މެންޗެސްޓާ ސިޓީ ބަލިކޮށް، ޗެލްސީން ދެވަނަ ފަހަރަށް ޔޫރަޕުގެ ޗެމްޕިއަންކަން ހޯދައިފިއެވެ.

16500 ސަޕޯޓަރުންނާއެކު ޕޯޗުގަލްގެ ޕޯޓޯ، އެސްޓާޑިއޯ ޑޮ ގްރެގާއޯގައި މިރޭ ކުޅުނު މެޗު ޗެލްސީން ކާމިޔާބުކުރީ 1-0 ގެ ނަތީޖާއަކުންނެވެ. މެޗުގެ ހަމައެކަނި ގޯލު ޖެހީ ޗެލްސީގެ ޖަރުމަނު މިޑްފީލްޑަރު ކައި ހަވާޓްސްއެވެ.

މިއީ ޗެމްޕިއަންސް ލީގުގެ ފައިނަލުގައި އިނގިރޭސި ދެ ޓީމަކުން ވާދަކުރާ ތިންވަނަ ފަހަރެވެ. އޭގެ ތެރެއިން އެއް މެޗުގައި ޗެލްސީން ވަނީ މެންޗެސްޓާ ޔުނައިޓެޑާ ދެކޮޅަށް 2008 ވަނަ އަހަރު ޗެމްޕިއަންސް ލީގު ފައިނަލުގައި ކުޅެފައެވެ. ޗެލްސީން މޮސްކޯގައި ކުޅުނު އެ ފައިނަލުން ބަލިވެފައިވާ އިރު، އެއީ ޗެލްސީން ޗެމްޕިއަންސް ލީގުގެ ފައިނަލުގައި ކުޅުނު ފުރަތަމަ ފަހަރެވެ. އޭގެ ފަހުން ޗެލްސީން ޗެމްޕިއަންސް ލީގު ކާމިޔާބުކުރީ 2012 ވަނަ އަހަރު ބަޔާން މިއުނިކް ބަލިކޮށްގެންނެވެ.

މިއީ ސިޓީން ނުކުތް ފުރަތަމަ ޗެމްޕިއަންސް ލީގު ފައިނަލެވެ. އިނގިރޭސި ލީގު ކާމިޔާބުކޮށް ވަރުގަދަ ފޯމެއްގައި މިރޭގެ މެޗަށް ސިޓީ ނުކުތީ އެ ކްލަބުގެ ތާރިހުގައި ފުރަތަމަ ފަހަރަށް ޗެމްޕިއަންސް ލީގު ކާމިޔާބު ކުރުމަށެވެ.

މެޗު ފެށިގެން ފުރަތަމަ މިނެޓުން ފެށިގެންވެސް ފައިނަލެއްގެ ސިފަ ފެނިގެން ދިޔައެވެ. ދެޓީމުންވެސް ވަރުގަދައަށް ފިޒިކަލީ ކުޅުނެވެ. ވަރުގަދަ ޓެކުލްތަކާއެކު ހަމަލާތައްވެސް އުފެއްދިއެވެ. ސިޓީއަށް ކުރީކޮޅުގައި ލިބުނު ފުރުސަތު ރަހީމް ސްޓާލިންއަށް ލިބުނު ނަމަވެސް އޭނާއަށް ރަނގަޅަށް ފޮނުވާލެވޭ ގޮތެއް ނުވިއެވެ. ޗެލްސީއަށް ކުރިއަށް ޖެހި ބޯޅަ ކޮންޓްރޯލް ކުރަން މަސައްކަތް ކުރި އިރު، ފުރަތަމަ ހާފުގައި ސިޓީ ފެނުނީ ކައުންޓާގައި ކުޅުނު ތަނެވެ.

ފުރަތަމަ ހާފުގައި ހަމަލާތައް ގިނައިން އުފެއްދީ ޗެލްސީންނެވެ. ޓީމޯ ވާނާއަށް ހުސް ދެ ފުރުސަތެއް ލިބި ބޭކާރުވެގެން ދިޔަ އިރު، ކައި ހަވާޓްސްގެ ހަމަލާ މަޑުމަޑުން ގޮސް ވެއްޓުނީ ގޯލްކީޕަރު އެޑަސަންގެ އަތަށެވެ. ހާފުގެ ފަހުކޮޅުގައި ސިޓީން ނުރައްކާ ކުރިއެވެ. ޑިބްރޭނާގެ ޕާހަކުން ފިލް ފޮޑެން ހުހަށް އޮވެ ފޮނުވާލި ހަމަލާ ބްލޮކްކޮށް މަތަކުރީ އެންޓޯނިއޯ ރުޑިގާއެވެ.

ޗެލްސީއަށް ފުރަތަމަ ހާފުގައި ކުރިމަތިވި އެންމެ ބޮޑު މާޔޫސް ކަމަކީ އެޓީމުގެ ތަޖުރިބާކާރު ޑިފެންޑަރު ތިއޭގޯ ސިލްވާ އަނިޔާގެ ސަބަބުން ބާލަން ޖެހުމެވެ. ސިލްވާގެ ބަދަލުގައި ކުޅެން އެރީ އަންދްރޭއާސް ކްރިސްޓިއަންސަންއެވެ. އޭގެ އިރުކޮޅެއް ފަހުން ޗެލްސީގެ ސަޕޯޓަރުން ހެއްވާލީ ކައި ހަވާޓްސްއެވެ. 42 ވަނަ މިނެޓުގައި މޭސަން މައުންޓް ދިން ހިތްގައިމު ޕާހަކަށް ކުރިއަށް ޖެހި، އެޑަސަން ނައްޓާލުމަށްފަހު ކައި ފޮނުވާލި ބޯޅަ ވައްދާލީ ހުސް ގޯލަކަށެވެ. އެއީ ޗެމްޕިއަންސް ލީގުގައި ޖަރުމަނުގެ ތަރި ހަވާޓްސް ޖެހި ފުރަތަމަ ގޯލެވެ.

