ކުޅިވަރު

ކޮޕާ އެމެރިކާއަށް 13 ދުވަސް، ހޯސްޓު ކުރާނެ ގައުމެއް ނެތް

ދެކުނު އެމެރިކާގެ އެންމެ ވަރުގަދަ ފުޓުބޯޅަ މުބާރާތް ކޮޕާ އެމެރިކާ ފެށެން 13 ދުވަހަށް ވެފައި ވަނިކޮށް، އެ މުބާރާތް ހޯސްޓު ކުރަން އޮތް ގައުމު، އާޖެންޓީނާގައި މުބާރާތް ނުބާއްވަން ދެކުނު އެމެރިކާގެ ފުޓުބޯޅައިގެ މައި އިދާރާ ކޮންމެބޮލްއިން ނިންމައިފިއެވެ.

މިއަހަރުގެ ކޮޕާ އެމެރިކާ ހޯސްޓު ކުރަން ފުރަތަމަ އޮތީ އާޖެންޓީނާ އާއި ކޮލަމްބިއާ ގުޅިގެންނެވެ. ނަމަވެސް ކޮލަމްބިއާގައި މިދިޔަ އަހަރު ކުރީކޮޅު ހިނގަމުން ދިޔަ ހަމަނުޖެހުންތަކާ އެކު ކޮންމެބޮލް އިން ވަނީ މުބާރާތް އާޖެންޓީނާގައި އެކަނި ބާއްވާ ގޮތަށް ނިންމައިފައެވެ.

ނަމަވެސް މުބާރާތް ޖޫން 13 ވަނަ ދުވަހު ފަށަން ތައްޔާރު ވެފައި އޮއްވައި އާޖެންޓީނާގައިވެސް މުބާރާތް ހޯސްޓު ނުކުރާނެ ކަމަށް މިއަދު ވަނީ އިއުލާން ކޮށްފައެވެ.

ބެލެވޭ ގޮތުގައި އެ ނިންމުން ނިންމާފައި ވަނީ އާޖެންޓީނާގެ ކޮވިޑް ކޭސްތައް އިތުރުވެ އެގައުމުގެ ހާލަތު ގޯސްވެފައި އޮތުމުންނެވެ. ފުޓުބޯޅަ އިދާރާ އިން ހާމަކޮށްފައި ވަނީ އާޖެންޓީނާގެ ހާލަތު މިވަގުތު އޮތް ގޮތުން މުބާރާތް އެގައުމުގައި ބޭއްވެން ނެތް ކަމަށެވެ.

އާޖެންޓީނާގެ ހާލަތު ގޯސްވުމާއެކު މުބާރާތް ބޭއްވުމާ ދެކޮޅަށް އާންމުންވެސް ވަނީ އަޑުއުފުލައިފައެވެ. އެ ޝަކުވާތަކާއެކު ބައެއް ކުޅުންތެރިންވެސް ވަނީ އެގައުމުގެ ހާލަތު ދަށްކޮށް އޮއްވައި މުބާރާތް ނުބާއްވަން އެދިފައެވެ. އުރުގުއޭގެ ފޯވަޑް ލުއިސް ޝުއަރޭޒް ބުނެފައި ވަނީ އާޖެންޓީނާގެ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން މިދަނޑިވަޅުގައި މުހިއްމުވާނެ ކަމަށާއި ހާލަތަށް ބަލައި މުބާރާތް ކުޅުން މުހިންމު ކަމަށެވެ.

ދެކުނު އެމެރިކާގެ ފުޓުބޯޅަ އިދާރާއިން ބުނެފައި ވަނީ އެހެން ގައުމެއްގައި މުބާރާތް ބާއްވަން ހުށަހެޅުންތައް ބަލަމުންދާ ކަަމަށާއި މުބާރާތަށް ވާނެ ގޮތެއް އަންގާނީ އެ ހުށަހެޅުންތައްވެސް ބެލުމަށް ފަހުގައި ކަމަށެވެ. މުބާރާތާ މެދު ވަކި ގޮތެއް ނިންމުމަށް އެ އިދާރާގެ ރަސްމީ ބައްދަލުވުމެއް މިއަދު ބާއްވާނެއެވެ.

ކޮޕާ އެމެރިކާގެ މިއަހަރު މުބާރާތް ފުރަތަމަ ތާވަލު ކުރީ 2020 އަށް ނަމަވެސް، އެ އަހަރު ކޮވިޑުގެ ހާލަތާއެކު މުބާރާތް މިއަހަރަށް ފަސްކުރިއެވެ. 2019 ވަނަ އަހަރު ކޮޕާ އެމެރިކާ ކާމިޔާބު ކުރީ ބްރެޒިލްއެވެ.