އަންހެނުންނަށް ކުރާ އެންމެހާ ތަފާތުކުރުންތައް ނައްތާލުމާ ބެހޭ އދ.ގެ ބައިނަލްއަގުވާމީ މުއާހަދާގެ ދަށުން ހުށަހަޅަން ޖެހޭ ޝެޑޯ ރިޕޯޓް ހުށަހަޅާފައިވާ ކަމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް) އިން ބުނެފިއެވެ.
އެ ރިޕޯޓް ހުށަހަޅާފައި ވަނީ މި މަހުގެ 21 ވަނަ ދުވަހުއެވެ.
އެޗްއާރްސީއެމުން ބުނީ އެ ރިޕޯޓް ތައްޔާރު ކޮށްފައި ވަނީ އެ ކޮމިޝަންގެ މަސައްކަތްތަކާ އަދި ދައުލަތުގެ ކަމާބެހޭ މުއައްސަސާތަކުގެ ތެރެއިން ލިބިފައިވާ މައުލޫމާތުތަކުގެ މައްޗަށް ބިނާކޮށް ކަމަށެވެ. ސީޑޯ ކޮމިޓީގައި ރާއްޖެ ރިވިއުކުރަން ހަމަޖައްސާފައި ވަނީ 18 އޮކްޓޯބަރުން 12 ނޮވެމްބަރަށް ބާއްވާ އެކޮމިޓީގެ 80 ވަނަ ބައްދަލުވުމުގައެވެ.
މި ރިޕޯޓުގައި ސީޑޯ މުއާހަދާގެ ދަށުން ދައުލަތަށް ތަންފީޒު ކުރުމަށް ލާޒިމްވާ ކަންތައްތަކާއި އަދި 2015 ވަނަ އަހަރު ސީޑޯ ކޮމިޓީން ދިވެހި ދައުލަތަށް ހުށަހަޅާފައިވާ ހުށަހެޅުންތަކަށް އަމަލީ ސިފަ އައިސްފައިވާ މިންވަރާއި އަންހެނުންގެ ހައްގުތައް ފޯރުކޮށްދިނުމުގައި ދިމާވާ މައްސަލަތަކާއި ގޮންޖެހުންތަކާއި ދައުލަތުގެ ފަރާތުން އަންހެނުންގެ ހައްގުތައް ކަށަވަރުކޮށްދިނުމުގައި ރަނގަޅު ކުރަންޖެހޭ ކަމަށް ކޮމިޝަނަށް ފެންނަ ހުށަހެޅުންތައް ހިމަނާފައިވާނެ ކަމަށް އެޗްއާރްސީއެމުން ބުންޏެވެ.
މީގެ އިތުރުން އަންހެނުންނާއި ކުޑަކުދިންނަށް ކުރާ ގެވެށި އަނިޔާ އާއި ނާޖާއިޒު ފައިދާ ނެގުމާއި އަންހެނުން ކުރިއަރުވާ ބާރުވެރި ކުރުމަށް ހުރި ހުރަސްތަކާއި އަންހެނުންނާ މެދު ތަފާތު ނަޒަރަކުން ދެއްކުމާއި ސިޔާސީ އަދި އިޖުތިމާއީ މައިދާނުގައި އަންހެނުން ތަމްސީލު ކުރާ މިންވަރާއި ގޮތް ނިންމާ ލެވެލްގައި އަންހެނުން ބައިވެރިވުމަށް ދިމާވާ ގޮންޖެހުންތަކާއި ތައުލީމާއި ވަޒީފާގެ ފުރުސަތުތަކާއި އުފަންވަނިވި ސިއްހަތާއި ޖިންސީ ދުޅަހެޔޮކަމާއި މަދަނީ ފަރުވާ އާއި އާއިލީ ހައްގުތައް ލިބުމުގައި ފާހަގަކުރެވޭ ކަންކަންވެސް ރިޕޯޓުގައި ފާހަގަކޮށްފައިވާނެ ކަމަށް އެ ކޮމިޝަނުން ބުންޏެވެ.
ޚަބަރު
ޚަބަރު
ޚަބަރު