މެންޗެސްޓާ ޔުނައިޓެޑްގެ ޒުވާން ފޯވަޑް، މޭސަން ގްރީންވުޑް އިންގްލެންޑް ގައުމީ ޓީމުން ޔޫރޯއަށް ނަގާފައިވާ 33 ކުޅުންތެރިންގެ ސްކޮޑުން އަމިއްލައަށް ބޭރުވެއްޖެއެވެ.

އުމުރުން 19 އަހަރުގެ ގްރީންވުޑް ސްކޮޑުން ބޭރުވެފައި ވަނީ ގިނަ ދުވަސްތަކެއް ވަންދެން އޭނާއަށް ކުރިމަތިފައިވާ އަނިޔާއަކަށް ފަރުވާ ހޯދައި، ފުލްކޮށް ރިކަވާވުމަށް ކަމަށް އޭނާގެ ކްލަބު، ޔުނައިޓެޑުން ނެރުނު ބަޔާނެއްގައިވެއެވެ.

"ގްރީންވުޑް ނިންމާފައި ވަނީ އިންގްލެންޑް ޓީމަށް ނުގޮސް ޔުނައިޓެޑުގައި މަޑުކޮށް ފަރުވާ ހޯދަން. ގްރީންވުޑްގެ އަނިޔާއަކީ ސީޒަންގެ އެކި ހިސާބުތަކުން ކުރިމަތިވި އަނިޔާއެއް. މާޗު މަހު އޮތް 21 އަހަރުން ދަށުގެ ޔޫރޯއަށްވެސް ނުދެވުނީ އެ އަނިޔާގެ ސަބަބުން. ގްރީންވުޑަށް އަކަށީގެންވާ ވަގުތު ބޭނުންވޭ އަނިޔާއިން އެއްކޮށް ރަނގަޅުވުމަށް،" ޔުނައިޓެޑްގެ ސްޓޭޓްމަންޓްގައިވެއެވެ.

އިންގްލެންޑުން މިހާތަނަށް 33 ކުޅުންތެރިން ވަގުތީ ސްކޮޑެއް އިއުލާން ކޮށްފައިވާ އިރު، މިއަދުގެ ވަގުތެއްގައި އެ ކްލަބުން ޔޫރޯއަށް ދާ ފައިނަލް 26 ކުޅުންތެރިންގެ ސްކޮޑު އިއުލާން ކުރާނެއެވެ. ގްރީންވުޑް މި ސީޒަންގައި ދެއްކި ފޯމަށް ބަލައި ކޯޗު ގެރެތު ސައުތުގޭޓްގެ ފައިނަލް ސްކޮޑުގައި އޭނާ ހިމެނޭނެ ކަމަށްވެސް އޮތީ ބެލެވިފައެވެ. ގްރީންވުޑް ވަނީ މި ސީޒަންގައި ޔުނައިޓެޑަށް ކުޅުނު 52 މެޗުން 12 ގޯލް ޖަހައިފައެވެ. ޔުނައިޓެޑުން ލީގުގެ ދެވަނައިގައި ސީޒަން ނިންމާލި އިރު، އެޓީމުން ވަނީ ޔޫރޮޕާ ލީގުގެ ފައިނަލްވެސް ކުޅެފައެވެ.

ގްރީންވުޑް މީގެ ކުރިންވެސް ވަނީ އިންގްލެންޑް ސްކޮޑުގައި ހިމެނި ގައުމީ ޓީމަށްވެސް ކުޅެފައެވެ. އެހެންނަމަވެސް މި ފަހަކަށް އައިސް އޭނާ ސްކޮޑަށް ނަގައިފައެއް ނުވެއެވެ. އެއީ އަހުލާގީ މައްސަލައެއްގެ ސަބަބުންނެވެ. މިދިޔަ އަހަރު ސެޕްޓެންބަރު މަހުގެ ތެރޭގައި އިންގްލެންޑުން އައިސްލޭންޑްގައި ކޭމްޕް ކޮށްގެން ތިބި އިރު، ކޮވިޑް 19 އުސޫލާ ހިލާފުވެގެންނެވެ.

އައިސްލޭންޑާ ދެކޮޅަށް ކުޅުނު މެޗަށްފަހު އިނގިރޭސި ގައުމީ ޓީމު ކުޅުންތެރިން ތިބި ހޮޓަލުގެ ކޮޓަރިއަށް ގްރީންވުޑާއި ފިލް ފޮޑެން ވަނީ އަންހެން ކުދިންތަކެއް ވައްދައިފައެވެ. ނަމަވެސް އެ މައްސަލަ މިހާރު ވަނީ ހައްލުކޮށްފައެވެ.