ވައްކަމެއްގައި ބައިވެރިވިކަމުގެ ތުހުމަތުވާ ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑް (ވެމްކޯ)ގެ މުވައްޒަފު މަސައްކަތުގެ މަސްއޫލިއްޔަތުން އެކަހެރިކޮށްފައިވާ ކަމަށް އެ ކުންފުނިން ބުނެފިއެވެ.
ވެމްކޯގެ ޔުނިފޯމްގައި ހުރި މީހަކު ވައްކަން ކުރުމުން އެކަމުގެ ނުރުހުން ފާޅުކޮށް މީހަކު ވަނީ ސޯޝަލް މީޑިއާގައި ވީޑިއޯ އާންމުކޮށްފައެވެ.
ވެމްކޯ އިން ބުނީ، މިއަދު މީސްމީޑިއާގައި ދައުރުވަމުންދާ ވީޑިއޯގައިވާ މީހަކީ އެ ކޯޕަރޭޝަންގެ ވަޒީފާއާ ވަގުތީގޮތުން ގުޅިފައިވާ ކޮންޓްރެކްޓް މުވައްޒަފެއް ކަމަށެވެ.
"މި ހިނގައިދިޔަ ހާދިސާއަކީ އެއްވެސް ހާލަތެއްގައި ބަލައިގަންނަ ފަދަ އަމަލެއް ނޫން،" ވެމްކޯއިން ބުންޏެވެ.
ވެމްކޯއިން އިތުރަށް ބުނީ، މި މައްސަލައިގައި ޝާމިލުވާ މުވައްޒަފާ ދޭތެރޭ ވަގުތުން ފިޔަވަޅު އަޅައި މަސައްކަތުގެ މަސްއޫލިއްޔަތުން އެކަހެރިކޮށްފައިވާ ކަމަށެވެ.
މި މައްސަލައިގެ ތަހުގީގަށް ފުލުހުންނަށް ދޭންޖެހޭ ހުރިހާ އެއްބާރުލުމެއް އެ ކޯޕަރޭޝަނުން ފޯރުކޮށްދެމުން އަންނަ ކަމަށް ވެމްކޯއިން ބުންޏެވެ. އަދި މިފަދަ އެއްވެސް މައްސަލައެއްގައި ޝާމިލުވާ އެ ކޯޕަރޭޝަންގެ ކޮންމެ މުވައްޒަފަކާ މެދު ހަރުކަށި ފިޔަވަޅު އެޅުމަށް ފަސްނުޖެހޭނެކަމުގެ ޔަގީންކަން އެންމެހައި ރައްޔިތުންނަށް އަރުވާ ކަމަށްވެސް ވެމްކޯއިން ބުންޏެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު