ރާއްޖޭގައި ގޮދަން ފުށް އުފައްދާ ފެކްޓަރީއެއް ގާއިމުކުރުމަކީ އަމާޒެއް ކަމަށް އެސްޓީއޯގެ މެނޭޖިން ޑިރެެކްޓަރު ހުސައިން އަމްރު ވިދާޅުވެއްޖެއެވެ.
އަމްރު މިހެން ވިދާޅުވެފައިވަނީ ވާޗުއަލްކޮށް މިހާރު ކުރިއަށްދާ އެސްޓީއޯގެ 2020 ވަނަ އަހަރުގެ އަހަރީ އާންމު ޖަލްސާގައި ވާހަކަދައްކަވަމުންނެވެ.
އަމްރު ވިދާޅުވީ، ރާއްޖެއަށް ކުރިމަތިވާ އެންމެ ބޮޑު އެއް ގޮންޖެހުމަކީ ފުޑް ސެކިއުރިޓީ ބެލެހެއްޓުން ކަމަށެވެ. ހާއްސަކޮށް ގޮދަން ފުށަކީ ގިނަ ދުވަހު ރައްކާކުރެވޭ އެއްޗެއް ނޫން ކަމަށް ވިދާޅުވިއެވެ.
"އަޅުގަނޑުމެން ކައުންޓެއް ނުކުރަން ގޮދަން ފުށަކީ ފުޑް ސެކިއުރިޓީއެއްގެ ގޮތުގައެއް. އެހެންކަމުން އަޅުގަނޑުމެންގެ އަމާޒަކީ ރާއްޖެއަށް ގޮދަން އެތެރެކޮށްގެން އޭގެ ފުށް ހަދާ ފެކްޓަރީއެއް ރާއްޖޭގައި ގާއިމު ކުރުން. އޭރަށް ތަންކޮޅެއް ގިނަ ދުވަހު ދެމި ހުންނާނެ،" އަމްރު ވިދާޅުވިއެވެ.
މީގެ އިތުރުން އަމްރު ވިދާޅުވީ، ރާއްޖެއިން ތެލަށް ބަރޯސާވާ މިންވަރު މަދުކޮށް އިޔާދަކުރަނިވި ހަކަތައާ ދިމާލަށް މިސްރާބު ޖަހަން ޖެހޭ ކަމަށެވެ.