އިސްލާމް ދީނަށް މަލާމާތްކޮށް ހަޖޫ ޖަހައި، ފުރައްސާރަ ކުރާ މީހަކާ ދިމާލަށް އޭނާއަކީ އިސްލާމްދީނާ ދެކޮޅު މީހެކޭ ބުނުމަކީ ޖިނާއީ ކުށަކަށް ވެގެން ނުވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސެއިން ވިދާޅުވެއްޖެއެވެ.
އަލީ ހުސެއިން މިހެން ވިދާޅުވީ، ވަކި މީހަކީ އިސްލާމްދީނާއި ހިލާފަށް އުޅޭ ނުވަތަ އިސްލާމްދީނާ ދެކޮޅު މީހަކު ކަމަށް ތުހުމަތު ކުރުމާއި އާންމު ތަނެއްގައި މުސްލިމަކު ކާފަރެއްގެ ގޮތުގައި ސިފަކުރުމާއި އެކަމުގައި ބައިވެރިވުމަކީ ޖިނާއީ ކުށެއް ކަމަށް ގާނޫނުގައި ކަނޑައަޅައި އެފަދަ ފަރާތްތަކަށް ބޮޑެތި އަދަބުތަކެއް ދިނުމަށް ގާނޫނުލްއުގޫބާތަށް ހުށަހަޅާފައިވާ އިސްލާހުތަކަށް ނިސްބަތް ކޮށެވެ.
އަލީ ހުސެއިން މިއަދު ވިދާޅުވީ، ގާނޫނުއަސާސީގައި ބަޔާންކޮށްފައިވާ ގޮތަށް އިސްލާމް ދީނުގެ އަސްލަކާއި ހިލާފު ނުވާ ގޮތަށް ހިޔާލު ފާޅުކުރުމުގެ މިނިވަން އޮންނަން ޖެހޭނެ ކަމަށެވެ. އަދި އެއާ އިދިކޮޅަށް ފާސްކުރަން އުޅޭ އެއްވެސް ގާނޫނަކަށް ތާއީދު ނުކުރައްވާނެ ކަމަށް ވިދާޅުވިއެވެ.
ހިސާން ހުސެއިން ހުށަހަޅުއްވާ ބިލުގައި ބުނެފައިވާ ގޮތުން އާންމު ތަނެއްގައި ވަކި މީހަކީ އިސްލާމްދީނާ ހިލާފަށް އުޅޭ ނުވަތަ އިސްލާމްދީނާ ދެކޮޅު މީހަކު ކަމަށް ތުހުމަތު ކުރުން ނުވަތަ އިސްލާމީ އަގީދާއާ ގުޅުވައި މުޖުތަމައުގައި މީހަކާ މެދު ނަފުރަތު އުފެއްދުމަކީ ކުށެކެވެ. އަދި އާންމު ތަނެއްގައި މުސްލިމަކު ކާފަރެއްގެ ގޮތުގައި ސިފަކުރުން ނުވަތަ އެގޮތަށް ސިފަ ކުރުމުގައި ބައިވެރި ވުމަކީވެސް ކުށެއް ކަމުގައި ބިލުގައި ވަނީ ކަނޑައަޅައިފައެވެ.
ބިލުގައިވާ ގޮތުން އެއީ އެއްވަނަ ދަރަޖައިގެ ކުށެކެވެ. އެހެންކަމުން އެފަދަ ކުށެއް ކޮށްފި ނަމަ އެންމެ ބޮޑުވެގެން އަންނާނީ އެއް އަހަރުގެ ޖަލު ހުކުމެކެވެ. އެންމެ ދަށް ވެގެން އެއް މަހާއި ހަ ދުވަހުގެ ޖަލު ހުކުމެއް އަންނާނެއެވެ.
