ފ. ފީއަލީގައި ހިންގާ ކާފިއު އިތުރު ހަފުތާއަކަށް ދަމަހައްޓަން ނިންމައިފިއެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިއްޔެ ކުރި އިއުލާނެއްގައި ވަނީ މިމަހުގެ 16 ވަނަ ދުވަހު ފީއަލީގައި އެޅި ފިޔަވަޅުތައް މިއަދުން ފެށިގެން އަންނަ ހޮނިހިރު ދުވަހުގެ ނިޔަލަށް ދަމަހައްޓަން ނިންމާފައިވާ ކަމަށެވެ.
އެޗްޕީއޭ އިން ވަނީ ފީއަލީގައި ރޭގަނޑު 9:00 އިން ފަތިހު 4:00 އަށް އެއްގަމު އުޅަނދުފަހަރު ދުއްވުމާއި މަގުމައްޗާއި އާންމު ތަންތަނަށް މީހުން ނުކުތުން މަނާކޮށްފައެވެ. އަދި ޕާޓީތަކާއި ހަފުލާތަކާއި ރަސްމިއްޔާތުތައް ބޭއްވުންވެސް މަނާކޮށްފައިވެއެވެ.
އެއްފަހަރާ ތިން މީހުންނަށްވުރެ ގިނަ މީހުން މަގުމައްޗާއި އާންމު ތަންތާނގައި އެއްވެ އުޅުންވެސް ވަނީ މަނާކޮށްފައެވެ. އަދި ސެލޫންތަކާއި ޖިމްތަކާއި ބޯކޮށާ ތަންތަން ބަންދުކުރަން އަންގައި ހުރިހާ ކުޅިވަރު ހަރަކާތްތަކާއި ކަސްރަތުގެ ހަރަކާތްތައް ހިންގުންވެސް ހުއްޓާލަން އެޗްޕީއޭއިން ވަނީ އަންގައިފައެވެ.
ޔުނިވާސިޓީތަކާއި ކޮލެޖުތަކަށް ދަރިވަރުން ހާޒިރުވެގެން ކުލާސްތައް ކުރިއަށް ގެންދިއުން ހުއްޓާލުމަށާއި ހޮޓާތަކާއި ކެފޭތަކާއި ރެސްޓޯރަންޓުތަކާއި ކާބޯތަކެތީގެ ހިދުމަތްދޭ އެހެނިހެން ތަންތަނުން ދެމުންގެންދާ ހިދުމަތްތައް ހުއްޓާލުމަށް އެޗްޕީއޭއިން ވަނީ އަންގައިފައެވެ. ނަމަވެސް ޓޭކްއަވޭ އާއި ޑެލިވަރީގެ ހިދުމަތް ދެވޭނެއެވެ.
އެޗްޕީއޭއިން ވަނީ އެއް ގެއިން އަނެއް ގެއަށް ޒިޔާރަތް ކުރުން ހުއްޓާލަންވެސް އަންގައިފައެވެ. އަދި ޓެކްސީގެ ހިދުމަތްދޭ ފަރާތްތަކާއި ފިހާރަތަކުން ހިދުމަތްދޭ ފަރާތްތަކުން އެޗްޕީއޭއިން އާންމުކޮށްފައިވާ ގައިޑްލައިނާ އެއްގޮތަށް ޓެކްސީގެ ހިދުމަތް ދިނުންވެސް އިއުލާންގައިވެއެވެ.
ފީއަލި މޮނީޓަރިންގެ ހާލަތަށް ގެނެސްފައިވަނީ އެރަށުގައި ރޯގާއެއް ފެތުރެމުންދާތީވެ، ނެގި ސާމްޕަލެއް ޕޮޒިޓިވްވުމާ ގުޅިގެންނެވެ. އެރަށް މޮނީޓަރިންގެ ހާލަތަށް ގެނެސްފައިވަނީ މިމަހުގެ ދެވަނަ ދުވަހުއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު