އިންޑިއާގައި ކޮވިޑް-19 އިން ދިފާއުވުމަށް ކުރިއަށްގެންދާ ވެކްސިން ޕްރޮގްރާމަށް އަންނަ މަހު 120 މިލިއަނެއްހާ ޑޯޒުގެ ވެކްސިން ލިބޭނެ ކަމަށް އެގައުމުގެ ސަރުކާރުން ހާމަކޮށްފިއެވެ.

އިންޑިއާގެ ހެލްތު މިނިސްޓްރީން ބުނި ގޮތުގައި، އަންނަ މަހު ލިބޭ ވެކްސިންގެ ތެރެއިން 60 މިލިއަން ވެކްސިން ޑޯޒު ފޮނުވާނީ ސްޓޭޓުތަކާއި ޔޫނިއަން ޓެރިޓަރީތަކުގައި ތިބި ހެލްތު ކެއާ ވޯކަރުންނާއި، ފްރަންޓްލައިން ވޯކަރުން އަދި އުމުރުން 45 އަހަރުން މަތީގެ މީހުންނަށް ޖެހުމަށް ކަމަށެވެ. މި ވެކްސިން ޑޯޒުތަކަކީ މައި ސަރުކާރުން ހިލޭ ފޮނުވާ ވެކްސިނެވެ.

ބާކީ 59 މިލިއަން ވެކްސިން ޑޯޒަކީ ސްޓޭޓުތަކާއި ޕްރައިވެޓް ހޮސްޕިޓަލުތައް މެދުވެރިކޮށް ގަނެވޭ ގޮތަށް ފޮނުވާ ވެކްސިނެވެ. ނަމަވެސް ވަކިވަކި ސްޓޭޓްތަކަށް ފޮނުވާނެ އަދަދެއް ހާމައެއް ނުކުރެއެވެ.

އިންޑިއާ ސަރުކާރުން މިކަން ހާމަކޮށްފައި މިވަނީ އެގައުމަށް ބޭނުންވާ ވަރަށް ވެކްސިން ނުލިބި، އިންޑިއާގެ ރައްޔިތުންނަށް ވެކްސިން ދިނުމަށް ފެށި ޕްރޮގްރާމް މަޑުޖެހުމަކަށް އައިސްފައި ވަނިކޮށެވެ.

ނަމަވެސް އިންޑިއާ އިން ވެކްސިން އުފައްދާ ދެ ކުންފުނިން ވަނީ، ވެކްސިން އުފައްދާ މިންވަރު 75 މިލިއަނާއި 80 މިލިއަން ވެކްސިން ޑޯޒުން 110 މިލިއަނާއި 120 މިލިއަން ވެކްސިން ޑޯޒަށް އިތުރު ކުރަން ނިންމައިފައެވެ.

މިދިޔަ އޭޕްރިލް މަހުގެ ތެރޭގައި އިންޑިއާގެ ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓްރީން ވަނީ، އެގައުމުން ކޮވިޑާ ދެކޮޅަށް އުފެއްދި ''ކޮވެކްސިން'' އުފައްދާ މިންވަރު، މެއި ނުވަތަ ޖޫން ހިސާބުގައި ދެގުނަ އިތުރު ކުރުމަށް އެހީވާނެ ކަމަށް ބުނެފައެވެ. ކޮވެކްސިން އުފައްދަނީ ބާރަތު ބަޔޯޓެކް ކުންފުނިންނެވެ. އެ ކުންފުނިން މިހާރު އުފައްދަނީ މަހަކު 10 މިލިއަން ވެކްސިން ޑޯޒެވެ.