ބިލުގައިވާ ގޮތުން މުސްލިމަކު ކާފަރެއް ކަމަށް ތުހުމަތު ކުރުމާ އެކު އެ މީހަކާ ދެކޮޅަށް އަނިޔާވެރި ވުމަށް ގޮވާލުމާއި އެފަދަ އަމަލަކަށް ހިތްވަރުދިނުމާއި ބައިވެރިވުމަކީވެސް ކުށެކެވެ. ބިލުގައިވާ ގޮތުން އެއީ ފަސްވަނަ ދަރަޖައިގެ ކުށެކެވެ. އެފަދަ ކުށެއް ކޮށްފި ނަމަ އެންމެ ބޮޑުވެގެން އަންނާނީ ދެ އަހަރު ދުވަހުގެ ޖަލު ހުކުމެކެވެ. އެންމެ ދަށްވެގެން ނުވަ މަހާއި 18 ދުވަހުގެ ޖަލު ހުކުމެއް އަންނާނެއެވެ.
މުސްލިމަކު ކާފަރު ކޮށް މީހަކަށް އަނިޔާއެއް ދިނުން ނުވަތަ އަނިޔާއެއް ދިނުމުގައި ބައިވެރިވުން ނުވަތަ އަނިޔާއެއް ދިނުމަށް ރޭވުން ނުވަތަ އެ މީހެއްގެ ސިޔާސީ ވިސްނުމަށް ބަލައި، އެމީހަކަށް ޖިސްމާނީ އަނިޔާއެއް ދިނުން ނުވަތަ ދިނުމުގައި ބައިވެރިވުން ނުވަތަ ދިނުމަށް ރޭވުމަކީވެސް ކުށެކެވެ. އެއީ ހަތަރު ވަނަ ދަރަޖައިގެ ކުށެއް ކަމަށް ބިލުގައިވެއެވެ. އެފަދަ ކުށެއް ކޮށްފިނަމަ ދެވޭނެ އެންމެ ބޮޑު އަދަބަކީ ހަތަރު އަހަރަށް ޖަލަށް ލުމެވެ. އަދި އެންމެ ދަށްވެގެން އެއް އަހަރާއި ހަތް މަސް ދުވަހުގެ ޖަލު ހުކުމެއް އަންނާނެއެވެ.
އޭގެ އިތުރުން މީހެއްގެ ނަސްލަށް ނުވަތަ އުފަންވީ ގައުމަށް ނުވަތަ ކުލަޔަށް ބަލައި އެމީހަކަށް ޖިސްމާނީ އަނިޔާއެއް ދިނުމާއި ނުރައްކާތެރި ހަތިޔާރެއް ބޭނުންކޮށްގެން އެމީހަކަށް ޖިސްމާނީ އަނިޔާއެއް ދޭން އުޅުމާއި އެމީހަކާ މެދު ތަފާތުކުރުމަށް ގޮވާލުން ނުވަތަ އެފަދަ އަމަލަށް ހިތްވަރުދިނުމަކީވެސް ކުށެކެވެ.
އެފަދަ ކުށެއް ކުރާ މީހަކަށް އެންމެ ބޮޑުވެގެން 25 އަހަރުގެ ޖަލު ހުކުމެއް އަންނާނެ ކަމަށް ބިލުގައި ބުނެފައިވެއެވެ. އަދި މީހެއްގެ ނަސްލަށް ނުވަތަ އުފަންވީ ގައުމަށް ނުވަތަ ކުލަޔަށް ބަލައި ޖިސްމާނީ އަނިޔާއެއް ދިނީ ކިޑްނެޕް ކޮށްގެން ނުވަތަ މީހަކަށް ޖިންސީ އަނިޔާއެއް ދީގެން ނުވަތަ މީހެއްގެ ފުރާނަޔަށް ގެއްލުން ދޭނެ ކަމުގެ ބިރުދައްކައިގެން ކަމުގައި ވާނަމަ އެންމެ ބޮޑުވެގެން 15 އަހަރުގެ ޖަލު ހުކުމެއް އަންނާނެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު