ލައިފް ސްޓައިލް

ޑރ. ވަހީދުގެ ކޮލަމް: ކުދިރެވި، ދިގު ތާރީހެއް އޮތް ފިޔަފާރި އުސޫލުން ރާއްޖޭގައި ހެއްދިދާނެ ގަހެއް

ޑރ. އަބްދުﷲ ވަހީދު

ކުދިރެތްވަކީ މެދު އިރުމަތިން ތައާރަފުވި ގަހެއް ކަމަށް ބެލެވެއެވެ. މިހާރު އެ ގަސް ވަނީ މުޅި ދުނިޔެއަށް ފެތުރިފައެވެ. ޔޫރަޕުގައި އެއްމެ ގިނަ، ލޮލަށް ރީތި މަލަކީ ރެވި ކަމަށް ބުނެވެއެވެ. ރާއްޖޭގައި ވެސް ވަލުތެރޭގައި ރެވި ހެދެއެވެ. އަދި ކުރީ ޒަމާނުގައި ގޯތިތެރޭގައި ހައްދައި އުޅުނެވެ. އެހެން ހައްދާ ރެވިން ދިވެހި ބޭސް ހަދައި އުޅުނެވެ. އެހެނަސް ރާއްޖޭގެ ކެއްކުންތަކުގައި އާއްމުކޮށް ރެވި ބޭނުންކުރި ކަމެއް އެނގޭކަށް ނެތެވެ. ގޯތި ތެރޭގައި ރެވި ހައްދާފައި ހުއްޓާ ދުށް މީހުން މިހާރު ވެސް ފުވައްމުލަކުގައި އެބަތިއްބެވެ. އެކަމަކު މިހާރަކު އެ ރަށުން ރެތްވެއް ނުފެނެއެވެ.

ރާއްޖޭގެ އެހެން ރަށްރަށުގައި ވެސް ވަލުތެރޭގައި ކޮންމެވެސް ވަރަކަށް ރެވި މިހާރު ވެސް ހެދެއެވެ. ނަމަވެސް ރެވި ގަސް ފާހަގަކުރެވޭނީ އެއާ، ވަލުތެރޭގައި ހުންނަ ރެތްވާއި ވައްތަރު އެހެން ގަސްގަސް ވަކި ކުރަން އެނގިގެންނެވެ. އޭގެތެރެއިން އެއް ގަހަކީ ރާބެބުރިއެވެ. ރާބެބުރިއަކީ ވެސް ރެވި، އެ އާއިލާއެއްގައި ހިމެނޭ ބްރެސިކޭސީ އާއިލާގެ ގަހެކެވެ. ރާބެބުރީގެ މަލާއި ފަތާއި ތޮޅިއާއި ރެވީގެ މި އެއްޗެއްސާ ވަރަށް އެއްގޮތެވެ. އެހެނަސް ރާބެބުރިއަކީ ތަންކޮޅެއް ބޮޑު އަދި ކޮންމެވެސް ވަރަކަށް އާރުލާ ގަހެކެވެ.

ރެތްވަކީ ވަރަށް ކުލަގަދަ ތާރީޚެއް އޮންނަ ގަހެކެވެ. މީގެ 4000 އަހަރު ކުރިން ތަރައްގީވެފައި އޮތް އިންޑަސް ވެލީ ސިވިލްޒޭޝަންގައި ވެސް ރެވި ގެންގުޅުނުކަން އެނގެން އެބައޮތެވެ. އަދި އެއިރު އެތަނުގައި ރެވި ހެއްދިކަން ވެސް އާރކިއޮލޮޖީގެ ހޯދުންތަކުން ފެންނަން އެބަ އޮތެވެ. އެ ދުވަސްވަރު ހެއްދި ރެވީގެ ބާވަތް ވެސް މިހާރު ވަނީ ދެނެގަނެވިފައެވެ. މިއަދު ވެސް އިންޑިއާގެ ބެންގާލް ސަރަހައްދުގައި އެ ބާވަތުގެ ރެވި ހެދެއެވެ.

ރޯމަނުންގެ ޒަމާނުގައި އެމީހުން އައު ރާއްޖެތަކަށް، އެއްގަމު ދަތުރުކުރާއިރު ރެވިއޮށް ގެންގޮސް އުޅުނެވެ. އެއީ ރެއްވަކީ ފަސޭހައިން ގަސް ފަޅާ، އަވަހަށް މާއަޅައި، ދުރުން ފާހަގަކުރެވޭ އެއްޗަކަށް ވާތީއެވެ. އެމީހުން ކޮންމެ ތަނަކަށް ދާއިރު ވެސް ދަނީ ދާ މަގަށް ރެވިއޮށް އުކަމުންނެވެ. އެނބުރި އަންނައިރު އެއިން ހުންނަނީ ގަސްފަޅައި މާ އަޅާފައެވެ. އަމިއްލަ ރަށަށް އެނބުރި އަންނަމަގު ފާހަގަ ކޮށް އުޅުނީ އެ މާތަކަށް ބަލައިގެންނެވެ.

