މާދަމާއިން ފެށިގެން ޓޭކްއަވޭ އާއި ޑެލިވަރީ ހިދުމަތް ދެވޭނެ ގަޑިތައް ކަނޑައަޅައިފިއެވެ.

އިކޮނޮމިކް މިނިސްޓްރީން މިއަދު ބުނީ، ކެއިން ބުއިމުގެ ހިދުމަތް ދޭ ތަންތަނުން ޑެލިވަރީ ހިދުމަތް ދެވޭނީ އެ ތަނެއްގައި މަސައްކަތްކުރާ މުވައްޒަފުންނަށް ހުއްދަ ހޯދުމަށްފަހު ހެނދުނު 6:00 އިން މެންދަމު 12:00 އަށް ކަމަށެވެ. އަދި ޓޭކްއަވޭގެ ހިދުމަތް ދެވޭނީ އެ ތަނެއްގައި މަސައްކަތްކުރާ މުވައްޒަފުންނަށް ހުއްދަ ހޯދުމަށްފަހު ހެނދުނު 8:00 އިން ހަވީރު 4:00 އަށް ކަމަށެވެ.

މިނިސްޓްރީން ބުނީ ފުލުހުންގެ ޕޯޓަލް މެދުވެރިކޮށް ކެއިން ބުއިމުގެ ހިދުމަތްދޭ ތަންތަނާއި ޑެލިވަރީގެ މުވައްޒަފުންނަށް ހުއްދަ ލިބެން ހުންނާނެ ކަމަށެވެ. އެގޮތުން ކޮންމެ ތަނަކަށް ވެސް ސަޕޯޓް ސްޓާފުންނަށް ހަތަރު ފާސް އަދި ޑެލިވަރީ ސްޓާފުންނަށް ދެ ފާސް ދޫކުރާނެ ކަމަށް ބުންޏެވެ.

މީގެ އިތުރުން މިނިސްޓްރީން ބުނީ، އެފަދަ ތަންތަނުން އިތުރު ފާސް ބޭނުންވާ ނަމަ އެކަން ބެލުމަށް ފަހު ފާސް ދޫކުރާނެ ކަމަށެވެ. އެގޮތުން، އިތުރު ހުއްދައަށް އެދޭ ކޮންމެ ފަރާތަކުންވެސް، ޖުމުލަ މުވައްޒަފުންގެ އަދަދު ދިހައަކަށް ވުރެ އިތުރުވާނަމަ، ދެ ދަންފަޅިއަކަށް ބަހާލައިގެން ޑިއުޓީ ގަޑި ކަނޑައަޅައި، އެކްސެލް ޝީޓުގައި ބަޔާންކުރަންވާނެ ކަމަށް މިނިސްޓްރީން ބުންޏެވެ.

ކޮވިޑު ކޮންޓްރޯލް ކުރުމަށް މާދަމާއިން ފެށިގެން ވަނީ މާލޭ ސަރަހައްދުގައި 16 ގަޑިއިރަށް ކާފިއު ހިންގުމާއެކު ހުއްދައާ ނުލައި އެހެން ވަގުތުތަކުގައިވެސް ބޭރުގައި އުޅުން މަނާކުރުމަށް ނިންމައިފައެވެ.