ސީރިއާގެ ރައީސް ބައްޝާރުލް އަސަދު ރައީސްކަމުގެ 4 ވަނަ ދައުރަކަށް އިންތިހާބުވެވަޑައިގެންފިއެވެ.
ސީރިއާގެ ރައީސްކަމުގެ ހަތަރު ވަނަ ދައުރަކަށް ބައްޝާރުލް އަސަދު ހޮވިވަޑައިގެންފައި މިވަނީ އިންތިހާބުގެ 95 ޕަސެންޓު ވޯޓު ކާމިޔާބުކުރައްވައިގެންނެވެ.
ހަމަނުޖެހުންތައް ބޮޑު ސީރިއާގެ ރިޔާސީ އިންތިހާބު ބައްޝާރުލް އަސަދު ކާމިޔާބު ކުރައްވާފައި މިވަނީ ސަރުކާރުގެ ބާރު ހިނގާ ސަރަހައްދުތަކުން ލިބުނު ނަތީޖާ ތަކުންނެވެ. ބަޝަރުގެ ނަތީޖާއަކީ ގަބޫލު ކުރެވޭނެ ނަތީޖާއެއް ނޫން ކަމަށާއި އޮޅުވައިލުމެއް ކަމަށް އިދިކޮޅު ފަރާތްތަކުން ވަނީ ބުނެފައެވެ.
މިދިޔަ ބުދަ ދުވަހު ނެގި ވޯޓަކީ ސީރިއާގައި އިންގިލާބެއް ގެނައުމަށް ކުރި މުޒާހަރާތަކުގެ ސަބަބުން ދާހިލީ ހަނގުރާމައަކަށް ބަދަލުވެގެން ދިޔަތާ 10 އަހަރު ފަހުން ބޭއްވި ދެވަނަ ރިޔާސީ އިންތިހާބެވެ. ހަމަނުޖެހުންތަކުގެ ސަބަބުން މިހާތަނަށް އެއްހާހާ ގާތްކުރާ އަދަދަކަށް މީހުން މަރު ވެ، މިލިއަނަކަށް ވުރެ ގިނަ މީހުން ގެދޮރު ދޫކޮށް ދާން ޖެހުމުގެ އިތުރުން ގައުމުގެ އެކި ސިނާއަތްތަކަށް ވަނީ ބޮޑެތި ގެއްލުންތަކެއް ވެފައެވެ.
ސީރިއާގެ ޕާލިމަންޓުގެ ރައީސް ހަމޫދު ސަބާގު ވަނީ އިންތިހާބުގެ ދާއިމީ ނަތީޖާ އިއްޔެ އިއުލާނުކުރައްވައިފަ އެވެ. ސީރިއާގެ 14 މިލިއަން މީހުން ވޯޓުލާފައިވާ ކަމަށާއި އެއީ އާބާދީގެ 78 ޕަސެންޓު މީހުންގެ ވޯޓުކަން އޭނާ ނެރުއްވި ބަޔާނުގައި ވަނީ ފާހަގަ ކުރައްވައިފަ އެވެ. އަސަދު އާއި ވާދަކުރައްވާފައިވަނީ ކުރީގެ ކެބިނެޓު މިނިސްޓަރެއް ކަމަށްވާ އަބްދުﷲ ސަލޫމް އަބްދުﷲ އަދި އަސަދު އަށް ވާގިވެރިވާ ޕާޓީއެއް ކަމަށް އިދިކޮޅުން ތުހުމަތު ކުރާ ''ޓޮލެރޭޓެޑް އޮޕޮސިޝަން'' ޕާޓީއަށް ނިސްބަތްވެވަޑައިގަންނަވާ މެންބަރު މަހުމޫދު އަހުމަދު މަރައި އެވެ.
މަރައި އަށް %3.3 ވޯޓު ލިބިވަޑައިގެންފައި ވާއިރު، ސަލޫމަށް ވަނީ %1.5 ވޯޓު ލިބިވަޑައިގެންފައެވެ.
ހުޅަނގުގެ ގައުމުތައް ކަމަށްވާ އެމެރިކާ، އިނގިރޭސިވިލާތް، ފަރަންސޭސިވިލާތް، ޖަރުމަނު އަދި އިޓަލީން ވަނީ ސީރިއާގެ މި އިންތިހާބަކީ މިނިވަން އަދި ހަމަހަމަ އިންތިހާބެއް ނޫން ކަމަށް ބުނެފައެވެ. ސީރިއާގެ އިދިކޮޅު ފަރާތްތަކުން ވަނީ މި އިންތިހާބުގެ ނަތީޖާއަކީ އޮޅުވާލުމެއް ކަމަށް ބުނެފައެވެ.
ދިމިޝްގަށް ނިސްބަތްވާ ދަރިވަރަކު އަލްޖަޒީރާ ނޫހަށް ދީފައިވާ އިންޓަވިއުއެއްގައި ވަނީ ގިނަ ދަރިވަރުންތަކަކަށް މަޖުބޫރު ކުރުވައިގެން ސަރުކާރާ އެއްކޮޅަށް ވޯޓު ލއްވާފައިވާ ކަމަށް ބުނެފައެވެ. ބައެއް ޔުނިވާސިޓީތަކުން، ފޭލި ވާނެ ކަމަށް ބުނެފައިވާ އިރު އަނެއްބައި ޔުނިވަސިޓީން ދަރިވަރުން ވަކިކުރާނެ ކަމުގެ އިންޒާރު ވެސް ދީފައިވާކަމުގައި އޭނާވަނީ ބުނެފައެވެ. މި އިންތިހާބަކީ ހަމަ ނަމަކަށް ކުރި ކަމެއް ކަމަށާއި އޭނާ ތާއީދުކުރާ އެއްވެސް ކެންޑިޑޭޓަކު އިންތިހާބުގައި ވާދަކޮށްފައި ނުވާ ކަމަށްވެސް ވަނީ ބުނެފައެވެ.
މި އިންތިހާބު ވަނީ ސީރިއާގެ އުތުރު އަދި އިރުމަތި ކޮންޓްރޯލްކުރާ ސީރިއާގެ ޑިމޮކްރެޓިކް ކައުންސިލުން ބޮއިކޮޓު ކޮށްފައެވެ. އެ ސަރަހައްދުގައި ހިމެނޭ އިދުލިބުގައި ވަނީ ސީރިއާގެ ގިނަ ރައްޔިތުން ބައްޝާރުލް އަސަދާ ދެކޮޅަށް ބުދަ ދުވަހު މުޒާހަރާ ވެސް ކޮށްފައެވެ.
ބައްޝާރުލް އަސަދު ވެރިކަމަށް އައްޔަން ކޮށްފައިވަނީ ބައްޕާފުޅު ހާފިޒުލް އަސަދު ސީރިއާގައި 30 އަހަރު ވަންދެން ވެރިކަން ކުރެއްވުމަށްފަހު ނިޔާވުމާ ގުޅިގެން 2000 ވަނަ އަހަރު ބައްޝާރުލް އަސަދު ވެރިކަމަށް ގެނައުމަށް ނެގި ފުރަތަމަ ވޯޓުންނެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