ރޯމަނުން މުޅި ވިލާތުގައި ކުރި ގިނަގުނަ ދަތުރުތަކުގައި މިގޮތަށް ރެވި ހެއްދުމުގެ ސަބަބުން މުޅި ޔޫރަޕްވިލާތަށް ރެވި ފެތުރުނެވެ. މިހާރު ޔޫރަޕުން އެއްމެ ގިނައިން ފެންނަ އެއް މަލަކީ ރެވި މަލެވެ. ވިލާތުގެ ހައިވޭތަކުން ދަތުރު ކުރާއިރު މަގުގެ ދެ ފަރާތުގައި ހުންނަ ހާމަ ބިންތަކުން ރީނދޫ ކުލައިގެ ދޫލައެއްހެން އެ ފެންނަނީ ރެވި މަލެވެ.

ރެވިން މަސްޓަރޑު އުފައްދައިގެން ކެއުމުގައި އެ ބޭނުން ކުރަން ފުރަތަމަ ފެއްޓީ ރޯމަނުން ކަމަށް ބުނެ އުޅެއެވެ. އެމީހުން އެ އުފެއްދީ ރަތް މޭބިސްކަދުރު ޖޫހަށް ރެވި އަޅައިގެންނެވެ. އެ ދުވަސްވަރު މަސްޓަރޑް ހަދައި އުޅުނު ގޮތުގެ ރެސީޕީއެއް ޤަދީމީ ކައްކާ ފޮތަކުން މިހާރު ވެސް ފެންނާން އެބައޮތެވެ. އެ ރެސިޕީގައި ރެއްވާއި މޭބިސްކަދުރު ޖޫހާއި ދިރިއާއި އަސޭ މިރުހާއި ފިޔައާއި ރާހުތާއި ދަވިއްގަނދާއި ކޮތަނބިރިއާއި މި ނޫންވެސް ބައެއް ތަކެތި ހިމަނާފައި ވެއެވެ.

ފްރާންސަށް ރެވި އެކްސްޕޯރޓްކޮށް އެއިން މަސްޓަރޑް އުފައްދަން ފެށީ ވެސް ރޯމަނުން ނެވެ. ދުވަސްކޮޅަކުން ފްރާންސް ވެގެން ދިޔައީ ދުނިޔޭގައި އެންމެ ގިނައިން ރެވި އުފައްދާ ޤައުމަށެވެ. މިހާރު ވެސް ފްރާންސްގެ ޑިޖޯންއަކީ ދުނިޔޭގެ މަސްޓަރޑް ކެޕިޓލްކަމަށް ބެލެވެއެވެ. އެ ރަށުގެ މަސްޓަރޑަކީ ރަޖިސްޓަރީ ކޮށްފައިވާ ބްރޭންޑެކެވެ.

ރެއްވަކީ ބްރެސިކޭސީ އާއިލާގެ ގަހެކެވެ. އެ އާއިލާގެ އެންމެ ޚާއްސަ ސިފައަކީ މަލުގައި 4 ފިޔަ ހުރުމެވެ. މިގޮތަށް 4 ފިޔަ ހުންނައިރު ޞަލީބަކާ ވައްތަރު ގޮތެއް ހުރެއެވެ. އެހެން ކަމުން މި އާއިލާއަށް ކްރޫސިފެރޭ އާއިލާއޭ ކިޔައި އުޅުނެވެ. އެހެނަސް އެ ނަން މިހާރު ވަނީ ބަދަލުކޮށްފައެވެ. މި އާއިލާގައި ހިމެނޭ އެހެން ބައެއް ގަސްގަހަކީ ރެޑިޝްއާއި ކެބެޖާއި ބްރޮކޮލީ ފަދަ ގަސްގަހެވެ.

ރެވި ގަހަކީ ގާތްގަނޑަކަށް އެއް ފޫޓަށް ހެދޭ އާރުނުލާ ގަހެކެވެ. ފަތްތައް ހުންނަނީ ފުޅާކޮށެވެ. 4-5 ފަތް އެކުވެގެން އުފެދިފައި ހުންނަ ގޮތަށް ބަނޑިލައިފައެވެ. މާތައް ހުންނަނީ ރީނދޫ ކުލައިގެ 4 ފިޔަލައިފައެވެ. ފިޔަތައް އެތުރިފައި ހުންނަނީ ވަށައިގެން ހަމަހަމަ ނުވާ ގޮތަށް (އެސިމެޓްރިކަލްކޮށެވެ.) ތޮޅި ހުންނަނީ ހިމަ ދިގު ކޮށެވެ. ތޮޅީގެ ހިމަ ދިގު ބައްޓަމާއި މަލުގައި 4 ފިޔަ ހުރުމާއި ވަށައިގެން ހަމަހަމަ ނުވުމާއި ފަތުގެ ސިފައާއި މިއީ ބްރެސިކޭސީ އާއިލާގެ ޚާއްސަ ސިފަތަކެވެ. ތޮޅިތައް ފެހި ކުލައިގަ ހުރެފައި ހަރުވީމަ މުށި ކުލައަށް ބަދަލުވެއެވެ. އޮށްތައް އާއްމުކޮށް ހުންނަނީ ގަދަމުށި ކުލައިގައެވެ. އެކި ބާވަތްތަކުގެ ރެވީގެ އޮށްތައް އެކި ކުލަކުލައިގަ ހުރެއެވެ. މިގޮތުން ހުދާއި ރީނދުލާއި މެރޫން ކުލައިގެ އޮށް ހުރެއެވެ. ރެވި އޮށަކީ ވަރަށް ކުޑަ އެއްޗެކެވެ. ސައިންޓިސްޓުން މިހާރު ހޯދާފައި ވާ ގޮތުން، ހުރިހާ ބާވަތެއްގެ އޮށުގެ ތެރެއިން އެއްމެ ކުޑަ އޮށަކީ ރެތްވެވެ.

ކީރިތި ޤުރުއާނުގެ ލުޤުމާން ސޫރަތުގެ 16 ވަނަ އާޔަތުގައި ކުޑަ އެއްޗެއްގެ މިސާލަކަށް ގެންނަވާފައި ވަނީ ރެވި އޮށެވެ. މިއީ ކީރިތި ޤުރުއާނުގެ މުއުޖިޒާތެކެވެ. އެހެނީ އެ ފޮތް ބާވައިލެއްވިއިރު ސައިންޓިސްޓުންނަށް، ރެތްވަކީ އެއްމެ ކުޑަ އޮށްކަން އަދި ހޯދިފައެއް ނުވެއެވެ.

ރެވި އޮށަކީ ވެސް އަދި މަސްޓަރޑް ސޯސްއަކީ ވެސް ވަރަށް ތަފާތު ޒަވި ރަހައެއް ލާ އެއްޗެކެވެ. އަދި އެއިން ހޫނުކަމެއް ވެސް އުފައްދާ ކަމަށް ބައެއް މީހުން ބުނެ އުޅެއެވެ. މިހެންވެ ކާނާގެ ރަހަ ތަފާތުކޮށްލަން ކޮންޑިމެންޓެއްގެ ގޮތުގައި ރެއްވާއި މަސްޓަރޑް ސޯސް ބޭނުން ކުރެއެވެ.

ހުޅަނގުގެ ކެއުމުގައި ރެވި ގިނައިން ބޭނުން ކުރަނީ މަސްޓަރޑް ސޯސްގެ ގޮތުގައެވެ. ކައްކާފައި ނުވަތަ ފިހެފައި ހުންނަ އެއްގަމު މަހުގެ މައްޗަށް މަސްޓަރޑް ސޯސް އަޅައެވެ. ޚާއްސަކޮށް، ފިނިކޮށް އުފައްދާފައި ހުންނަ މަސް ކާއިރު، އެ ސޯސްއިން ފިނި އިހުސާސްވުން ކުޑަކޮށްދެއެވެ. މީގެ އިތުރަށް، މަސްޓަރޑަކީ މެޔޮނޭޒްއާއި ބާބެކިއު ސޯސް ހަދަން ވެސް ބޭނުން ކުރާ އެއްޗެކެވެ. އަދި ހޮޓްޑޯގާއި ހެމްބާގަރއާއި ސެންޑްވިޗާއި ޕްރެޓްޒެލް ހެދުމުގައި ވެސް މަސްޓރޑް ސޯސް ބޭނުން ކުރެއެވެ.

އިރުމަތީގެ ކެއްކުން ތަކުގައި ރެވި އޮށްތައް ހުރި ގޮތަށް އަޅައެވެ. އިންޑިއާގައި ޕޫރީއާއެކު ކާން ބޭނުންކުރާ އަލުވި ރިހައަށް ވެސް ރެވި އޮށް އަޅައެވެ. ބަންގްލާދޭޝާއި އިންޑިއާގެ އިރުމަތީ ހިސާބުތަކުގައ ރެވި ގިނައިން ބޭނުން ކުރަނީ އޮށުން ތެޔޮ ހާނައިގެން ކައްކާ ތެލުގެ ގޮތުގައެވެ. ރެވި ފަތުން ސެލަޑު ވެސް ހަދައި އުޅެއެވެ.

ރެވިތެލުގައި ވިޓަމިން-އީ އާއި އޮމެގާ-3 ގެ އިތުރުން މައުދަނުގެ ބާވަތްތަކާއި ތަފާތު ވިޓަމިން ހުރެއެވެ. އެއިން ހިތުގެ ބަލިތަކާއި ހަމުގެ ބަލިތައް ދުރުކުރެއެވެ. އަދި އެއިން ޒުވާންކަން ދަމަހައްޓާ ބޭސް ހެދެއެވެ. އަނެއްކޮޅުން، ބެންގާލުގައި މާ ގިނައިން ރެވި ތެޔޮ ބޭނުން ކުރުމުގެ ސަބަބުން ލޮލުގެ ފެނުމަށް ގެއްލުން ލިބި އައިނު އަޅަން ޖެހޭކަމަށް ބައެއް ދިރާސާ ތަކުން ދައްކައެވެ.

ދިވެހިބޭހުގައި ރިހޭތަންތަނުގައި، ޚާއްސަކޮށް ހުޅުހުޅުގައި ތެޔޮދަމަން ރެވިތެޔޮ ބޭނުން ކުރެއެވެ. މިގޮތުން ހުޅުހުޅުގެ ރިހުން ކުޑަކުރެއެވެ. ވީމާ ތަދާހެދި ގުޑާނުލެވިފައި ތިބޭ މީހުންނަށް ހަލުއިކޮށް ހިނގެއެވެ. ދިވެހިބަހުގައި އޮންނަ މިސާލު ބަސް، "އޭނަ ހީވަނީ ރެވިތެޔޮ ވަށައިގެން އުޅޭހެނޭ،" މި ބަހުގެ އަސްލަކީ މީކަމަށް ވެދާނެއެވެ. އަދި ބޮލުގަ ރިއްސުމުގެ ފަރުވާއެއްގެ ގޮތުން ރެވިއޮށް ފުނޑައިގެން ބޮލުގައި އުނގުޅައި ވެސް ހެދިއެވެ.

ރެއްވަކީ ރާއްޖޭގައި ޤުދުރަތީ ގޮތުން ވެސް ވަރަށް ފަސޭހައިން ހެދޭ އެއްޗެކެވެ. ވީމާ ވިޔަފާރި އުސޫލުން ރެވި ހެއްދުމުގެ ފުރުޞަތު އެބައޮތެވެ. މިހާރު އެ ވިއްކޭނީ ހަމައެކަނި ދިވެހި ބޭހަކަށް ނޫނެވެ. ބޭރުގެ ރެސިޕީތަކަށް ކައްކާ ރެސްޓޯރަންޓްތަކަށް ވެސް ވިކޭނެއެވެ.

*********

އެޑިޓަރުގެ ނޯޓު: ޑރ. ޢަބްދުﷲ ވަހީދުއަކީ މެޑިކަލް ސަރޖަންއެކެވެ. ދިވެހި ރާއްޖޭގެ ތާރީޚު ދިރާސާ ކުރެއްވުމުގެ މަސައްކަތާއި ރާއްޖޭގައި ހެދޭ ގަސްގަހާގެހީގެ މައުލޫމާތު އެއްކުރެއްވުމުގެ މަސައްކަތް ވެސް ވަރަށް ކުރީއްސުރެ ކުރައްވައި، އިލްމީ ލިޔުއްވުންތައް ލިޔުއްވާފައިވެއެވެ. ދިވެހި ބަސް ދިރާސާ ކުރެއްވުމުގެ ދާއިރާގައި ވެސް ހާއްސަ މަސައްކަތްތަކެއް ކުރައްވައެވެ. ޑރ. ވަހީދުއަކީ ދައުލަތުގެ އިސް މަގާމުތަކެއް ވެސް ފުރުއްވާފައިވާ ބޭފުޅެކެވެ. އޭގެ ތެރޭގައި ޕޮލިސް އިންޓަގްރިޓީ ކޮމިޝަންގެ ރައީސްކަން ވެސް ހިމެނެއެވެ. ޑރ. ވަހީދަކީ ދިވެހި ބަހާއި ސިއްހީ ދާއިރާއާއި ތާރީހާއި ސަގާފަތުގެ ދާއިރާގައި ވެސް ފާހަގަކޮށްލެވޭ މަސައްކަތްޕުޅުތަކެއް ކުރައްވާ ބޭފުޅެކެވެ.