ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ މައްޗަށް އުފުލާފައިވާ ދެ ދައުވާގެ އަޑުއެހުން އެމަނިކުފާނު އެދިވަޑައިގަތުމުން ކްރިމިނަލް ކޯޓުން ކެންސަލް ކޮށްފި އެވެ.

އެ ދެ ދައުވާއަކީ ރިޝްވަތު ގަބޫލުކުރުމާއި މަނީ ލޯންޑަރިންގެ އަޑުއެހުމެވެ. މިއަދު ހެނދުނު 9:30 އަށް ތާވަލު ކުރި ނަމަވެސް މިއަދުގެ އަޑުއެހުން ކެންސަލް ކޮށްދެއްވުމަށް އެދިވަޑައިގަތީ ރައީސް ޔާމީންއެވެ.

ސަބަބެއް ކަމަށް ކްރިމިނަލް ކޯޓުން ބުނެފައިވަނީ، އެމަނިކުފާނަކީ 55 އަހަރުން މަތީގެ ހައި ރިސްކް ބޭފުޅެއް ކަމަށާއި ކޮވިޑާއި ގުޅިގެން އެ ފަދަ ފަރާތްތަކަށް ލުއި ދިނުމަށް ސުޕްރީމް ކޯޓުން ނެރެފައިވާ އެންގުމާއި އެއްގޮތަށް މިއަދުގެ އަޑުއެހުން ކެންސަލް ކޮށްދެއްވުމަށް އެދިވަޑައިގެންފައިވާތީ ކަމަށެވެ.

ކޮވިޑުގެ ހާލަތު އާދަޔާ ހިލާފަށް ގޯސްވެފައި ވާތީ، ކޯޓަށް ހާޒިރުވެވަޑައިގަތުމަށް ރައީސް ޔާމީން އުޒުރުވެރިވެވަޑައިގަތުމުން އެ މައްސަލައިގެ އަޑުއެހުންތައް ދެން ގެންދާނެ ގޮތަކާއި މެދު ކްރިމިނަލް ކޯޓުން އަދި ގޮތެއް ނުނިންމަ އެވެ.

ކޮވިޑް 19ގެ ހާލަތު ނިމި އާންމު ހާލަތަކަށް ދަންދެން ރައީސް އަބްދުﷲ ޔާމީން މައްޗަށް އުފުލާފައިވާ ދައުވާތަކުގެ އަޑުއެހުންތައް ފަސްކޮށްދޭން އެމަނިކުފާނުގެ ގާނޫނީ ވަކީލުންގެ ޓީމުން ވަނީ އެދިވަޑައިގެންފަ އެވެ.

މަނީ ލޯންޑަރިންގެ ކުށް ސާބިތުވެ ފަސް އަހަރު ދުވަހުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ރައީސް ޔާމީން، މިވަގުތު ހުންނެވީ ގޭބަންދުގައެވެ. ކަރެކްޝަންސްއިން އޭރު ބުނީ އެމަނިކުފާނު ގެއަށް ބަދަލު ކުރީ ޖަލުގައި ކޮވިޑް ފެތުރެމުންދާތީ ކަމަށެވެ.