ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ރާއްޖޭގެ ކުރީގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް މިދިޔަ މަހުގެ 6 ވަނަ ދުވަހު ދިން ޓެރަރިސްޓް ހަމަލާއަކީ އިންޓެލިޖެންސްގެ ފެއިލިއާއަކުން ދެވުނު ހަމަލާއެއް ކަމަށް ގަބޫލު ނުކުރައްވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނައިބު ރައީސް މޫސާ މަނިކު (ރީކޯ މޫސަ) ވިދާޅުވެއްޖެއެވެ.
ރައީސް ނަޝީދަށް ދިން ހަމަލާއާގެ އެއްވެސް އިންޓެލިޖެންސެއް ހަމަލާގެ ކުރިން ލިބިފައި ނުވާ ކަމަށް ސަލާމަތީ ބާރުތަކުން މީގެ ކުރިން ބުނެފައިވެއެވެ.
ސަންގު ޓީވީގެ "ހަބަރަށް ފަހު" ޕްރޮގްރާމްގައި ރޭ ވާހަކަ ދައްކަވަމުން މޫސަ ވިދާޅުވީ، ރައީސް ނަޝީދަށް ދިން ހަމަލާއަކީ އިންޓެލިޖެންސް ފެއިލި ވެފައި އޮތުމުން ދެވުނު ހަމަލާއެއް ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ.
"އަޅުގަނޑުމެން ގަބޫލެއް ނުކުރަން އެެއީ އިންޓެލިޖެންސްގެ ފެއިލިއާއެއް ކަމަކަށް. ފެއިލް ވެފައިވަނީ މުޅި ގައުމު." މޫސަ ވިދާޅުވިއެވެ.
މޫސަ އިތުރަށް ވިދާޅުވީ، ރައީސް ނަޝީދަށް ދިން ހަމަލާއަކީ ވަކި މީހެއްގެ އިހުމާލުން ދެވުނު ހަމަލާއެއް ކަމަށްވެސް ގަބޫލު ނުކުރައްވާ ކަމަށެވެ.
ރައީސް ނަޝީދަށް ދިން ހަމަލާ ކުށްވެރި ކުރައްވައި މޫސަ ވިދާޅުވީ، ރައީސް ނަޝީދު ފަދަ ހައިރިސްކް ބޭފުޅުންގެ ސެކިއުރިޓީ ވަރުގަދަވާން ޖެހޭ ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު