އެމްޓީސީސީގެ އަހަރީ އާންމު ޖަލްސާ އަންނަ މަހަށް ފަސްކޮށްފިއެވެ.

އެމްޓީސީސީން މިއަދު ބުނީ އެކުންފުނީގެ މި އަހަރުގެ ހާއްސަގޮތުން ކުރާ އާންމު ޖަލްސާ މި މަހުގެ 16 ވަނަ ދުވަހު ބާއްވަން ޖެހުމާ ގުޅިގެން ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީގެ ހުއްދައާ އެކު އެ ކުންފުނީގެ މިދިޔަ އަހަރުގެ އަހަރީ އާންމު ޖަލްސާ އަންނަ މަހުގެ 30ގެ ކުރިން ބާއްވާނެ ކަމަށެވެ.

ލިސްޓިން ރޫލްސް އާއި ސެކިއުރިޓީޒް ކޮންޓިނުއިން ޑިސްކްލޯޝާ އޮބްލިގޭޝަން އޮފް އިޝުއާޒް ރެގިއުލޭޝަންގެ ދަށުން ލިސްޓެޑް ކުންފުނިތަކުން 2020 ވަނަ އަހަރުގެ އަހަރީ އާންމު ޖަލްސާ ބާއްވަންޖެހޭ އެންމެ ފަހު ތާރީހަކީ މާދަމާއެވެ.

އެމްޓީސީސީއަށް މިދިޔަ އަހަރު މާލީ ގޮތުން ލިބުނު ފައިދާއާއެކު އެމްޓީސީސީން މިއަހަރު ހިއްސާއަކަށް ތިން ރުފިޔާ ބަހަން ވަނީ ނިންމައިފައެވެ. އަދި ހިއްސާގެ ފައިދާގެ ގޮތުގައި ޖުމުލަ 24.11 މިލިއަން ރުފިޔާ ބަހަން އެކުންފުނީގެ ބޯޑުން ވަނީ ނިންމައިފައެވެ. މިއީ އެކުންފުނީގެ 40 އަހަރުގެ ދިގު ތާރީހުގައި ހިއްސާގެ ފައިދާގެ ގޮތުގައި ބެހުމަށް ކަނޑައެޅުނު އެންމެ ބޮޑު އަދަދެވެ.

އެމްޓީސީސީން އާންމުކުރި މިދިޔަ އަހަރުގެ އަހަރީ ރިޕޯޓުން ދައްކާގޮތުން މިދިޔަ އަހަރު ނިމުނު އިރު، އެމްޓީސީސީއަށް ޓެކުހަށް ކެނޑުމުގެ ކުރިން ސާފު ފައިދާގެ ގޮތުގައި 224.72 މިލިއަން ރުފިޔާ ވަނީ ލިބިފައެވެ. އެއީ 2019 ވަނަ އަހަރުގެ މާލީ ނަތީޖާއާ އަޅާބަލާއިރު %253 އިތުރު އަދަދެއް ކަމަށް ރިޕޯޓުގައިވެއެވެ.

ޓެކުހަށް ކެނޑުމަށްފަހު އެމްޓީސީސީއަށް ސާފު ފައިދާގެ ގޮތުގައި 190.7 މިލިއަން ރުފިޔާ ލިބިފައިވެއެވެ. މިއީ އެމްޓީސީސީގެ 40 އަހަރުގެ ތާރީހުގައި އެންމެ ބޮޑު ފައިދާއެއްގެ ގޮތުގައި ރެކޯޑު ކުރެވިފައިވާ އަހަރެވެ. އަދި މިދިޔަ އަހަރު ވިޔަފާރިކޮށްގެން އެމްޓީސީސީއަށް ޖުމުލަ 1.37 ބިލިއަން ރުފިޔާގެ ވަނީ ލިބިފައެވެ.

އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް މީގެ ކުރިން ވިދާޅުވެފައިވާ ގޮތުގައި އެމްޓީސީސީގެ 40 އަހަރުވީ ދިގު ތާރީހުގައި މިދިޔަ އަހަރަކީ އެކުންފުނިން އެންމެ ގިނަ ޕްރޮޖެކްޓުތައް ނިންމި އަހަރެވެ.

އާންމު ހިއްސާދާރުންނާއި ސަރުކާރު ބައިވެރިވެގެން އެމްޓީސީސީ އުފެއްދީ 18 ޑިސެމްބަރު 1980 ވަނަ އަހަރުއެވެ.