ހައުސްހޯލްޑް ޕާމިޓަށް މިހާރު އެދިފައިވާ ހުރިހާ ގޭބީސީތަކުގެ ފާސްތައް މާދަމާގެ ހެނދުނު 8:00 ގެ ކުރިން އެސްއެމްއެސް މެދުވެރިކޮށް ލިބޭނެ ކަމަށް ފުލުހުން ބުނެފިއެވެ.

ކޮވިޑު ކޭސްތައް އިތުރުވެ، މާލެ ސަރަހައްދުގައި އިތުރު ފިޔަވަޅުތައް އެޅުމަށް ސަރުކާރުން ވަނީ ނިންމައިފައެވެ. އެގޮތުން މާދަމާއިން ފެށިގެން ހަވީރު 4:00 އިން ހެނދުނު 8:00 އަށް ކާފިއު ހިންގުމަށް ވަނީ ނިންމައިފައެވެ. އަދި ކާފިއު ނޫން ވަގުތުތަކުގައިވެސް ބޭރުގައި އުޅެވޭނީ ފުލުހުން ދޫކުރާ ފާސް ހިފައިގެންނެވެ.

ފުލުހުން މިއަދު ކުރި ޓުވީޓެއްގައި ވަނީ ހައުސްހޯލްޑް ޕާމިޓަށް މިހާރު އެދިފައިވާ ހުރިހާ ފަރާތްތަކުގެ ފާސްތައް މާދަމާގެ ހެނދުނު 8:00 ގެ ކުރިން އެސްއެމްއެސް މެދުވެރިކޮށް ލިބޭނެ ކަމަށެވެ. އަދި މި ޕާމިޓަށް އެދޭއިރު، ކަރަންޓް މީޓަރު ނަންބަރު ޖެހުމަށްވެސް ފުލުހުން ވަނީ އެދިފައެވެ.

ބައެއް މީހުން ފެންމީޓަރު ނަންބަރު ޖަހާފައި ރިކުއެސްޓް ފޮނުވާކަން ފާހަގަކުރެވޭ ކަމަށާއި އެގޮތަށް ފޮނުވާ ރިކުއެސްޓް ރިޖެކްޓް ކުރާނެ ކަމަށްވެސް ފުލުހުން ބުންޏެވެ.

ކޮންމެ ގެއަކަށްވެސް ދެ ފާސް ދޫކުރުމަށް ވަނީ ނިންމައިފައެވެ. އެގޮތުން ފާސް ދޫކުރަން ނިންމާފައިވަނީ ދެ ދަންފަޅިއަކަށް ބަހާލައިގެންނެވެ. އެއީ ހެނދުނު 8:00 އިން މެންދުރު 12:00 އަށް އަދި އަނެއް ޕާމިޓް މެންދުރު 12:00 އިން ހަވީރު 4:00 އާ ހަމައަށެވެ.

ފުލުހުން ބުނީ ހުއްދަ ދޫކުރާނީ ވަކި މީހަކަށް ކަމަށާއި އެ ނޫން މީހަކަށް އެ ފާސް ބޭނުން ނުކުރެވޭނެ ކަމަށެވެ. ކާފިއު ވަގުތު އެ ފާސް ބޭނުން ނުކުރެވޭނެ ކަމަށެވެ. އަދި މި ފާސް ބޭނުންކޮށްގެން ހުޅުމާލެއަށްވެސް ދަތުރު ނުކުރެވޭނެ ކަމަށް ފުލުުހުން ވަނީ ބުނެފައެވެ.