މިދިޔަ މަހު އެކަނިވެސް އެއް އަހަރުން ދަށުގެ 381 ކުއްޖަކު ކޮވިޑަށް ޕޮޒިޓިވް ވެފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.

އެޗްޕީއޭއިން ބުނީ، މިދިޔަ މަހުގެ ތެރޭގައި އެއް އަހަރުން ދަށުގެ 381 ކުއްޖަކު ކޮވިޑަށް ޕޮޒިޓިވް ވި ކަމަށާއި އޭގެ ތެރޭގައި އަލަށް އުފަންވި ކުދިންވެސް ހިމެނޭ ކަމަށެވެ.

މިއީ އެއް މަހެއްގެ ތެރޭގައި އެއް އަހަރުން ދަށުގެ ކުދިން އެންމެ ގިނައިން ކޮވިޑަށް ޕޮޒިޓިވް ވި ފަހަރުވެސް މެއެވެ.

މި ފަހަކަށް އައިސް ކޮވިޑްގެ ނަންބަރުތައް ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. އެގޮތުން ދުވާލެއްގެ މައްޗަށް އެވްރެޖުކޮށް ރާއްޖެއިން 1،500 އަށް ވުރެ ގިނަ މީހުންނަށް ކޮވިޑް ޖެހުމުން ދިޔަ އެވެ. އެހެން ނަމަވެސް މީގެ ހަފުތާއެއްހައި ދުވަސް ކުރީން ސަރުކާރުން ވަނީ ބަލި ކޮންޓްރޯލު ކުރުމަށް ވަރުގަދަ ފިޔަވަޅުތަކެއް އަޅައިފަ އެވެ. މުޅި ރާއްޖެ އަށް އަމާޒުކޮށްގެން އެޅި މި ފިޔަވަޅުތަކުގެ ސަބަބުން ރާއްޖޭގައި އަލަށް ކޮވިޑު ޖެހޭ މީހުންގެ އަދަދު ވަނީ މަޑުމަޑުން ދަށަށް ދާން ފަށައިފަ އެވެ. އެ ގޮތުން މިދިޔަ ދެ ދުވަހު މި އަދަދުތައް ހުރީ 1000 އިން ދަށުގަ އެވެ.

ގިނަ އަދަދެއްގެ ކުޑަކުދީންނަށް ކޮވިޑު ޖެހެމުންދާ އިރު، ރާއްޖޭގައި މި ބަލީގައި ފުރަތަމަ ފަހަރަށް ކުޑަކުއްޖަކު ވަނީ ރޭގެ ވަގުތެއްގައި މަރުވެސް ވެފަ އެވެ. އެއީ 10 އަހަރުގެ އަންހެން ކުއްޖެކެވެ.