ޚަބަރު

ހިއްސާއަކަށް 60 ރުފިޔާ ބަހަން އެސްޓީއޯއިން ފާސްކޮށްފި

އަލީ ޔާމިން

ހިއްސާއަކަށް 60 ރުފިޔާގެ މަގުން ބެހުމަށް ސްޓޭޓް ޓްރޭޑިން އޯނަގައިޒޭޝަން (އެސްޓީއޯ)ގެ ޑިރެކްޓަރުންގެ ބޯޑުން ނިންފައިފިއެވެ.

އެސްޓީއޯ އިން ހިއްސާއަކަށް 60 ރުފިޔާ ބަހަން ނިންމާފައިވަނީ ވާޗުއަލްކޮށް މިހާރު ކުރިއަށްދާ އެ ކުންފުނީގެ އަހަރީ އާންމު ޖަލްސާގައެވެ.

އެސްޓީއޯގެ އަހަރީ އާންމު ޖަލްސާއަށް 941،842 ހިއްސާ ތަމްސީލު ކުރާ 682 ހިއްސާދާރުން ބައިވެރިވެފައިވެއެވެ.

އެސްޓީއޯއިން ބުނީ، މިދިޔަ އަހަރުގެ ފައިދާއިން ހިއްސާއަކަށް 60 ރުފިޔާ ބަހަން ޑިރެކްޓަރުންގެ ބޯޑުން ނިންމާފައިވާ ކަމަށެވެ. އެ ކުންފުނިން 2019 ވަނަ އަހަރު ހިއްސާއަކަށް ބަހާފައިވަނީ 58 ރުފިޔާއެވެ.

އެސްޓީއޯގެ މިދިޔަ އަހަރުގެ މާލީ ރިޕޯޓުގައިވާ ގޮތުން 2019 ވަނަ އަހަރު ނިމުނު އިރު، އެ ކުންފުންޏަށް ލިބެން ޖެހޭ ފައިސާގެ އަދަދު އުޅެނީ 302 މިލިއަން ރުފިޔާގައެވެ. މިދިޔަ އަހަރު އެ އަދަދު ހުރީ 248 މިލިއަން ރުފިޔާގައެވެ.

އާންމުންގެ ފަރާތުން އެސްޓީއޯގެ ބޯޑަށް މިއަހަރުވެސް އައްޔަނުކޮށްފައިވަނީ މިހާރުވެސް އާންމުންގެ ގޮނޑި ތަމްސީލުކުރައްވަމުން ގެންދަވާ އާމިނަތު ރުޝްމާއެވެ. ރުޝްމާ އެ ގޮނޑި ކާމިޔާބުކުރެއްވީ ހިއްސާދާރުންގެ 44.53 އިންސައްތަ ވޯޓާއެކުގައެވެ.