ދެވަނަ ހާފަށް ޗެލްސީ ނުކުތީ ލީޑު ދަމަހައްޓާށެވެ. އެޓީމުގެ ޑިފެންސިވް ކުޅުމުން އެކަން ފެނުނެވެ. ޗެލްސީން ސިޓީއަށް ކުޅެން ދޫކޮށް، ޗެލްސީން ބޮޑަށް ފޯކަސް ކުރިތަން ފެނުނީ ކައުންޓާ އެޓޭކް ފުރުސަތުތަކަށެވެ. ފަހަތުން އަރަން ސިޓީން ކުރި މަސައްކަތަށް އެޅުނު އެންމެ ބޮޑު ހުރަހަކަށްވީ ކެޕްޓަން ޑިބްރޭނާއަށް އަނިޔާވެ ބާލަން ޖެހުމެވެ. ބަދަލުގައި ކުޅެން ނެރެން ޖެހުނީ ގެބްރިއަލް ޖީސަސްއެވެ.

ހާފުގެ ބޮޑު ބައެއްގައި ޗެލްސީން ފަހަތަށް ޖެހި ވަރުގަދަ ޓެކުލްތަކާއެކު ޑިފެންސް ކުރި އިރު، ޗެލްސީ ގޯލްކީޕަރު ޓެސްޓް ކޮށްލުން ސިޓީއަށް ވީ އުނދަގޫ ކަމަށެވެ. އެޓީމުން ކުރަމުން އައި އެޓޭކްތަކުގައި ބޭނުން ނުހިފި ދިޔައީ މެދުތެރެއިން އެންގޯލޯ ކަންޓޭއާއި ފަހަތުން ރީސް ޖޭމްސް އަދި ސެޒާ އަޒްޕިލިކުއެޓާ ދެއްކި ވަރުގަދަ ކުޅުމުންނެވެ.

ކައުންޓާގައި ޗެލްސީ ނުރައްކާވެސް ކުރިއެވެ. 72 ވަނަ މިނެޓުގައި ކައުންޓާގައި ކްރިސްޓިއަން ޕުލިސިޗަށް ލިބުނު ހަމަލާ ހުހަށް އޮވެ ފޮނުވާލި ނަމަވެސް ދިޔައީ އަމާޒުނުވެ ބޭރަށެވެ. އަނެއްކޮޅުން ގިނަ ވަގުތު ބޯޅަ ހިފަހައްޓައި ސިޓީން މެޗަށް އަނބުރާ ވަނުމަށް ކުރެވެން އޮތް ހުރިހާ މަސައްކަތެއް ކުރިއެވެ. ސިޓީގެ ރެކޯޑު ގޯލު ޖުހުންތެރިޔާ ސާޖިއޯ އަގުއޭރޯވެސް ކުޅުމަށް ނެރުނެވެ. މިއީ ސިޓީގެ ޖާޒީގައި އަގުއޭރޯ ކުޅުނު ފަހު މެޗެވެ.

މިރޭގެ ކާމިޔާބީއަކީ ޗެލްސީގެ ކޯޗު ތޯމަސް ޓުޗެލްއަށް ލިބުނު ބޮޑު ކާމިޔާބީއެކެވެ. މި ސީޒަންގެ މެދުތެރެއިން ޗެލްސީއާ އޭނާ ހަވާލުވީ މިދިޔަ ސީޒަންގައި ޕީއެސްޖީއަށް ކޯޗުކަން ކޮށްދިނުމަށްފަހުއެވެ. ޓުޗެލް ވަނީ މިދިޔަ ސީޒަންގައި ޕީއެސްޖީއާއެކު ޗެމްޕިއަންސް ލީގު ފައިނަލަށް ދަތުރު ކޮށްފައެވެ. ޕީއެސްޖީ ފައިނަލުން ބަލިވީ ބަޔާން މިއުނިކް އަތުންނެވެ. މި ސީޒަންގެ ފުރަތަމަ ބައިގައި ޗެލްސީއަށް އިރުޝާދު ދިނީ 2012 ވަނަ އަހަރު ޗެލްސީއާއެކު ޗެމްޕިއަންސް ލީގު ތަށި ނެގި ފްރޭންކް ލެމްޕާޑެވެ.

ކުރިން ބާސެލޯނާއާއެކު ޗެމްޕިއަންސް ލީގު ދެ ފަހަރަށް ކާމިޔާބުކުރި ގާޑިއޯލާއަށް މިއީ ބޮޑު ބައްޔެކެވެ. އޭނާއަށް ސިޓީއާއެކު ޗެމްޕިއަންސް ލީގު ނުހޯދި އޮތް އޮތުމަށް އަނެއްކާވެސް އިތުރު ބޮޅެއް އިތުރުވީއެވެ.