ކުރިމިނަލް ކޯޓުގެ ގާޒީ އިސްމާއިލް ރަޝީދު އެ މަގާމުން ވަކި ކުރުމަށް ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ރައްޔިތުންގެ މަޖިލީހަށް ފޮނުވާފައި ވަނިކޮށް އޭނާ އެ މަގާމުން އިސްތިއުފާ ދެއްވައިފި އެވެ.

ކްރިމިނަލް ކޯޓުގެ ގާޒީ ކަމުން އިސްމާއިލް ރަޝީދު އިސްތިއުފާ ދެއްވިކަން ޖޭއެސްސީން ވަނީ 'ވަން' އަށް ކަށަވަރު ކޮށްދީފަ އެވެ. އަދި އިސްތިއުފާގެ ސިޓީ އޭނާ ޖޭއެސްސީއަށް ފޮނުވާފައިވަނީ ރޭ ދަންވަރު ކަމަށް ވެސް ވަނީ ބުނެފަ އެވެ.

މަޖިލީހުގެ ތަޅުމުން އިއްޔެ ވަނީ އެ މައްސަލަ މަޖިލީހުގެ ޖުޑިޝަރީ ކޮމެޓީއަށް ފޮނުވާފަ އެވެ.

އިސްމާއިލް ރަޝީދު ސުލޫކީ މައްސަލައެއް އެންމެ ފުރަތަމަ ފެންމަތިވެފައިވަނީ، ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ މައްޗަށް އުފުލި އެމްއެމްޕީއާރްސީ ހިޔާނާތުގެ ދައުވާތައް ބޭރު ކޮށްލުމުންނެވެ. އެކަމާ ގުޅިގެން އޭނާ ސަސްޕެންޑް ވެސް ކުރި އެވެ. އަދި ޖޭއެސްސީން އެ މައްސަލައިގެ ތަހުގީގެއް ހިންގި އެވެ.

އެ ދައުވާތައް ބޭރުކޮށްލުމާ ގުޅިގެން ޖޭއެސްސީން އިސްމާއިލް ރަޝީދުގެ މައްސަލަ ބެލުމަށްފަހު އޭނާ މަގާމުން ވަކިކުރަން ވަނީ ނިންމައިފައެވެ. އެއީ އަދީބުގެ މައްޗަށް އުފުލި ދައުވާތައް ބޭރުކޮށްލަން ކުރި ހުކުމަކީ، އެ ދައުވާ އުފުލުމުގެ ކުރިން ލިޔެފައި އޮތް ހުކުމެއް ކަމަށް އެ ކޮމިޝަންގެ ތަހުގީގަށް ސާބިތުވުމުންނެވެ.

އިސްމާއިލް ރަޝީދު މަގާމުން ވަކިކުރަން މަޖިލީހުން ނިންމާނީ، އޭނާ ވަކި ކުރުމުގެ ޕްރޮސީޖާ ޖޭއެސްސީން ކުރިއަށް ގެންގޮސްފައި ވަނީ ރަނގަޅަށްތޯ ޖުޑިޝަރީ ކޮމެޓީން ބެލުމަށްފަހު، އޭނާ މަގާމުން ވަކިކުރަން އެ ކޮމިޓީން ފާސްކޮށް އެކަމާބެހޭ ރިޕޯޓު މަޖިލީހުގެ ތަޅުމަށް ހުށަހެޅުމުންނެވެ.