މިދިޔަ ހުކުރު ދުވަހުގެ ރޭ ހުޅުމާލޭގެ އިމާރާތެއްގެ މަތިންނާއި މާލޭގެ އިމާރާތެއްގެ މަތިން ވެއްޓުނު ދެ މީހުނަށް އައިޖީއެމްއެޗުގައި ފަރުވާ ދެމުން އަންނައިރު އޭގެ ތެރެއިން އެކަކު އޮތީ އައިސީޔޫގައި ކަމަށް އައިޖީއެމްއެޗުން ބުނެފި އެވެ.
އޭގެ ތެރެއިން އައިސީޔޫގައި ފަރުވާ ދެމުން އަންނަނީ، ހުކުރު ދުވަހުގެ ރޭ މ. އެންދެރިކުރި ހަތަރުވަނަ ފަންގިފިލާއިން ވެއްޓުނު 32 އަހަރުގެ ފިރިހެން މީހާއަށް ކަމަށް އައިޖީއެމްއެޗުން ވަނީ ބުނެފަ އެވެ. އަދި ހުޅުމާލެއިން ގެނައި 22 އަހަރުގެ ޒުވާނާއަށް ފަރުވާ ދެމުން އަންނަނީ ވޯޑުގައި ކަމަށް ވެސް އައިޖީއެމްއެޗުން ވަނީ ބުނެފަ އެވެ.
ނަމަވެސް އެ ދެ މީހުނަށް ލިބިފައިވާ އަނިޔާގެ ތަފްސީލެއް އައިޖީއެމްއެޗުން ދީފައެއް ނުވެ އެވެ. އަދި އެ ދެ މައްސަލައާ ގުޅިގެން މީހަކު ހައްޔަރު ކޮށްފައިވާ ކަން ފުލުހުން ހާމަކޮށްފައެއް ނުވެ އެވެ.