ކޮވިޑާ ގުޅިގެން ބީއެމްއެލް މެދުވެރިކޮށް ސްޓިމިއުލަސް ޕެކޭޖުތަކެއް ތައާރަފުކުރަން ސަރުކާރުން ނިންމައިފިއެވެ.
ރައީސް އޮފީހުގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވީ ސަރުކާރުގެ ކެރި ފޯރުންތެރިކަން ހުރި މިންވަރުން އެހީތައް ދެމުންގެންދާނެ ކަމަށާއި ކުރީ އަހަރުތަކެކޭ އެއްގޮތަށް އެހީތައް ދިނުމަށް ނިންމާފައިވާ ކަމަށެވެ.
"ކޮވިޑުގެ ރިލީފް ލޯނުގެ ގޮތުގައި ކުދި ވިޔަފާރިތަކަށް އަމާޒުކޮށްގެން، މިދިޔަ އަހަރެކޭ އެއްގޮތަށް ސޮފްޓް ލޯނުތަކެއް ދިނުމަށް ވަރަށް އަވަހަށް އަޅުގަނޑުމެން ފަށާނަން. އޭގެ ތެރޭގައި ކެފޭ، ރެސްޓޯރަންޓް، ޖިމްތައް، ސެލޫން ހިންގާ ފަރާތްތައް ހިމެނޭނެ. މީގެ އިތުރުން ބޭންކް އޮފް މޯލްޑިވްސް މެދުވެރިކޮށް މިދިޔަ އަހަރެކޭ ވެސް އެއްގޮތަށް ސްޓިމިއުލަސް އިކޮނޮމިކް ލޯނުތަކެއް ދިނުމަށް މިވަނީ ނިންމާފައި،" އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް އިތުރަށް ވިދާޅުވީ އެ އެހީތައް އަންނަ މަހުގެ ތެރޭގައި ދޭން ފެށޭނެ ކަމަށާއި އެކަމަށް 375 މިލިއަން ރުފިޔާގެ ފެސިލިޓީއެއް ހަމަޖެހިގެންދާނެ ކަމަށެވެ. އަދި ފިޔަވަޅުތަކާއެކު ކުދި ވިޔަފާރި ހިންގާ ފަރާތްތަކަށް މީގެ ދަތިތަކާ ކުރިމަތިލާން ޖެހޭނެ ކަމަށާއި އެ ފަރާތްތަކަށް ސަރުކާރުން ކޮށްދެވޭނެ ކަންކަން ބަލަމުން އަންނަ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.
"މިއަދު އަޅުގަނޑުމެން ނިންމާފައިވާނެ ކުރިއަށްއޮތް މަސް ދުވަހުގެ ތެރޭގައި ފެން ބިލުން މުޅި ރާއްޖޭގެ ހުރިހާ ގެއަކަށް ވެސް 30 ޕަސަންޓުގެ ޑިސްކައުންޓެއް ދިނުމަށް. އަދި ވިޔަފާރިކުރާ ތަންތަނަށް ބިލުން 20 ޕަސަންޓުގެ ޑިސްކައުންޓެއް ދިނުމަށް ނިންމާފައިވާނެ. ގޭބިސީތަކުގެ ކަރަންޓު ބިލުން 40 ޕަސަންޓުގެ ޑިސްކައުންޓެއް ދިނުމަށް މިވަނީ ކުރިއަށްއޮތް މަހަށް ނިންމާފައި. އަދި ވިޔަފާރި ކުރާ ތަންތަނުގެ ކަރަންޓު ބިލުން 20 އިންސައްތަ ޑިސްކައުންޓެއް ދިނުމަށް މިވަނީ ނިންމާފައި،" ރައީސް ވިދާޅުވިއެވެ.
ރައީސް އިތުރަށް ވިދާޅުވީ ކޮވިޑުގެ އަދަދުތައް މައްޗަށް ދިއުމުގެ އެއް ސަބަބަކީ އޭޕްރީލް މަހުގެ ކުރީކޮޅުގައި ދެވުނު ލުއިތައް ކަމަށާއި އެ ލުއިތަކަކީ އެންމެ ރަނގަޅަށް ކުރެވުނު ކަމެއް ކަމަށް ގަބޫލުފުޅު ނުކުރައްވާ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު