ކޮޕާ އެމެރިކާ

ކޮޕާ އެމެރިކާ ބްރެޒިލުގައި ބާއްވަން ނިންމައިފި

ކޮޕާ އެމެރިކާ 2021 ބްރެޒިލުގައި ބާއްވާ ގޮތަށް ހަމަޖައްސައިފިއެވެ.

ދެކުނު އެމެރިކާގެ އެންމެ ވަރުގަދަ ފުޓުބޯޅަ މުބާރާތް ކޮޕާ އެމެރިކާ ފެށެން 13 ދުވަހަށް ވެފައި ވަނިކޮށް، އެ މުބާރާތް ހޯސްޓު ކުރަން އޮތް ގައުމު، އާޖެންޓީނާގައި މުބާރާތް ނުބާއްވަން ދެކުނު އެމެރިކާގެ ފުޓުބޯޅައިގެ މައި އިދާރާއިން ވަނީ ނިންމައިފައެވެ. މިއަހަރުގެ ކޮޕާ އެމެރިކާ ހޯސްޓު ކުރަން ފުރަތަމަ އޮތީ އާޖެންޓީނާ އާއި ކޮލަމްބިއާ ގުޅިގެންނެވެ. ނަމަވެސް ކޮލަމްބިއާގައި މިދިޔަ އަހަރު ކުރީކޮޅު ހިނގަމުން ދިޔަ ހަމަނުޖެހުންތަކާ އެކު ކޮންމެބޮލް އިން ވަނީ މުބާރާތް އާޖެންޓީނާގައި އެކަނި ބާއްވާ ގޮތަށް ނިންމައިފައެވެ.

ނަމަވެސް މުބާރާތް ޖޫން 13 ވަނަ ދުވަހު ފަށަން ތައްޔާރު ވެފައި އޮއްވައި އާޖެންޓީނާގައިވެސް މުބާރާތް ހޯސްޓު ނުކުރާނެ ކަމަށް މިއަދު ވަނީ އިއުލާން ކޮށްފައެވެ.

ބެލެވޭ ގޮތުގައި އެ ނިންމުން ނިންމާފައި ވަނީ އާޖެންޓީނާގެ ކޮވިޑް ކޭސްތައް އިތުރުވެ، އެގައުމުގެ ހާލަތު ގޯސްވެފައި އޮތުމުންނެވެ. ފުޓުބޯޅަ އިދާރާ އިން ހާމަކޮށްފައި ވަނީ އާޖެންޓީނާގެ ހާލަތު މިވަގުތު އޮތް ގޮތުން މުބާރާތް އެގައުމުގައި ބޭއްވެން ނެތް ކަމަށެވެ.

ބްރެޒިލުގައި މުބާރާތް ބާއްވަން އިއުލާން ކުރީ ދެކުނު އެމެރިކާގެ ފެޑެރޭޝަންތައް މިއަދު ބޭއްވި ބައްދަލުވުމަށް ފަހުގައެވެ. މުބާރާތް ބްރެޒިލުގައި ބާއްވަން އިއުލާން ކުރި ނަމަވެސް އެ މުބާރާތުގެ މެޗުތައް ކުޅޭނެ ސްޓޭޑިއަމްތައް އަދި އިއުލާން ކޮށްފައެއް ނުވެއެވެ.

އާޖެންޓީނާގެ ހާލަތު ގޯސްވުމާއެކު މުބާރާތް ބޭއްވުމާ ދެކޮޅަށް އާންމުންވެސް ވަނީ އަޑުއުފުލައިފައެވެ. އެ ޝަކުވާތަކާއެކު ބައެއް ކުޅުންތެރިންވެސް ވަނީ އެގައުމުގެ ހާލަތު ގޯސްކޮށް އޮއްވައި މުބާރާތް ނުބާއްވަން އެދިފައެވެ. އުރުގުއޭގެ ފޯވަޑް ލުއިސް ޝުއަރޭޒް ބުނެފައި ވަނީ އާޖެންޓީނާގެ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން މިދަނޑިވަޅުގައި މުހިންމުވާނެ ކަމަށާއި ހާލަތަށް ބަލައި މުބާރާތް ކުޅުން މުހިންމު ކަމަށެވެ.

ކޮޕާ އެމެރިކާގެ މިއަހަރު މުބާރާތް ފުރަތަމަ ތާވަލު ކުރީ 2020 އަށް ނަމަވެސް، އެ އަހަރު ކޮވިޑުގެ ހާލަތާއެކު މުބާރާތް މިއަހަރަށް ފަސްކުރިއެވެ. އެންމެ ފަހުން 2019 ގައި ބޭއްވި ކޮޕާ އެމެރިކާ ކާމިޔާބު ކުރީ ބްރެޒިލްއެވެ.