ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަހްމަދު އީސަގެ ފަރާތުން ގެވެށި އަނިޔާ ލިބުނު ކަމަށް ބުނާ މައްސަލައިގެ ތަހުގީގު ނިންމައި ޕްރޮސިކިއުޓާ ޖެނަރަލްގެ އޮފީހަށް ފޮނުވުމަށް ފުލުހުން ތައްޔާރުވެއްޖެ އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ، އެ މައްސަލަ ޕީޖީ އޮފީހަށް ފޮނުވުމަށް އެންމެ ފަހުގެ މަސައްކަތްތައް ކުރަމުން އަންނަ ކަމަށެވެ. ނަމަވެސް ޕީޖީ އޮފީހަށް ފޮނުވޭނެ ދުވަހެއް ސީދާ ވިދާޅެއް ނުވެ އެވެ.
އަހްމަދު އީސަގެ ފަރާތުން ގެވެށި އަނިޔާ ލިބުނު ކަމަށް ބުނާ މައްސަލަ ކުރިއަށް ނުގެންދަން އޭނާގެ އަނބިކަނބަލުން އަސްރާ ނަސީމް އެދުނު ނަމަވެސް އެ މައްސަލައިގެ ތަހުގީގު ކުރިއަށްދާނެ ކަމަށް ފުލުހުން ވަނީ މީގެ ކުރިން ބުނެފަ އެވެ.
އަނިޔާ ލިބުނު ކަމަށް ތުހުމަތު ކުރެވޭ ފަރާތުން އެ މައްސަލަ ކުރިއަށް ގެންދިއުމަށް ބޭނުން ނުވާ ކަމަށް ބުނި ނަމަވެސް އެ މައްސަލައިގައި ޖިނާއީ ކުށުގެ ބައެއް ކަންތައްތައް ހުރުމުން ތަހުގީގު ކުރަމުންދާނެ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
އީސައާ ގުޅޭ ގޮތުން ގެވެށި އަނިޔާގެ މައްސަލައެއް ފުލުހުންނަށް ހުށަހަޅާފައިވަނީ މިމަހުގެ 19 ވަނަ ދުވަހުއެވެ. އެ މައްސަލަ ފުލުހުންނަށް ރިޕޯޓް ކޮށްފައިވަނީ އަސްރާގެ އަވައްޓެރިއެކެވެ. މައްސަލައާ ގުޅިގެން އަސްރާ ވަނީ ފެމެލީ އެންޑް ޗިލްޑްރަން ޕްރޮޓެކްޝަން ޔުނިޓަށް ގޮސް ބަޔާން ވެސް ދީފައެވެ.
މިކަމާ ގުޅިގެން ފުލުހުންނަށް ބަޔާން ދިނުމަށްފަހު އަސްރާ އޭނާގެ ފޭސްބުކް އެކައުންޓް މެދުވެރިކޮށް ބުނީ އެ ދުވަހަކީ އޭނާ އާއި ތުއްތު ދަރިފުޅަށް ވަރަށް އުނދަގޫ ދުވަހެއް ކަމަށެވެ. ނަމަވެސް ދެމައިން މިހާރު ތިބީ ހެޔޮ ހާލުގައި ކަމަށާއި އެއީ ދުވަހަކުވެސް ދިމާވެދާނެ ކަމަށް އުއްމީދު ކުރި ކަމެއް ނޫން ކަމަށެވެ.
އެ މައްސަލައާ ގުޅިގެން އީސާ މިހާތަނަށް އެއްޗެއް ވިދާޅުވެފައި ނުވާއިރު އޭނާގެ ދޮށީ ފިރިހެން ދަރި ވަނީ އީސާގެ ދިފާއުގައި ވާހަކަ ދައްކައިފައެވެ.
ޕޮލިސް
ޕޮލިސް
ޕޮލިސް
ޕޮލިސް