މާލޭގައި ކުއްޔަށް ދޫކުރާ ތަންތަނުގެ ކުލި ކުޑަކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ޕެޓިޝަން ކޮމެޓީއަށް ކުރެވޭނެ ކަމެއް ނެތް ކަމަށް އެ ކޮމެޓީން ބުނެފި އެވެ.
މާލޭގައި ދިރިއުޅޭ ރައްޔިތުންގެ ތެރެއިން 63 އިންސައްތަ މީހުން ދިރިއުޅެމުން ދަނީ ކުއްޔަށް ކަމަށާއި އެކަމުގެ ސަބަބުން ލިބޭ އާމްދަނީއާ ނުބައްދަލު އަދަދެއް ކުއްޔަށް ދައްކަން ޖެހުމަކީ ބޭއިންސާފެއް ކަމަށް ބުނެ ގިނަ އަދަދެއްގެ މީހުން ސޮއިކޮށް މަޖިލީހަށް ވަނީ ޕެޓިޝަނެއް ހުށަހަޅާފަ އެވެ.
ރައްޔިތުންގެ މަޖިލީހުގެ އަމީން އާންމު ފާތިމަތު ނިއުޝާ ސޮއިކުރައްވައި އެ ޕެޓިޝަންގެ ޖަވާބު ފޮނުވާފައިވާއިރު، އޭގައި ބުނެފައި ވަނީ، ގެދޮރު އިމާރާތް ކުރުމުގެ ދާއިރާއަކީ ބަޔެއްގެ އަމިއްލަ ވިޔަފާރީއެއް ކަމަށާއި އެތަންތަނުގެ ކުލި ކަނޑައެޅުމަކީ އިމާރާތް ކުރާ ބަޔަކު ނުވަތަ ގޯތީގެ ވެރިފަރާތުގެ އަމިއްލަ އިހުތިޔާރުގައިވާ ކަމެއް ކަމަށެވެ.
"އަމިއްލަ ފަރާތްތަކުން ކުރާ މިފަދަ ވިޔަފާރީތަކަށް ގޮތް ނިންމުމަކީ ކޮމެޓީއަށް ކުރެވޭނެ ކަމެއްނޫން ކަމުގައި އެ ކޮމެޓީން ދެކިވަޑައިގަންނަވާތީ އެ ވާހަކަ ދެންނެވީމެވެ،" ޕެޓިޝަން ހުށަހެޅުމުގައި އިސްކޮށް އުޅުއްވި ފާތިމަތު ސާއިރާ އަށް ފޮނުވި ސިޓީގައި ބުނެފައިވެ އެވެ.
އެ މައްސަލައިގައި ޕެޓިޝަން ކޮމެޓީން ވަނީ ބޭންކް އޮފް މޯލްޑިވްސްއާ ބައްދަލު ކޮށްފަ އެވެ. އެއީ ގެދޮރު އިމާރާތް ކުރުމަށް ދޫކޮށްފައިވާ ލޯނުތަކަށް ލުޔެއް ލިބޭނެ މަގެއް ފަހިވޭތޯ ކަމަށް ވަނީ ބުނެފަ އެވެ.
ނަމަވެސް އެކަމަށް އަލިމަގެއް ފެނިފައި ނުވާ ކަމަށް އެ ސިޓީގައި ވަނީ ބުނެފަ އެވެ. އެގޮތުން ބީއެމްއެލް އިން ބުނެފައިވަނީ، ލޯނުތަކަށް ދައްކަން ޖެހޭ އަދަދު ކަނޑައަޅަނީ އެ ނަގާ ލޯނުގެ ނިސްބަތުން ކަމަށް ބުނެފައިވާ ކަމަށެވެ.
ބޭންކުން ދޫކުރާ ލޯނުތަކުގެ އިންޓަރެސްޓް ރޭޓް ކަނޑައެޅުމުގައި އެ ބޭންކުން ހުރި ރިސްކުތަކާއި ލޯން ޕްރޮޑަކްޓްސް ބައްޓަން ކުރެވިފައިވާ ގޮތަށާއި އޭގެ ކެޓަގަރީތަކަށް ވެސް ރިއާޔަތްކޮށް އަދި މާލޭގައި އިމާރާތްކުރާ ގެދޮރުތަކަކީ އެކި ފެންވަރަށް އިމާރާތް ކުރާ ތަންތަން ކަމަށް ވެސް އެ ބޭންކުން ބުނެފައިވާ ކަމަށް ސިޓީގައި ވަނީ ބުނެފަ އެވެ.
ޚަބަރު
ޚަބަރު
ޚަބަރު