ހޮޓާ ކެފެޓީރިއާ އަދި ރެސްޓޯރެންޓް ހިމެނޭ ގޮތުން އެންމެ ކުދި، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަަކަށް ސަރުކާރުން ހުޅުވާލައި ފުރުސަތުތަކާ ގުޅޭ މައުލޫމާތުތައް މިހާރަށްވުރެ އިތުރަށް ފޯރުކޮށް ދިނުމަށާއި އެ ވިޔަފާރިތަކަށް ހަމަހަމަކަމާއެކު ފުރުސަތުތައް ދިނުމުގެ އިންތިޒާމުތައް ހަމަޖައްސައި ދިނުމަށް ސަރުކާރަށް ހުށަހަޅަން ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ އިން އެގޮތަށް ފާސް ކުރީ، ހޮޓާ، ކެފެޓީރިއާ އަދި ރެސްޓޯރެންޓް ހިންގާ ފަރާތްތަކަށް ކުރިމަތިވަމުންދާ ދަތިތައް ހައްލު ކޮށްދިނުމަށް ސަރުކާރަށް ގޮވާލައި، ރައްޔިތުންގެ މަޖިލީހުގެ ހޯރަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމް މަޖިލީހަށް ހުށަހެޅި ގަރާރުގައި ހިމަނައިގެންނެވެ.
އެ ގަރާރު ރައްޔިތުންގެ މަޖިލީހުގެ އިގުތިސާދީ ކޮމިޓީން ދިރާސާކޮށް މަޖިލީހުގެ ތަޅުމަށް ހުށަހަޅައިގެން މިއަދު ފާސްކުރި އިރު ފަސް ކަމެއް ވަނީ ހިމަނައިފައެވެ.
އޭގެ ތެރޭގައި ހޮޓާ، ކެފެޓީރިއާ އަދި ރެސްޓޯރެންޓް ހިމެނޭ ގޮތުން އެންމެ ކުދި، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަަކަށް އެސްޑީއެފްސީ މެދުވެރިކޮށް ލޯނު ދޫކުރާ ދާއިރާތަކަކީ، ރާއްޖޭގެ އިގުތިސާދަށް ހެޔޮ ބަދަލެއް ގެނުވާނެ ދާއިރާތައްކަން ކަށަވަރު ކުރުމަށާއި ލޯނު ލިބެމުންދާ ފަރާތްތަކަކީ އެކަމަށް އެންމެ ހައްގުވާ ފަރާތްތައްކަން ކަށަވަރު ކުރުމަށާއި އެ ވިޔަފާރުތަކުގެ ޕްރޮގްރެސް މޮނިޓާ ކުރަންޖެހޭ ކަމަށް ވަނީ ހިމަނައިފައެވެ.
ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި އަޅާފައިވާ ފިޔަވަޅުތަކުގެ ސަބަބުން، ކެއިންބުއިމުގެ ހިދުމަތް ދޭ ތަންތަނުގެ ވިޔަފާރިއަށް ލިބޭ ގެއްލުންތައް ކުޑަ ކުރުމަށް އެ ވިޔަފާރިތަަކަށް ލުއި ދިނުމަށްޓަކައި، ވިޔަފާރި ބަންދު ކުރަން ޖެހުނު ވަގުތުތަކުގައި ގެއްލުނު އާމްދަނީއަށް އެކަށީގެންވާ ބަދަލެއް ދިނުމަށް ކަމާބެހޭ ފަރާތްތަކަށް ލާޒިމުކުރުމަށް އެ ގަރާރުގައި ހުށަހަޅާފައިވީ ނަމަވެސް، އެފަދައިން އަމަލު ކުރުމަށް ނުފެންނަ ކަމަށް ވަނީ ފާސްކޮށްފައެވެ.
ސަބަބަކީ މި ހިނގާ 2021 ވަނަ އަހަރަށް ލަފާކޮށް ފާސްކޮށްފައިވާ ބަޖެޓުގައި އެފަދަ ކަމެއް ހަމަޖެއްސުމަށް ބަޖެޓް ކުރެވިފައިނުވުމާއި އެފަދަ ހަރަދެއް ހަމަޖެއްސުމަކީ ބަޖެޓަށް ނޭދެވޭ އަސަރުކޮށް އަންދާޒާ ކޮށްފައިވާ ޑެފިސިޓް ބޮޑުވެ އަދި ފައިނޭންސް ހޯދަންޖެހޭ މިންވަރު އިތުރުވާނެ ކަމަކަށް ބެލެވޭތީ ކަމަށް ކޮމިޓީން ވަނީ ހިމަނައިފައެވެ.
މީގެ އިތުރުން އާންމު ސިއްހަތު ރައްކާތެރިކުރުމުގެ ގާނޫނުގެ ދަށުން ޑިރެކްޓަރު ޖެނެރަލް އޮފް ޕަބްލިކް ހެލްތަށް ލިބިދީފައިވާ ބާރުގެ ދަށުން ފިޔަވަޅުތައް އަޅަމުން ގެންދާ އިރު، ވިޔަފާރިތައް ގިންތި ކުރެވިފައިވާ ގޮތަށް ބަލައި، ކެޓަގަރައިޒްކޮށް، ވިޔަފާރިތަކަށް އެންމެ ގެއްލުން ކުޑަވާނެ ގޮތަށް ގަވާއިދުތަކާއި ފިޔަވަޅުތައް އެޅުމަށް ވަނީ ހުށަހަޅައިފައެވެ.
ހޮޓާ، ކެފެޓީރިއާ އަދި ރެސްޓޯރެންޓް ހިމެނޭ ގޮތުން އެންމެ ކުދި، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ދިގު މުއްދަތަކަށް ދެމެހެއްޓުމަށް، ވިޔަފާރިތަކަށް ފަހި މާހައުލެއް ގާއިމުކޮށްދިނުމަށާއި ވިޔަފާރިތަކުގެ ފަންނީ ގާބިލުކަން އިތުރު ކުރުމަށް ބޭނުންވާ އެހީތެރިކަމާއި ތަމްރީނު ޕްރޮގުރާމުތައް ބައްޓަންކޮށް، އެ ފުރުސަތުތައް ވިޔަފާރިތަކަށް ހުޅުވާލުމަށްވެސް ގަރާރުގައި ހިމަނައިގެން ވަނީ ފާސްކޮށްފައެވެ.