އަލީ ރަމީޒުގެ ޓުވިޓާ އެކައުންޓް ސަސްޕެންޑް ކުރުމަށް ފަހު އަނބުރާ ދީފި އެވެ.
ރާއްޖޭގެ ރަން އަޑުގެ ގޮތުގައި މަޝްހޫރު ވެފައިވާ އަލީ ރަމީޒުގެ ޓުވިޓާ އެކައުންޓް ސަސްޕެންޑް ކުރީ މިދިޔަ ހުކުރު ދުވަހު އެވެ. ސަބަބެއް ކަމަށް ޓުވިޓާ އިން ބުނެފައިވަނީ ޓުވިޓާގެ ގަވައިދުތަކާ ހިލާފު ވުމެވެ.
ޓުވީޓާ އިން އަލީ ރަމީޒު ސަސްޕެންޑް ކުރީ، ފަލަސްތީނަށް ތާއިދުކޮށް އޭނާ ކުރި ޓުވީޓުތަކެއް ސަބަބުން ކަމަށް ބުނެ، އޭނާއާ ސިޔާސީ ގޮތުން ހިޔާލު ތަފާތު ބައެއް ފަރާތްތަކުން ވެސް ވަނީ ޓުވީޓާގެ އެ އަމަލު ކުށްވެރި ކޮށްފަ އެވެ. ތިރީސް ހާހާއި ކައިރިކުރާ އަދަދަކަށް މީހުން ފޮލޯ ކުރާ އަލީ ރަމީޒުގެ ޓުވީޓާ އެކައުންޓް އަނބުރާ ހޯދައިދިނުމަށް ގިނަ ފަރާތްތަކަކުން މަސައްކަތް ކުރި އެވެ.
ހަތަރު ދުވަސް ފަހުން އަލީ ރަމީޒްގެ ސަސްޕެންޝަން ޓުވީޓާ އިން އުވާލުމުން އޭނާ މިއަދު ކުރި ޓުވީޓެއްގައި ވަނީ، އެކައުންޓް އަލުން ހޯދައިދިނުމަށް އެހީތެރިވެދިން އެންމެހައި ފަރާތްތަކަށް ޝުކުރު އަދާކޮށްފަ އެވެ.
ޓުވިޓާގެ ގަވައިދުތަކުގައި ވާ ގޮތުން ޓުވިޓާއިން އެކައުންޓެއް ސަސްޕެންޑް ކުރާނީ 8 ސަބަބަކާ ގުޅިގެންނެވެ. އެގޮތުން މީހުންނަށް ބިރު ދެއްކުމާއި ޓެރަރިޒަމަށް ހިތްވަރުދޭ މީހުންނާއި އެކަންކަން ފަތުރާ އެކައުންޓުތައް ސަސްޕެންޑް ކުރާނެއެވެ. ކުޑަކުދިންގެ ކަރާމާތް ގެއްލޭ ފަދަ ވާހަކަ ދެއްކުމާއި މީހުންނަށް ފުރައްސާރަކޮށް ގޯނާ ކުރުމުންވެސް އެކައުންޓް ސަސްޕެންޑް ކުރާނެއެވެ.
މީގެ އިތުރުން މީހުންނާ ދޭތެރޭ ނަފުރަތު އުފައްދައި ވާހަކަދެއްކުމާއި އަމިއްލަ މީހާއަށް ގެއްލުން ދިނުމާއި އަމިއްލައަށް މަރުވާން މަސައްކަތް ކުރާ ވާހަކަ ލިޔާ ނަމަވެސް އެކައުންޓް ސަސްޕެންޑް ކުރާނެއެވެ. އަދި އާންމު މިންގަނޑުތަކާ ހިލާފު ފޮޓޯތަކާއި ވީޑިއޯތައް ހިއްސާ ކުރާ ފަރާތްތަކުގެ އެކައުންޓުތައްވެސް ސަސްޕެންޑް ކުރާނެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު