަކަށް ނާޖައިޒު މަންފާ ހޯދައިދިނުމަށް ހުޒައިފާ މަސައްކަތް ކުރައްވާ ކަމަށެވެ. ނަމަވެސް ޖޭއެސްސީން ފަހުން ވަނީ އެ މައްސަލަ ނުބަލަން ނިންމައިފައެވެ.