ރާއްޖެއަށް އިސްލާހު ގެންނަން ޖެހޭ ކަމާއި ރާއްޖެ ޑިމޮކްރެޓިކް ވާން ޖެހޭ ކަމަށާއި، އަދި މަލްޓި ޕާޓީ ޑިމޮކްރަސީއަކީ ދިވެހިންނަށް ރަނގަޅު ގޮތް ކަމަށް ވަރަށް ބޮޑަށް ދެކިވަޑައިގެންނެވި ބޭފުޅަކީ މިއަދު އަވަހާރަވެވަޑައިގެންނެވި އަލް އަމީރު މުހައްމަދު ނޫރައްދީން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ، އަލް އަމީރު މުހައްމަދު ނޫރައްދީން އަވަހާރަ ވުމާ ގުޅިގެން ފޮނުއްވެވި، ތައުޒިޔާގެ މެސެޖެއްގައެވެ.
އެ މެސެޖުގައި މަޖިލިސް ރައީސް ވިދާޅުވެފައި ވަނީ، ކޮރަޕްޝަން ނުވަތަ އަނިޔާވެރި ވެވަޑައިގަތުމުގެ އިލްޒާމެއް އަލް އަމީރު މުހައްމަދު ނޫރައްދީންގެ އިސްތަށިފުޅުގައި ދުވަހަކުވެސް ނޭޅޭ ކަމަށެވެ.
އަލް އަމީރު މުހައްމަދު ނޫރައްދީނަކީ، އެމަނިއްޕުޅުގެ ޖީލުގެ ބޭފުޅުންނާއި، ޒުވާނުން ހިމެނޭ ގޮތުން މީސްތަކުންގެ ލޯތްބާއި އިހުތިރާމު ލިބިވަޑައިގެންނެވި ބޭފުޅެއް ކަމަށްވެސް މަޖިލިސް ރައީސް ވިދާޅުވިއެވެ.
ރައީސް ނަޝީދު ވިދާޅުވީ އެމަނިއްޕުޅަކީ އެމަނިކުފާނުގެ ސިޔާސީ ހަޔާތުގައިވެސް މުހިއްމު ބޭފުޅެއް ކަމަށެވެ.
"އަޅުގަނޑުގެ ސިޔާއީ ހަޔާތް ފެށި އެ މަގުގައި އަޅުގަނޑު ކުރިއަށް ދިއުމުގައި އަބަދުވެސް ލަފާ އަހައި، ވާހަކަ ދައްކައި، އިރުޝާދު ހޯދައި އަދި އަޅުގަނޑަށް އެންމެ ރަނގަޅު އިރުޝާދާއި ލަފާ ދެއްވާ އެއް ބޭފުޅަކީ އެމަނިއްޕުޅު. އަޅުގަނޑާ މެދު ބެހެއްޓެވި ދީލަތި ކަމާއި، ދެއްވި ނަސޭހަތް އަޅުގަނޑުގެ ހަނދާނުން ފިލައިގެން ނުދާނެ،" ރައީސް ނަޝީދު ވިދާޅުވިއެވެ.
ރައީސް ނަޝީދު ވިދާޅުވީ، އަލް އަމީރު މުހައްމަދު ނޫރައްދީނަކީ، ކުޅިވަރަށް ލޯބި ކުރެއްވި ބޭފުޅެއް ކަމަށާއި، އެ މަނިއްޕުޅު ދިވެހި ދައުލަތަށް ގިނަގުނަ ހިދުމަތްތަކެއް ކޮށްދެއްވާފައިވާ ކަމަށެވެ.
"އަޅުގަނޑު ހަނދާންވާ ގޮތުގައި ބޮޑުވަޒީރުގެ ނައިބު ކަމާއި، އަދި ގިނަ ވުޒާރާތަކުގެ ނައިބު ކަންވެސް ކުރައްވައިފަ، އަޅުގަނޑަށް އެ މާތް މަނިއްޕުޅު އެންމެ ބޮޑަށް ފާހަގަ ވަނީ މިނިވަން ހިޔާލަށް އަދި އިސްލާމްދީނަށް ވަރަށް ލޯބި ކުރައްވާ ބޭފުޅެއްގެ ގޮތުގައި،" ރައީސް ނަޝީދު ވިދާޅުވިއެވެ.
ރައީސް ނަޝީދު ވިދާޅުވީ، އަލް އަމީރު މުހައްމަދު ނޫރައްދީނަކީ ދޮން ބަންޑާރައިންގެ ބުރަކަށިފުޅުން ވާރުތަ ވެގެން، އެންމެފަހު ރަދުން ކަމުގައިވާ އައްސުލްތާން ހަސަން ނޫރައްދީން (ދެވަނަ) ގެ މަނިއްޕުޅެއް ކަމަށެވެ.
"މުހައްމަދު ނޫރައްދީނުގެ ބައްޕާފުޅަކީ، ހުރާ ދަރިކޮޅު ދެކަފިވެގެން ދިޔައިރު، މާންދޫގެ، އެއްގަމުގެ ފަޅިން، ރަސްކަމަށް ވާރުތަ ވެވަޑައިގަތް އެންމެފަހުގެ ރަދުން. އަދި 20 ވަނަ ގަރުނުގައި، ރާއްޖޭގެ އެންމެ މަތީ ވެރިންކުރި ހަމައެކަނި އިސްތިއުފާ ދެއްވި ވެރިޔާ. އެއީ 1943 ގަ. އަލް އަމީރު މުހައްމަދު ނޫރައްދީންގެ ކާފާފުޅަކީ 1889 ގައި މަޖުބޫރު ހާލަތުގައި، އިނގިރޭސީންގެ ހިމާޔަތުގެ އެގްރީމެންޓުގައި ސޮއި އެޅުއްވި ރަދުން ކަމުގައިވާ ކުޑަ ބަންޑާރައިން،" ރައީސް ނަޝީދު ވިދާޅުވިއެވެ.
މަޖިލީހުގެ ރައީސް
މަޖިލީހުގެ ރައީސް
މަޖިލީހުގެ ރައީސް
މަޖިލީހުގެ ރައީސް