ކޮވިޑް 19ގައި ރާއްޖޭން މަރުވި އެންމެ ކުޑަ ކުއްޖާ، ދިހަ އަހަރުގެ މިޝްކާ މުހައްމަދުގެ މަރުގެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.

މި މައްސަލަ ރައްޔިތުންގެ މަޖިލީހަށް ވައްދާފައި ވަނީ، މައްޗަންގޮޅި ދެކުނު ދާއިރާގެ މެމްބަރު އަހްމަދު ހަައިތަމްއެވެ.

އެ މައްސަލައިގެ ލިޔުމުގައި ހައިތަމް ވިދާޅުވެފައި ވަނީ، އެމްބިއުލެންސް ލަސްވުމުގެ ސަަބަބުން ފަރުވާދިނުމަށް ހޮސްޕިޓަލަށް ގެންދިއުން ލަސްވެ، އުމުރުން ދިހަ އަހަރުގެ ކުއްޖަކު ރޭ މި ދުނިޔެއާ ވަކިގެންގެންގޮސްފައިވާ ކަމަށެވެ.

އެ ކުއްޖާގެ ހާލު ދެރަވެގެން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އާ ގުޅުމުން އެމްބިއުލެންސް އައީ ދެ ގަޑިއިރާއި 20 މިނެޓް ފަހުން ކަމަށްވެސް ވިދާޅުވެފައިވެއެވެ.

ހައިތަމް ވިދާޅުވީ މިއީ ކުއްލި ހާލަތުގައި ސިއްހީ ފަރުވާ ލަސްވުމުގެ ސަބަބުން ހިތާމަވެރި ހާދިސާއެއް ހިނގައިދިޔަ ފުރަތަމަ ފަހަރު ނޫން ކަމަށެވެ. އަދި ކުއްލި ހާލަތުގައި ސިއްހީ ފަރުވާ ލަސްވުމުގެ ސަބަބުން ރައްޔިތުންގެ ފަރާތުން އެތައް ޝަކުވާއެއް ލިބެމުންދާ ކަމަށްވެސް ވިދާޅުވެފައިވެއެވެ.

މިކަން މިގޮތަށް ތަކުރާރުވާ ސަބަބު ދެނެގަތުމަށާއި، ސިއްހީ ފަރުވާ ލިބުން ލަސްވާ ސަބަބާއި، މިކަން މިއަށްވުރެ ފަރުވާތެރިކަމާއެކު ނުގެންދެވޭ ސަބަބާއި، މާލޭގެ އާބާދީއާ އެކަށީގެންވާ ވަރަށް ހިދުމަތް ދެވޭނެ އަދަަދަށް ސިއްހީ އާލާތްތައް ހުރިތޯ ބަލަންޖެހޭ ކަމަށްވެސް ވިދާޅުވެފައިވެއެވެ. އަދި މިކަމުގައި ޒިންމާ ނަގަންޖެހޭ ފަރާތްތަކާއި ސުވާލު ކުރެވެންޖެހޭނެ ކަން ވެސް ވަނީ ފާހަގަކުރައްވައިފައެވެ.

އެކަމުގެ ސަބަބުން އިތުރު ފުރާނަތަކެއް ގެއްލިގެން ދިއުމުގެ ކުރިން މިކަމުގައި ޒިންމާ ނަގަންޖެހޭ ފަރާތްތައް މަޖިލީހުގެ ކަމާބެހޭ ކޮމިޓީއަށް ހާޒިރުކޮށް ވީހާވެސް އަވަސް ފުރުސަތެއްގައި މައްސަލަ ބަލަންޖެހޭ ކަމަށްވެސް ހައިތަމް ވިދާޅުވިއެވެ.

ދިހަ އަހަރުގެ ކުއްޖާ މަރުވި މައްސަލައިގައި، އިމަޖެންސީ ކޯލަށް އެމްބިއުލެންސް ފޮނުވުން ލަސްވި މައްސަލަ ބަލަމުން އަންނަ ކަމަށް ހެލްތު މިނިސްޓްރީން ވެސް ވަނީ ބުނެފައެވެ.

ހެލްތު މިނިސްޓްރީން އެކަން ހާމަކޮށްފައިވަނީ، ރޭ އައިޖީއެމްއެޗް އިމަޖެންސީ ރޫމްގައި ފަރުވާދެމުން އައި އުމުރުން ދިހަ އަހަރުގެ ކުއްޖަކު މަރުވުމާ ގުޅިގެން އެ ކުއްޖާ ހޮސްޕިޓަލަށް ގެންދިއުމަށް އެމްބިއުލެންސް ދިއުން ލަސްވެފައިވާ ކަމަށް އާއިލާއިން ބުނެފައިވަނިކޮށެވެ.

ހެލްތު މިނިސްޓްރީން މިއަދު ކުރި ޓުވީޓެއްގައި ބުނީ، މިދިޔަ ހޯމަ ދުވަހުގެ ރޭ ލިބުނު އިމެޖެންސީ ކޯލަކަށް އެމްބިއުލެންސް ފޮނުވުން ލަސްވި މައްސަލަ މިހާރު ބަލަމުން އަންނަ ކަމަށެވެ.