ކޮވިޑަށް ފަރުވާ ހޯދާ މީހުންގެ ސިއްހީ ހާލަތު އާއިލާތަކާ ހިއްސާ ނުކުރަނީކީ ނޫން ކަމަށާއި އެ މައުލޫމާތުތައް ފޯރުކޮށް ނުދެވެނީ އެކަމަށް ވަގުތު ނެތިގެން ކަމަށް ހުޅުމާލޭ މެޑިކަލް ފެސިލިޓީއާ ހަވާލުވެ ހުންނެވި ހުޅުމާލޭ ހޮސްޕިޓަލުގެ ސީއީއޯ މާރިޔާ ސައީދު ވިދާޅުވެއްޖެއެވެ.

ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) ގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މާރިޔާ ވިދާޅުވީ، ހުޅުމާލޭ ކޮވިޑް ފެސިލިޓީގައި ކޮވިޑަށް ފަރުވާ ހޯދަމުން އަންނަ ބަލި މީހުންގެ ސިއްހީ ހާލަތު އާއިލާތަކަށް ހިއްސާ ކުރަން ބޭނުން ވާ ކަމަށާއި ނަމަވެސް މުވައްޒަފުންގެ މަދުކަމާއެކު އެކަމަށް ވަގުތު ނެތް ކަމަށެވެ.

"އަސްލުގައި އަޅުގަނޑުމެން ނުދޭން ތިބެނީކީ ނޫން. އެހެންނަމަވެސް ބަލި މީހުންނަށް އަޅާލާފައި އިތުރު މަސައްކަތެއްގެ ގޮތުން އާއިލާތަކަށް އެމައުލޫމާތު ފޯރުކޮށްދިނުމަށް ނަގާނެ ވަގުތާއި، އެ ވަގުތު ނުލިބޭތީވެ، ކްލިނިކަލް ފަރުވާ ދޭން ތިއްބެވި ފަރާތްތަކަށް އެކަން ނުކުރެވިގެން މިދަނީ. އެއްގޮތަކަށްވެސް ނުދޭކަށް ނޫން" މާރިޔާ ވިދާޅުވިއެވެ.

މާރިޔާ ވިދާޅުވީ، ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ތިބެނީ ހުސް ޕޮޒިޓިވް މީހުން ކަމުން އެމީހުން ކައިރިއަށް އިތުރު މީހަކު އައުމުގެ ފުރުސަތު ނެތް ކަމަށެވެ. ނަމަވެސް ވަކި ހާއްސަ ހާލަތްތަކުގައި އެހީތެރިއަކު ފެސިލިޓީގައި މަޑުކުރުމުގެ ހުއްދަ ދޭ ކަމަށް ވިދާޅުވިއެވެ.

"އެ ގޮތަށް އަންނަ މީހަކުވެސް ފެސިލިޓީގައި މަޑުކުރަން ޖެހޭނެ. ބަލި މީހާ ރަނގަޅުވަންދެން" މާރިޔާ ވިދާޅުވިއެވެ.

އެޗްއީއޯސީގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި 188 ބަލި މީހަކަށް އަންނަނީ ފަރުވާދެމުންނެވެ.