އިންޓަނެޓުގެ އަގުތަކަށް ބަދަލު ގެނައި ކަމުގައިވީ ނަމަވެސް، ސްޓާލިންކް ހިދުމަތަށް ދިވެހި ސަރުކާރުން ހުރަހެއް ނާޅާނެ ކަމަށް ޓެކްނޮލޮޖީ މިނިސްޓަރު އަމިނަތު ޝައުނާ ވިދާޅުވެއްޖެއެވެ.

އިންޓަނެޓް ދިނުމަށް ސްޕޭސްއެކްސް އިން އެތައް ސަތޭކަ ސެޓެލައިޓެއް ފޮނުވައިގެން ފަށާފައިިވާ ސްޓާލިންކް މަޝްރޫއުގެ ހިދުމަތް ހޯދުމަށް ޕްރީއޯޑަރަށް ހުޅުވާލާފައިވާ އިރު، އޭގެ ތެރޭގައި ރާއްޖެ ވެސް ހިމެނެއެވެ.

އިންޓަނެޓުގެ ހެޔޮ އަގު މިއަދު އިއުލާން ކުރުމުން، ސްޓާލިންކް ހިދުމަތަށް ރާއްޖެ އިން ހުރަސް އަޅާފާނެ ކަމަށް ދެކެވޭ ވާހަކަތަކާ ގުޅިގެން މިނިސްޓަރު ޝައުނާ ވިދާޅުވީ، ދުވަސްވެފައިވާ މައްސަލަތަކަށް އުފެއްދުންތެރި ހިޔާލުތަކަށް ސަރުކާރުން މަރުހަބާ ކިޔާނެ ކަމަށެވެ.

އެގޮތުން މި ސަރަހައްދަށް ސްޓާލިންކް ހިދުމަތް ލިބެން ފެށުމުން އެކަމަށް ސަރުކާރުން ހުރަސް ނާޅާނެ ކަމަށް ވިދާޅުވިއެވެ.

ސްޓާލިންކް ހިދުމަތަކީ އެ ކުންފުނިން ވިއްކާ ކުޑަ ޑިޝްއަކާއި އެހެން ބައެއް ހާޑްވެއާ ބޭނުން ކޮށްގެން މަހު ފީއެއް ދައްކައިގެން އިންޓަނެޓް ލިބޭ ހިދުމަތެކެވެ. ސްޓާލިންކުން އެ ކުންފުނީގެ ވެބްސައިޓުގައި ބުނެފައިވާ ގޮތުން ސިކުންތަކު 50-150 މެގަބިޓް ސްޕީޑުގައި އިންޓަނެޓް ލިބޭނެއެވެ.